26 ނޮވެމްބަރ 2024
އައްޑޫގެ ރަށްތަކުން ގަސް ކެނޑުން "ހައްދުން ނައްޓާފައިވާ" ކަމަށް ބުނެ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައްޑޫގެ ރަށްތަކުން ގަސް ކެނޑުން "ހައްދުން ނައްޓާފައިވާ" ކަމަށް ބުނެ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސޭވް މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އަދި އިކޯ ކެއާ މޯލްޑިވްސް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ އައްޑޫގެ ހުރިހާ ރަށްތަކެއްގައި ގަސްކެނޑުމާއި އުފުރުމުގެ ސިލްސިލާ އަމަލުތަކެއް އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރަމުން ގެންދާ ކަމަށެވެ. އެ އަމަލުތަކަކީ އެއްވެސް އިންތިޒާމެއް އަދި ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ އަމަލުތަކެއް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ރަށްރަށުގެ ރުއްގަސް، އަދި ހާއްސަކޮށް ހޭޅިފަށަކީ ގާނޫނީ ގޮތުން ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމަށާއި ހޭޅިފަށަކީ ރަށެއްގެ ރައްކާތެރިކަމާއި "މޫސުމީ ހިރާސްތަކުން ރަށް ހިމާޔަތްކޮށް ރަށުގެ ވިލުންވެރިކަން ދަމަހައްޓާ ވަރުގަދަ ދިފާއެއް" ކަމަށެވެ. އެކަމަކު، އައްޑޫގައި އެ ތަންތަނުން ވެސް ގިނަ އަދަދެއް ގަސްތައް ކަނޑަމުން އަންނަ ކަމަށާއި އައްޑޫގެ ރަށްތަކުގެ ހޭޅިފަށަކީ ގާނޫނީ ހިމާޔަތް ނުލިބޭ ތަންތަނަށް މިހާރު ވެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
They said plant trees. They said it would give shade and peace of mind .. pic.twitter.com/4MYTbsxvCG
— Ahmed Zahid (@ahmedzahid) November 25, 2024
އައްޑޫ ހިތަދޫގެ ރައްޔިތުންނާ ހާއްސަ ގުޅުމެއް އުފެދިފައިވާ މަޝްހޫރު ތާރީހީ ތަރިކައެއް ކަމަށްވާ "ރުއްފަށާ" ރައްޔިތުންގެ ހިޔާލެއް، މަޝްވަރާއެއް ހޯދުމެއް، އަދި އެންގުމެއް ވެސް ނެތި، އައްޑޫ ސިޓީ ކައުންސިލުން މާޗު، 2022 ގައި ނައްތާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހިތަދޫގެ ޝަރަފުއްދީން ސްކޫލް ސަރަހައްދުގައި ހުރި ޒަމާންވީ ގަސްތަކާއި އައްޑޫ ގަމުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ވެސް ނައްތާލާފައިވާ ކަމަށާއި އެއީ މުޅި އަތޮޅަށާއި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާ އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
"މިފަދަ ޒަމާންވީ ގަސްގަހާގެއްސަކީ އަތޮޅުގެ މަސައްކަތްތެރި ކާބަފައިންގެ ދުރުވިސްނޭ ކަމުން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދެވެމުން އައި ގުދުރަތީ މުއްސަނދިކަމުގެ ހަޒާނާއެކެވެ. މި ގަސްތަކަކީ އަތޮޅުގެ ދޫނިސޫފާސޫފީގެ މުއްސަނދިކަން ދަމަހައްޓާ ރައުސްމާލެވެ. މި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ނައްތާލުމަށް ފަހު އަލުން އިޔާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުންޏެވެ.
އައްޑޫގެ ލިންކް ރޯޑުގައި ހުރި ގަސްތަކެއް: އައްޑޫން ގަސް ކެނޑުން "ހައްދުން ނެއްޓުމުން" ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: އަހްމަދު ޒާހިދު
އެ ބަޔާނުގައި ބުނި ގޮތުގައި، ހިތަދޫގެ ފެހެލިކިޅީގެ ބައެއްގެ އިތުރުން މެދެއާރިކިޅިއާ އިންވެގެން އޮތް ގަސްގަހާގެހީގެ "ބަފާ ޒޯން"އެއް ވެސް މިފަހުން ސިޓީ ކައުންސިލުން ނައްތާލާފައިވެ އެވެ. އެ "ބަފާ ޒޯން"އަކީ މި އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފާސްކޮށްފައިވާ ހިތަދޫގެ ބިމާ ބެހޭ ޕްލޭނުގައި ފެހި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ކަނޑައަޅާފައިވާ ތަނެކެވެ.
• އައްޑޫ ސިޓީ ކައުންސިލުން ގަސްތައް ކެނޑީ އީޕީއޭގެ ހުއްދަ ހޯދައިގެންކަން އެނގެން ނެތުމާއި ގަސްތައް ކެނޑުމުން ތިމާވެއްޓަށް ލިބޭނެ ގެއްލުމުގެ ރިޕޯޓެއް ތައްޔާރުކުރަން ގާނޫނުން ލާޒިމުކޮށްފައި ވިޔަސް އެކަން ކުރިކަން އެނގެން ނެތުން.
