24 ނޮވެމްބަރ 2024
ފޮރިން ސާވިސްގެ ގާނޫނަށް 2021 ގައި އަމަލުކުރަން ފެށި ހިސާބުން ވެސް ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުން އަންނަނީ އެ ގާނޫނާ ހިލާފަށް ކަމަށް އެ މިނިސްޓްރީން ދިން މައުލޫމާތުން ހާމަވެއްޖެ އެވެ.
ފޮރިން ސާވިސްގެ ގާނޫނަށް 2021 ގައި އަމަލުކުރަން ފެށި ހިސާބުން ވެސް ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުން އަންނަނީ އެ ގާނޫނާ ހިލާފަށް ކަމަށް އެ މިނިސްޓްރީން ދިން މައުލޫމާތުން ހާމަވެއްޖެ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން، މަގާމުގެ ވާޖިބު އަދާކުރަން ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަ އެވެ. އެކަމަކު އެއީ އެއްވެސް ލިމިޓެއް ނެތި ލިބިދޭ ބާރެއް ކަމަށް ވިޔަސް ފޮރިން ސާވިސްގެ ގާނޫނުން އެ ދާއިރާ އަށް އައްޔަން ކުރެވޭ ސިޔާސީ މަގާމުތައް އޮންނަނީ ލިމިޓްކޮށްފަ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން، މާއްދާގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަން ކުރަން ވާނީ، ފޮރިން ސާވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 ޕަސެންޓަށް ވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންނެވެ. އެގޮތުން:
- ގާނޫނުގެ (1) ގައި ބުނަނީ މިނިސްޓްރީގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި މިނިސްޓަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުމަށް "މިނިސްޓަ އޮފް ސްޓޭޓް" ގެ މަގާމަށާއި "އެމްބެސެޑާ-އެޓް-ލާޖް" ގެ މަގާމަށާއި "މިނިސްޓަރުގެ ނާއިބު" ގެ މަގާމަށް އައްޔަންކުރާ މުވައްޒަފުން؛
- (4) ގައި ބުނަނީ ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން، ކަނޑައެޅޭ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް، ފޮރިން ސާވިސް އިން ބޭރުން އައްޔަންކުރާ މުވައްޒަފުން.
ޖުމްލަ ގޮތެއްގައި މި ދެ މާއްދާގައި ބުނަނީ ސިޔާސީ މުވައްޒަފުންގެ ވާހަކަ އެވެ.
ފޮރިން މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދު "މިހާރު" އިން އެދުމުން ވެސް ނުދީ ހިފެހެއްޓުމަށް ފަހު، އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި ތިބީ ޖުމްލަ 269 މުވައްޒަފުންނެވެ. އޭގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދަކީ 129 އެވެ. ފޮރިން ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބީ އަދި 140 މީހެކެވެ.
މި އަދަދުތަކަށް ބަލާއިރު، ފޮރިން ސާވިސްގެ ޖުމްލަ 140 މުވައްޒަފުންގެ 20 ޕަސެންޓަކީ 28 އެވެ. އެ އަދަދަށް ވުރެ ގިނައިން ފޮރިން ސާވިސްގެ ބޭރުން އައްޔަންކުރާ ކޮންމެ މުވައްޒަފެއް ވާނީ ގާނޫނާ ހިލާފަށް އައްޔަންކުރާ މުވައްޒަފަކަށެވެ. މިހާރު ސިޔާސީ މުވައްޒަފުން ތިބި އަދަދަށް ބަލާއިރު ފޮރިން ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދުގެ 48 ޕަސެންޓަށް ސިޔާސީ މުވައްޒަފުން ވަނީ އައްޔަންކޮށްފަ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގައި މި މާއްދާ ބަޔާންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފޮރިން ސާވިސްގެ މުވައްޒަފުންނަށް އިސްކަންދިނުމާއި އެއީ ވަކި ދާއިރާއެއްގެ ގޮތުން މުވައްޒަފުންނަށް ކުރިއަށް ދެވޭނެ މަގެއްގެ ގޮތުގައި ބޭއްވުމެވެ.
ނަމަވެސް، ބޭރު އެމްބަސީތަކުގެ މަގާމުތަކަށް ފޮރިން ސާވިސްގެ މުވައްޒަފުންނަށް ވުރެ އިތުރަށް ކޮންމެ ސަރުކާރަކުން ވެސް ފޮރިން ސާވިސްގެ ބޭރުން ސިޔާސީ މުވައްޒަފުން އައްޔަންކުރާ ކަމުގެ ޝަކުވާ އޮންނަނީ ބޮޑުވެފަ އެވެ.
މިދިޔަ ސަރުކާރު ނިމުނުއިރު ފޮރިން މިނިސްޓްރީގައި ތިބީ 253 މުވައްޒަފުންނެވެ. އޭގެ ތެރެއިން 116 މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފުން އަދި 137 މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީގައި މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މިދިޔަ ސަރުކާރަށް ވުރެ ގިނަ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު މިދިޔަ ސަރުކާރުގައި ވެސް އޮތީ ފޮރިން ސާވިސްގެ ގާނޫނު ބުނާ ހަމައަށް ވުރެ ގިނަކޮށެވެ.
ފޮރިން މިނިސްޓްރީގައި ތިބީ ސިޔާސީ 129 މުވައްޒަފުން
"މުވައްޒަފުންގެ ނަން ނުދިނީ ކޯޓުގެ ހުކުމެއް އޮތީމަ"
ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް:ސަރުކާރު
ފޮރިން މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ނުދިން
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
ހިންނާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި
ޒުލްފާ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި
ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި