09 ޖެނުއަރީ 2025
އެއްބަޔަކު އެއް ކޮފީން އަނެއް ކޮފީއަށް އަރައަރައި ތިއްބާ ދުވަސް ނިމިދާނެ އެވެ. އަނެއް ބަޔަކު އަބަދުވެސް ކޮންމެވެސް ކެއުމެއްގަ އެވެ. މި މީހުންގެ ޖަވާބަކަށް ވާނީ މިތަނުގައި ދެން ކުރާނެ އޮތީ ކޮން ކަމެއް ހެއްޔޭ އެވެ.
އެއްބަޔަކު އެއް ކޮފީން އަނެއް ކޮފީއަށް އަރައަރައި ތިއްބާ ދުވަސް ނިމިދާނެ އެވެ. އަނެއް ބަޔަކު އަބަދުވެސް ކޮންމެވެސް ކެއުމެއްގަ އެވެ. މި މީހުންގެ ޖަވާބަކަށް ވާނީ މިތަނުގައި ދެން ކުރާނެ އޮތީ ކޮން ކަމެއް ހެއްޔޭ އެވެ.
ދޮގެއް ނޫނެވެ. މުނިފޫހިފިލުވާލައި ކުޅިިވަރުކުޅެން މި މާލެއިން ޖާގައެއް ފުރުސަތެއް ދައްކަބަލާށެވެ. ފުޓްސަލް ދަނޑުތަކާއި އިންޑޯ ކޯޓްތަކާއި ދެން މިހެން ހުރި ކޮންމެ ތަނެއް އެއީ ހަގީގަތުގައި އާންމުންނަށް ހުރި ތަންތަނެއް ނޫނެވެ. ކޮންމެވެސް ގްރޫޕެއް، ޖަމިއްޔާއެއް، އެކަޑަމީއެއް ނުވަތަ ކްލަބަކަށް "ހިބަކޮށްފައި" ހުރި ތަންތަނެވެ.
ހުރިހާ އުމުރުފުރާތަކަށް ކަމުދާނެހެން ކުޅިވަރު ކުޅެވޭނެ އެކި ކަހަލަ އާކޭޑްތަކާއި ގޭމިން ފެސިލިޓީތަކާއި ކުޅިވަރު ކޯޓުތައް އެހެން ގައުމުތަކުގައި ހުންނަހެން ނުވަތަ ރާއްޖޭގެ ނިސްބަތުގައި ވެސް މިތާކު ނެތެވެ. ބޭނުން ވަގުތަކު ކުރެވޭނެ ކަމަކަށް އޮތީ ކަރޯކޭ ނުވަތަ ނޫނީ ކޮފީއަކަށް ދިއުމެވެ.
އާޓިފިޝަލް ބީޗުގައި ހުރި ޖޯއްޔެއްގައި މީހަކު އޮށޯވެލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެކަމަކު މީގެ އަހަރުތަކެއް ކުރިއަށް ދާއިރު، 1990 ވަނަ އަހަރު މިނިވަން 25 ފާހަގަކުރުމުގެ މުނާސަބަތުގައި ހުޅުވި ސަރުކާރު މުވައްޒަފުންގެ ނާދީ އަކީ އެ ދުވަސްވަރަށް ބަލާއިރު ހައްލެކެވެ. މިހާރު ޓާޓާ ފްލެޓްތައް އަޅަމުންދާ ބިމުގައި ގޯތިތެރެއަކާއި އިންޑޯ އެކި ކުޅިވަރުތަކާ އެކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެ ތަން ހުޅުއްވައިދެއްވީ ސަރުކާރު މުވައްޒަފުން މަސައްކަތުގެ މާހައުލުން ބޭރުން ބައްދަލުކޮށް، އެކި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބިދޭ އުފާވެރި ޖައްވެއް ތަނަވަސްކުރުމުގެ މަގްސަދުގަ އެވެ. މި ނާދީގައި ކެރަމާއި ރާޒުވާ އާއި ބެޑްމިންޓަނާއި ޕިންގްޕޮންގް ކުޅެވެން ހުއްޓެވެ. އަދި މާލޭ ފިޓްނަސް ކްލަބްގެ ޖިމެއް ވެސް ހިންގި އެވެ.
