Roadha Mihaaru

އޭބީސީ ނިއުސް އިން 15 މިލިއަން ޑޮލަރު ދިނުމުން ޓްރަމްޕުގެ އަބުރުގެ ދައުވާ ގެންގޮސްފި

އޭބީސީ ނިއުސްއާ ދެކޮޅަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާ، 15 މިލިއަން ޑޮލަރު ދިނުމުން އަނބުރާ ގެންދަން ނިންމާފައިވާކަން ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެ އެވެ.

ޓްރަމްޕުގެ އަބުރުގެ ދައުވާ ގެންދަން 15 މިލިއަން

އޭބީސީ ނިއުސްއާ ދެކޮޅަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާ، 15 މިލިއަން ޑޮލަރު ދިނުމުން އަނބުރާ ގެންދަން ނިންމާފައިވާކަން ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެ އެވެ.

އޭބީސީ ނިއުސްގެ މައްޗަށް ޓްރަމްޕް ދައުވާކުރެއްވީ އެތަނުގެ އިސް ނިއުސް އެންކަރެއް ކަމަށްވާ ޖޯޖް ސްޓެފަނޯޕޮލޮސް، އެމެރިކާގެ ރެޕްރެޒެންޓޭޓިވް ނޭންސީ މެސްއާ ކުރި އިންޓަވިއުއެއްގައި ޓްރަމްޕަކީ "ރޭޕްގެ މައްސަލައެއްގައި ޒިންމާވާން ޖެހޭ" މީހެއް ކަމަށް ބުނި މައްސަލައިގަ އެވެ.

ދައުވާ އަނބުރާ ގެންދިއުމަށް ހަދާފައިވާ ސެޓްލްމަންޓްގެ ޝަރުތުތަކުގެ ދަށުން ޓްރަމްޕަށް "ޕްރެޒިޑެންޝަލް ފައުންޑޭޝަނަކާއި މިއުޒިއަމަކަށް" ހާއްސަ ކޮށްފައިވާ ފަންޑަކަށް އޭބީސީ ނިއުސް އިން 15 މިލިއަން ޑޮލަރު ހަދިޔާކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ނިއުސް އޯގަނައިޒޭޝަނާއި ސްޓެފަނޯޕޮލޮސް ވެސް، ޓްރަމްޕާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ މެދު އާންމުންގެ ކިބައިން މާފަށް އެދެން ޖެހެ އެވެ. އަދި ވަކީލް ފީގެ ގޮތުގައި އިތުރު އެއް މިލިއަން ޑޮލަރު ދައްކާނެ އެވެ.

ލިޔުންތެރިޔާ އީ ޖީން ކެރޯލް 2023 ވަނަ އަހަރު ހުށަހެޅި މައްސަލައެއްގައި، ޖިންސީ ގޯނާގެ ކުށުގެ ޒިންމާ ޓްރަމްޕް އުފުލަން ޖެހޭ ކަމަށް ނިންމާފައިވެ އެވެ. އެއީ ނިއު ޔޯކްގެ ގާނޫނައި ރޭޕްގެ ކުށާ ތަފާތު ކުށެކެވެ.

އަބުރުގެ ދައުވާގައި ޓްރަމްޕަށް މި ލިބިވަޑައިގަތް ކާމިޔާބީ އަކީ އޭނާއަށް ކޯޓުތަކުން ލިބެމުން އަންނަ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ކަމެކެވެ. އެމެރިކާގެ އިސްތިއުނާފީ ކޯޓަކުން މިދިޔަ މަހު ވަނީ ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމަށް ފަހު ޓްރަމްޕް ސިއްރު ލިޔުންތައް ގެންގުޅުނު ކަމަށް ބުނާ ދައުވާތައް ބާތިލްކުރަން ވެސް ހުއްދަ ދީފަ އެވެ.

އެމެރިކާގެ ސްޕެޝަލް ކައުންސެލް ޖެކް ސްމިތު ވެސް ވަނީ 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން ޓްރަމްޕް މަސައްކަތްކުރި ކަމުގެ މައްސަލަ ވެސް މަޑުޖައްސާލައިފަ އެވެ.

ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ހަމައެކަނި ދައުވާގައި އަދަބު ކަނޑައެޅުން ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެއީ އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރެއްވި އިރު ކެމްޕެއިން ތެރޭ އޭނާއާ ދެކޮޅު ވާހަކަތަަކެއް ހުއްޓުވަން ކެމްޕެއިން ފައިސާއިން ހަރަދުކޮށް އެކަމާ ގުޅޭ ލިޔެކިޔުންތަކާއި ހިސާބުތައް އޮޅުވާލި މައްސަލައިގެ ދައުވާ އެވެ.

ބަރަހަނާ ފިލްމު ކުޅޭ މީހެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަ އޭނާ ދައްކަފާނެތީ ޓްރަމްޕް އޭނާގެ ވަކީލް މެދުވެރިކޮށް ޑެނިލިއަލްސް އަށް ކެމްޕެއިން ފައިސާއިން 130،000 ޑޮލަރު ދިންކަން އޮތީ ސާބިތުވެފަ އެވެ.