Roadha Mihaaru

ޔޮޓެއްގައި ރާއްޖެއަށް 21 މިލިއަނުގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގެންފި

އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައިގެންފި އެވެ.

ޔޮޓެއްގައި ޑްރަގްސް އެތެރެކުރަން އުޅުނު މީހުން ހައްޔަރު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 ޖެނުއަރީ 2025

އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މީހުންގެ އަތުން 12 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ޑީއާރުއައި އިން ވަނީ ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ބުދަ ދުވަހު ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި އެ މީހުންގެ ދަބަސް ބަލާފާސްކުރިއިރު އެއިން 12 ދަޅުގެ ހަޝިޝް އޮއިލް ފެނިފައިވެ އެވެ.

ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާ އެވެ. އެހެންވެ، އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 34 އަހަރާއި ޓުޓިކޮރިންއަށް ނިސްބަތްވާ 33 އަހަރުގެ ދެ މީހުންނާއި 56 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

ހައްޔަރުކުރި 56 އަހަރުގެ މީހާއަކީ ޔޮޓެއްގެ ކްރޫއެކެވެ. އަދި 30 އަހަރުގެ މީހާއަކީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) މީހެކެވެ. އެ މީހުން ރާއްޖެއަށް އެތަކެތި އެތެރެކުރުމަށް ސެކިއުރިޓީ ޗެކްޕޮއިންޓުތަކުން ސަލާމަތްކޮށްދިނުމުގެ ތުހުމަތު ކުރެވެނީ އޭނާއަށެވެ.

އެ މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ކޭސްގެ މައުލޫމާތު ހިއްސާކުރުމަށް އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.