"ހާއްސަކޮށް، ތަފާތު އޮފީސްތަކުގެ މެދުގައި ހުންނަ ބައެއްކަހަލަ މައްސަލަތަކަކީ، އަޅުގަނޑު ހިތުން މިކަހަލަ އުފާވެރި ޖައްވެއްގައި، އެތަންތާނގެ މުވައްޒަފުން ބައްދަލުކޮށްލައި ވާހަކަ ދައްކާލުމުން ވަރަށް ފަސޭހައިން ހައްލުވެގެންދާނެ ކަންތައްތަކެއް. އެކަހަލަ އެއްވެސް ފުރުސަތެއް ނެތުމުން ސަރުކާރުގެ މުވައްޒަފުންނަށް އެމީހުން އަރާމުކޮށްލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ތަނެއްވެސް ނުހުރޭ. އަދި އެއީ އެމީހުންގެ ހަޔާތަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް ކަމުގައި އޮންނަނީ ފާހަގަކުރެވިފައި،" ސަރުކާރު މުވައްޒަފުންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި މައުމޫނު ވިދާޅުވި އެވެ.
އެތަން އުވި ހިނގައްޖެ އެވެ. އޭގެ ފަހުން އެކަހަލަ ކަމެއް ނެތެވެ.
ދެން ފެނުނީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ހުޅުވި އަލިމަސް ކާނިވަލުގެ ސްޓޯލްތަކެވެ. މިއަދު މިއުޒިކް ޝޯ އާއި ސިޔާސީ ސަކަރާތް ކާނިވަލުން ފެނުނަސް އެއް ޒަމާނެއްގައި އެއީ ވަކި ކުލައަކަށް ނުބަލައި އާއިލާތަކާއި ރައްޓެހިގެން ގޮސް އެކި ގޭމުތައް ކުޅެން އޮތް އުފާވެރި މާހައުލެކެވެ. ދެން މިދިޔަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ދެތިން ދުވަހަކަށް ބޭއްވި މިނިވަން އުފާ ކާނިވަލުން ވެސް އެ ފެނުނީ މިހާރުގެ ޖީލަށް ބޭނުންވެފައި އޮތް މި ފުރުސަތުތަށް އޮތް ޑިމާންޑެވެ.
މީހަކު ފާލަން މަތީ ފޯނާއި ކުޅެނީ -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު
މިފަދަ ކުޅިވަރާއި މުނިފޫހިފިލުވުމުގެ މައިދާންތަކަކީ ހަމައެކަނި ފޫހި ފިލުވުމަށްވުރެ ބޮޑަށް، އެކަކު އަނެކަކާ ބައްދަލުވެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި އެކިކަހަލަ ކުޅިވަރާއި ގޭމުތަކުން އާންމު ދިރިއުޅުމުގެ ނުތަނަވަސްކަމާއި، ސްޓްރެސް ފިލުވައިދީ، މީހާގެ ކޮގްނިޓިވް ހުނަރުތައް ތަރައްގީ ކޮށް، މައްސަލަ ހައްލުކުރުމުގެ ހުނަރު ވެސް ފަހި ކޮށްދެ އެވެ.
ގޭތެރޭގައި އަބަދު ތިބުމަށްވުރެ ބޭރު ތެރެއަށް ނުކުމެ، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ކޮންމެ އުމުރަކަސް ހުސްވަގުތުތަކުގެ ބޭނުން ހިފައި، އިޖްތިމާއީ އަދި އުފެއްދުންތެރި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތެއް ލިބި އެވެ.
