Roadha Mihaaru
ކޭން އަށް އަނިޔާވެ ޕޮޗެޓީނޯ އަށް ބޮލުގެ ރިހުމެއް

ކޭން އަށް އަނިޔާވެ ޕޮޗެޓީނޯ އަށް ބޮލުގެ ރިހުމެއް

13 މާޗް 2017

ލަންޑަން (މާޗް 13) - އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ މިލްވޯލް އަތުން 6-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭން އަށް އަނިޔާވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 13) - އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ މިލްވޯލް އަތުން 6-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭން އަށް އަނިޔާވެއްޖެ އެވެ.

ރޭގެ މެޗު ފަށައިގެން 10 ވަނަ މިނިޓްގައި ކޭންގެ ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނީ ކޭން އަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން އެނގޭނީ ޓެސްޓްތަކަށް ފަހު ކަމަށެވެ.

"ޔަގީނުން ވެސް ކޭން އަށް ހަފްތާއެއް ނޫނީ ދެ ހަފްތާއެއް ގެއްލޭނެ. މިއީ ކިހާ ސީރިއަސް އަނިޔާއެއްކަން ޔަގީންކޮށް ބުނަން އެނގޭނީ ޓެސްޓްތަކަށް ފަހު،" ޕޮޗެޓީނޯ ބުންޏެވެ.

ޓޮޓެންހަމަށް އެފްއޭ ކަޕްގެ ސެމީން ޖާގަ ހޯދައިދިން ރޭގެ މެޗުގައި އެ ޓީމުގެ ސޮން ހެއުން މިން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ތިން ލަނޑު ޖެހީ ވިންސެންޓް ޔެންސަން އާއި ޑެލޭ އަލީ އަދި ކްރިސްޓިއަން އެރިކްސަން އެވެ.

ޕޮޗެޓީނޯ ބުނީ ކޭން ނެތުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ނަމަވެސް އެއީ ދެން ތިބި ކުޅުންތެރިންނަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ކޭން އަކީ ތަފާތު މޮޅު ކުޅުންތެރިޔެއް. އެ ފެންވަރުގެ ކުޅުންޔެރިޔެއް ނެތުމަކީ ޓީމަށް ލިބޭނެ އުނިކަމެއް. އެކަމަކު ޕޮޒިޓިވް ކަމެއް ވެސް އެބައޮތް. މިއީ ދެން ތިބި ކުޅުންތެރިންނަށް ފެންވަރު ސާބިތުކޮށްދޭން ލިބޭ ފުރުސަތެއް،" ޕޮޗެޓީނޯ ބުންޏެވެ.

ޓޮޓެންހަމް މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތްއިރު އެ މަގާމަށް އެ ޓީމު ގެނައުމުގައި ކޭންގެ ދައުރު ބޮޑެވެ. ލީގުގައި މިހާތަނަށް ކޭން ވަނީ 19 ލަނޑު ޖަހައިފަ އެވެ.

ކޭން އަށް އަނިޔާވުމަކީ އިންގްލެންޑަށް ވެސް ލިބުނު ގެއްލުމެކެވެ. މި މަހު އޮތް އިންގްލެންޑްގެ ދެ މެޗު ކަމަށްވާ ލިތުއޭނިއާ އާއި ޖާމަނީއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނަގާ އިންގްލެންޑު ސްކޮޑު މި ހަފްތާ ތެރޭ އިއުލާންކުރާނެ ކަމަށް އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ދާދި ފަހުން ބުނެފަ އެވެ.