• އައްޑޫގައި އަލަ ދަނޑުތައް ގެންގުޅޭ ދަނޑުވެރިންނަށް އެކަށީގެންވާ ނޯޓިސް އަދި ބަދަލު ދިނުމެއްނެތި އެމީހުންގެ މަސައްކަތަށް ހުރަސްއަޅައި އާމްދަނީގެ ވަސީލަތުން މަހުރޫމުކޮށް، މުދަލަށް ގެއްލުންދިނުން.
• ރައްޔިތުންނާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އައްޑޫ މީދޫގެ ހޭޅިފަށާއި ކައިރީގައިވާ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ދީފައިވުން.
• ހުޅުމީދޫގެ ހޭޅިފަށުގައި ހުރި ގަސްތަކަށް ގެއްލުން ދީފައިވުން.
• އައްޑޫ ގައުކެނޑި އަދި ހަންކެޑެގެ ހޭޅިފަށަށް ވެސް ބޮޑެތި ގެއްލުންތައް ދީފައިވުން.
އައްޑޫގެ ލިންކް ރޯޑުގައި ހުރި ގަސްތަކެއް: އައްޑޫން ގަސް ކެނޑުން "ހައްދުން ނެއްޓުމުން" ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: އަހްމަދު ޒާހިދު
ޖަމިއްޔާތަކުން ބުނި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލުން ރުއްގަސް އުފުރަމުންދާ އެއް ސަބަބެއް ކަމަށް ބުނެފައި ވަނީ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަމަށެވެ. ނަމަވެސް، އެއީ ބަލައި ގަނެވޭނެ އުޒުރެއް ނޫން ކަމަށާއި ސަރުކާރުން ވަނީ ރައްޔިތުންނަށް ގޯތި ދިނުމުގެ ބޭނުމުގައި 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫ އަތޮޅުގެ ހުޅަނގު ފަރާތުގެ ހުރިހާ ރަށެއްގެ ފަރުތަކަށް އިންތިހާއަށް ގެއްލުން ލިބޭނެ ގޮތަށް ފަޅުތައް ހިއްކާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި ގެއްލުމުގެ އެއްބައި އަންދާޒާ ކޮށްފައި ވަނީ ޔޫއެސް ޑޮލަރު 343 މިލިއަނާއި 848 މިލިއަނާއި ދެމެދުގެ އަދަދަކަށެވެ. މި ހިއްކުން ހިއްކާފައި ވަނީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް އައްޑު އަތޮޅުގެ ގެދޮރުގެ ބޭނުންތައް ފުއްދޭނެ މިންވަރަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވެ އެވެ. ނަމަވެސް، ފެންނާން އޮތް ހަގީގަތަކީ 2016 ގައި ހިއްކާފައިވާ ފޭދޫގެ ފަރުގެ ސަރަހައްދުގައި ވެސް އަށް އަހަރު ފާއިތުވީއިރު ވެސް ގެދޮރު އެޅިފައި ނުވާ ތަނެވެ،" އެ ބަޔާނުގައިވެ އެވެ.
We need to figure out a way to construct roads without removing trees that have been growing for a long time. Prior to the construction for the SAARC Summit, the main street of Hithadhoo in Addu was similarly shaded with large trees in the middle. Today it's so hot. pic.twitter.com/i6fNl7KusN
— Dhivehi Archives by Naajih Didi (@NaajihDidi) September 26, 2022
ޖަމިއްޔާތަކުން ބުނީ އައްޑޫ ސިޓީ ކައުންސިލުން ރުއްގަސް ކެނޑުމުގެ ހަރަކާތްތައް ހިންގުމުގައި ހައްދުން ނެއްޓި، އެ ކަންކަން ކުރަމުން ގެންދާ ނިޔަތާއި މަގުސަދު ކިލަނބުވެފައި ވުމަކީ ރައްޔިތުންގެ މެދުގައި އެ ކައުންސިލަށް އޮތް އިތުބާރު ގެއްލޭ ކަމެއް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މި އަމަލުތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ޖަމިއްޔާތަކުން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.
އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
ސްޓެލްކޯއިން 30،000 އަށްވުރެ ގިނަ ގަސް އިންދައިފި
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
އައްޑޫ މަތިކިޅިއަށް ވަންނަން ދިވެހިންގެ އަތުން 10ރ.
ހުޅުމާލެއިން އިތުރު ފިތުރޯނު ގަސްތައް ނަގަނީ
ރާއްޖޭގައި ތިމާވެށީގެ މަޖިލިސްތަކެއް ބާއްވަނީ
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
ބީއެމްއެލްގެ ފެހި ޕްރޮޖެކްޓްގެ ރަށްތައް އިއުލާނުކޮށްފި
ސީލް އަަށް ކާންދީ، އުނދަގޫ ނުކުރަން އެދިއްޖެ