Roadha Mihaaru
އާޓެޓާ ބުނީ މިވަރުގެ ގޯސް ޕެނަލްޓީއެއް ނުދެކޭ ކަމަށް

އާޓެޓާ ބުނީ މިވަރުގެ ގޯސް ޕެނަލްޓީއެއް ނުދެކޭ ކަމަށް

05 ޖެނުއަރީ 2025

ޕްރިމިއާ ލީގުގައި ރޭ އާސެނަލާ ދެކޮޅަށް 1-1 ބްރައިޓަން ހޯވް އެލްބިއަން އިން ނަތީޖާ ހަމަހަމަ ކުރި ޕެނަލްޓީ ދިން ގޮތާ މެދު އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ސުވާލު އުފައްދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްރިމިއާ ލީގުގައި ރޭ އާސެނަލާ ދެކޮޅަށް 1-1 ބްރައިޓަން ހޯވް އެލްބިއަން އިން ނަތީޖާ ހަމަހަމަ ކުރި ޕެނަލްޓީ ދިން ގޮތާ މެދު އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ސުވާލު އުފައްދައިފި އެވެ.

އީތަން ނުވާނޭރީގެ ގޯލުން ފުރަތަމަ ހާފުގައި އާސެނަލުން ލީޑު ނެގި އެވެ. ދެ ވަނަ ހާފުގައި ޖޮއާ ޕެޑްރޯ ބްރައިޓަން އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ސުވާލު އުފެދުނު އެ ޕެނަލްޓީންނެވެ. މެޗުން އެއްވަރުވުމުން ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި އާސެނަލްގެ އުއްމީދުތައް ވަނީ ފަނޑުވެފަ އެވެ. މެޗުން މޮޅުވެގެން، ލިވަޕޫލާ ތިން ޕޮއިންޓަށް ކައިރިއަށް ޖެހިލުމުގެ ފުރުސަތު އާސެނަލް އަށް ލިބުނީހެވެ. އެކަމަކު ހޯދި ޕޮއިންޓާ އެކު އޮތީ ފަސް ޕޮއިންޓްގެ ފަރަގެކެވެ.

ބްރައިޓަންގެ ޕެނަލްޓީއަކީ އާސެނަލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާ ފައުލުކުރި ކަމަށް ބަލައި ދިން ޕެނަލްޓީއެކެވެ. ބޯޅައިގައި ބޮލުން ޖަހަން ސަލީބާ މަސައްކަތް ކުރުމުން އޭނާގެ ގައިގައި ޖެހިފައި ޕެޑްރޯ އޭރިއާގެ ތެރެއަށް ވެއްޓުނެވެ. އެއީ ފައުލެއްކަމަށް ދައްކަން ރެފްރީ އެންތޮނީ ޓޭލާ ވަގުތުކޮޅެއް ނެގި އެވެ. މައްސަލަ ނިންމަން ޖެހުނީ ވީއޭއާރް މެދުވެރިކޮށެވެ.

އެ ޕެނަލްޓީއާ މެދު އާޓެޓާ ސުވާލު އުފެއްދީ ޕެނަލްޓީއެއް ދޭވަރުގެ ކަމެއް ނުހިނގާ ކަމަށް ބުނެ އެވެ. އޭނާ ބުނީ އޭނާގެ މުޅި ހަޔާތުގައި ވެސް އެވަރުގެ ނިންމުމެއް ނުދެކޭ ކަމަށެވެ.

"އަހަރެމެން ހަގީގަތުގައި ވެސް މާޔޫސްވި ގޯލަކާ ގުޅުން ހުރި ނިންމަކާ މެދު (އެކަހަލަ ގޮތަކަށް ނިންމީމާ). ސަބަބަކީ އަހަރެންގެ ހަޔާތުގައި މިކަހަލަ ކަމެއް ނުފެންނަތީ. އޭނާ ބޯޅަގައި ވެސް ޖަހާ،" އާޓެޓާ ބުންޏެވެ.

ޕްރިމިއާ ލީގުގެ މެޗު ސެންޓާ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައި ވަނީ ޕެނަލްޓީއެއް ކަމަށް ނިންމީ "އެކަށީގެންވާވަރުގެ ކަމެއް ހިނގާފައިވުމުން" ކަމަށެވެ.

އާޓެޓާ ބުނީ މެޗުން އާސެނަލް އަށް މޮޅު ނުވެވުނީ އެ ޕެނަލްޓީގެ ސަބަބުން ނޫން ކަމަށެވެ. އޭނާގެ ޓީމަށް މެޗުގައި ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށް އެ ކްލަބްގެ ކުރީގެ ކެޕްޓަން ބުންޏެވެ.