ހަމަ އެގޮތަށް، މިއީ ރައްޓެހިންނާ ބައްދަލުވެ ކޮފީ މޭޒުގައި އެތައް ގަޑިއިރެއް ބޭކާރު ވާހަކަދެއްކުމުގައި ހޭދަކުރުމަށްވުރެ މާނަވީ ގޮތެއްގައި ވަގުތު ހޭދަކޮށް އުފާކޮށްލަން ލިބޭނެ ފުރުސަތެކެވެ.
މާލޭ ޓްރެކްގައި ބަޔަކު ކަސްރަތަށް ދުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ކުޅިވަރާއި ހެލިފެލިވެ އުޅުމާ ނުލައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ފުރިހަމައެއް ނުވެ އެވެ. އެކަމަކު އެކިވަރުގެ އެކިގޮތްފޮތަށް ގާ އަޅާފައި ހުރި މި ފުރަމާލެ ވަށައި ދުވުމަކީ ވެސް ކޮންމެ މީހަކަށް ކުރެވޭނެ އަދި ކުރަން ރަނގަޅު ވެސް ކަމެއް ނޫނެވެ. ދެން ދާން އޮތީ މާލޭ ދުވާ ޓްރެކަށެވެ. އެއް ލޭނުގައި ތަމްރީނުކުރަމުންދަނީ ގައުމީ ޓީމުގެ ދުވުންތެރިންނެވެ. އަނެއް ލޭނުގައި ފަރިތަކުރަނީ ކުޅިވަރު އެކަޑަމީތަކުގެ ދަރިވަރުންނެވެ. ދެން އޮތް ލޭނުގައި ފޯރީގައި ބޫޓް ކޭމްޕު ޖައްސަނީ އެވެ. އާންމު މީހާ ދުވެލާނެ ފުރުސަތެއް މިތާކު ވެސް ނެތެވެ.
ކުޅިވަރު ކޯޓުތަކުގެ ހާލަތަކީ ވެސް މިއެވެ. ފުޓްސަލް ދަނޑުތަކެއް ކޮންމެ އަަވަށެއްގައިހެން ހުރެ އެވެ. އެކަމަކު މި ދަނޑުތަކަށް ރައްޓެހިންނާ އެކީ ގޮސް ކުޅެލެވޭ ވަރަށް ވުރެ ޑިމާންޑް ބޮޑުވެފައި ޖާގަ ހޯދަން އުނދަގުލެވެ.
ބެޑްމިންޓަން ކުޅުމަށް ވެސް ގައުމީ ޓީމާއި ކްލަބުތަކާއި އަދި އާންމުންވެސް ދާންއޮތީ ހަމަ އެއް ކޯޓަކަށެވެ. ކުދިކުދި ކޮޓަރިތަކުގައި ތާށިވެފައި ތިބި ކުޑަ ކުދިންނަށް ވެސް އެއް އުމުރެއްގެ ކުދިންނާ އެކު މިފަދަ ކުޅިވަރުތައް ކުޅެން ދަސްކޮށް، އެ ހުނަރުތައް ތަރައްގީ ކުރުމުގެ ފުރުސަތުތައް ލިބެން ހުރީ އަތުން ގުނާލެވޭހާ ވެސް މަދުންނެވެ.
"ބެޑްމިންޓަން ކުޅެންޏާ މި ތިބެންޖެހެނީ ހެނދުނު 8 ޖަހާއިރަށް ބަލަބަލާ. ކިރިޔާ ވެސް ލަސްވެއްޖިއްޔާ ގިނަފަހަރު ބޭނުންވާ ގަޑިއަކަށް ނުލިބޭނެ ކޯޓެއް. ކަމާކަންފަށާ ދާން ވެސް މި ޖެހެނީ ހުޅުމާލެ. އެކަމަކުވެސް ހަމަ ކުޅެން ބޭނުންވާތީ ދަނީ،" އާންމުކޮށް ބެޑްމިންޓަން ކުޅެންދާ ޒުވާނަކު ބުންޏެވެ.
ކުދިންތަކެއް މާލޭގައި މޫދަށް އެރެނީ -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު
މިފަދަ ކުޅިވަރާއި މުނިފޫހިފުލުވުމުގެ ހަބްތަކަށް އެންމެން ވެސް މި ތިބީ ކެތްމަދުވެފަ އެވެ. ތަރައްގީވަމުން އަންނަ ސިޓީތަކުގައި އެންމެ މަގްބޫލު ތަންތަނަކީ ވެސް މިއީ އެވެ. އީ ސްޕޯޓްސް އެރީނާތަކާއި ވީއާރް ގޭމިން ސެންޓަރުތަކުގެ ވިޔަފާރި 2030 އާ ހަމައަށް 65.5 ބިލިއަނަށް އަރާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރާއިރު ރާއްޖޭގައި ވެސް މި ދާއިރާ ފުޅާކުރެވޭނެކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.
މީގެ އިތުރުން ތަފާތު އުފެއްދުންތެރި ފަންނުތައް ވެސް މުނިފޫހި ފިލުވުމުގެ ގޮތުން އަޖުމަ ބަލާލެވޭނެ ފުރުސަތުތަކެއް ފަހިވާން ޖެހެ އެވެ. އޮއެވާލި އާޓް ފިހާރައިގެ "ޕޯ އަ ކޭންޑަލް" ތަޖުރިބާ އާއި ކްލޭސްޓޫޑިއޯގެ އެކި ސެޝަންތަކަށް އޮތް ޑިމާންޑް މިކަމުގެ ހެއްކަކަށް ފުދެ އެވެ.
"ވަރަށް ޑިމާންޑް އޮވޭ. އެންމެ ގިނައިން އަންނަނީ 20-30 އަހަރުގެ ޒުވާނުން. ރައްޓެހިންނާއި، ކަޕްލްސް އަށް ހާއްސަ ޕޮޓަރީ އަދި ޑޭޓް ނައިޓް ކްލާސްތަކަށް ވެސް ޑިމާންޑް ބޮޑު. އަދި ޗުއްޓީތަކާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަކޮށް ބާއްވާ ސެޝަނަށް ވެސް ބޮޑު ތަރުހީބެއް ލިބޭ،" ކްލޭ ސްޓޫޑިއޯގެ މާކެޓިން ޓީމުގެ ފަރާތުން ބުންޏެވެ.
މި ނޫނަސް، މިފަދަ އާކޭޑްތަކާއި ގޭމިން ސެންޓަރާއި ކުޅިވަރު ކުޅޭނެ މައިދާންތަކުން މިހާރު ގެތަކުގައި، އެކަހެރިވެ، ސްކްރީނަށް ގެއްލިފައި ތިބޭ ޅަ ޒުވާނުންނަށް މީހުންނާ ބައްދަލުވެ ގުޅުން ބަދަހިވުމުގެ ފުރުސަތު ފަހިވާނެ އެވެ.
މާލެ ވަށައި ޓްރެކެއް ހަދަން މަގުހެދުން މަޑުޖައްސާލައިފި
ވެހިކަލް މަނާކުރީ އެއްވުންތައް ހުއްޓުވަން: އެޗްޕީއޭ
އެސްބީއައިގެ ސެކިއުރިޓީއަކަށް ހުރި މީހަކަށް ހަމަލަދީފި
މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި
ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި
މާލޭގެ ފަޅުތެރެ ސާފުުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ
މަގުމަތިން ރޯދަ ވީއްލަން އެހީތެރިވެދޭނެ މީހުން ހޯދަނީ
އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ
ރޭގެ މާރާމާރީގައި ހައްޔަރުކުރި 4 ކުދިން ދޫކޮށްލައިފި
ޓްރެކް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