06 މާޗް 2017
އިމާދުއްދީން ސްކޫލުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުންތައް ފޮތީގައި ޕްރިންޓްކޮށް، ފެޝަން ޑިޒައިނަރު ނާޒިޔާ އިސްމާއީލާއި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ ތައްޔާރުކުރި ބައެއް ހެދުންތައް މިރޭ ދައްކާލައިފި އެވެ.
އިމާދުއްދީން ސްކޫލުގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުންތައް ފޮތީގައި ޕްރިންޓްކޮށް، ފެޝަން ޑިޒައިނަރު ނާޒިޔާ އިސްމާއީލާއި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ ތައްޔާރުކުރި ބައެއް ހެދުންތައް މިރޭ ދައްކާލައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިމާދުއްދީން ސްކޫލުގައި ކިޔަވައިދޭ ސެން ކްލާހުގެ ދަރިވަރުންނަށް ފައިސާ ހޯދުމަށް "އާޓިސްޓިކް ޓޭލްސް އޮފް ޖެވެލް"ގެ ނަމުގައި މަރީ އާއި ނާޒިޔާ ފެށި މި ޕްރޮޖެކްޓުގައި ތައްޔާރު ކުރާ ހުރިހާ ހެދުމެއްގައި ވެސް ބޭނުންކޮށްފައި ހުންނާނީ އެ ދަރިވަރުން ކްލާހުގައި އަމިއްލަ އަށް ކުރަހާފައިވާ ތަކެއްޗެވެ.
ސެންގެ ކުދިން ތައްޔާރުކޮށްފައިވާ ޑިޒައިނެއް ހިމަނައިގެން ނާޒިޔާ ފަހާފައިވާ ހެދުމުގައި ނޫސްވެރިޔާ އާސިޔަތު މުހައްމަދު ސައީދު (ކ) ދަރިވަރަކާއެކު ރޭމްޕުގައި ހިނގާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި ހަފުލާއެއްގައި، މި ޕްރޮޖެކްޓުގެ ދަށުން ތައްޔާރު ކުރި ފުރަތަމަ ހެދުންތައް ވަނީ ދައްކާލައިފަ އެވެ. އޯޓިޒަމް އާއި ޑައުންސިންޑްރޮމް އާއި ދަސްކުރުމުގެ އުނދަގޫތައް ފަދަ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން އަމިއްލަ އަށް ކުރަހާފައިވާ ކުރެހުންތައް ޕްރިންޓްކޮށްފައިވާ ފޮތިން، ނާޒިޔާ ފަހާފައިވާ ހެދުންތައް ދައްކައިލީ ސެންގެ ބައެއް ދަރިވަރުންނާއެކު އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ މީހުންނެވެ.
އެގޮތުން މަޝްހޫރު ފުޓުބޯޅަކުޅުންތެރިންނާއި ނޫސްވެރިންނާއި ޕައިލެޓުންނާއި ލަވަކިޔުންތެރިން ވެސް، އެ ހެދުންތައް ލައިގެން ރޭމްޕުގައި ހިނގައިލި އެވެ.
ދަރިވަރުންގެ މި ހުނަރުވެރިކަމަށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވެސް ވަނީ ތައުރީފު ކުރައްވައިފަ އެވެ.
ސެންގެ ކުދިން ތައްޔާރުކޮށްފައިވާ ޑިޒައިނެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ހެދުމެއްގައި ލަވަކިޔުންތެރިޔާ ޝަލަބީ އާއި ދަރިވަރަކު ރޭމްޕުގައި ހިނގާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން މިޝްރާ ވިދާޅުވީ، އިމާދުއްދީން ސްކޫލުން އެ ދަރިވަރުންނަށް ބޮޑު ސަމާލުކަމެއް ދީގެން، އެ ކުދިންގެ ހުނަރު ތަަރައްގީ ކުރުމަށް ކުރާ މަސައްކަތަކީ ވަރަށް ބޮޮޑު ހިތްވަރެއް ކަމެވެ.
މި ހަފުލާގެ ހާއްސަ މެހެމާނު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވަނީ އިމާދުއްދީނާއި މަރީ އާއި ނާޒިޔާގެ މި މަސައްކަތަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ މާތް މަސައްކަތެއް ކަމަށާއި ދަރިވަރުންގެ އެ ހުނަރުވެރި ކަމަކީ ހައިރާންކުރަނިވި އަދި އަސަރު ހުރި ކަމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު އަމިއްލަ ގޮތުން ވެސް އަދި މަސީން ވެސް މި މަސައްކަތް ކުރިއެރުވުމަށް އެހީތެރިވެދޭނަން،" ޖަނާހު ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި އިމާދުއްދީންގެ ސެން ކްލާހުގެ ބައެއް ޓީޗަރުންނާއި ޑިޒައިނަރު ނާޒިޔާ (ވ) ގައި ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ޕްރޮޖެކްޓާ ގުޅޭގޮތުން މަރީ ބުނީ މިއީ މި ޝޯގެ ކުޑަ ދައްކައިލުމެއް ކަމަށާއި ޕްރޮޖެކްޓުގެ ދަށުން ތައްޔާރު ކުރާ ހެދުންތަކާއެކު، ބޮޑު ޝޯ ބާއްވާނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.
"މިހާރު"އަށް ކުރިން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ މިފަދަ ކުދިންނަކީ ކުރެހުމަށް ލޯބިކުރާ އެކަމަށް ހުނަރުވެރި ކުދިންތަކެއް ކަމަށާއި މި ކުދިންގެ ހުނަރު ބޭނުންކޮށްގެން، ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދިދާނެ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތު މަރީ ތައާރަފް ކޮށްދެނީ: މިއީ އޭނާ އާއި ނާޒިޔާ އިސްނަގައިގެން ފެށި ޕްރޮޖެކްޓެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިއީ ހަމައެކަނި އެ ކުދިން ކުރަހާ ތަސްވީރުތަކެއް ނޫން. އެކި ކަންކަމާ ގުޅޭ ގޮތުން އެ ކުދިން ދެކޭ ގޮތް. ޕޮލިޓިކްސްއާ މެދު ދެކޭގޮތް ވެސް ވަރަށް ކްރިއޭޓިވް އެ ކުދިން ހުންނާނެ ކުރަހާފައި،" މަރީ ބުނެފައި ވެ އެވެ.
މި މަޝްރޫއު މަރީމެން ކުރިއަށް ގެންދަނީ ހުރިހާ ފައިދާއެއް ދަރިވަރުންނަށް ލިބޭ ގޮތަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުރެހުން ހެދުމުގައި
ޝަތޫ މިސްގެ 22 އަހަރު ހާއްސައީ އެކުދިންނަށް
އޯޓިޒަމް ކުދިންނަށް ޚާއްސަ ޑިސްކައުންޓެއް ދެނީ
ޑރ. ފަޒްނާ: އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދީފި
އޯލް އިންކްލޫސިވް ޕްލޭ އޭރިއާއެއް މިއަދު ހުޅުވަނީ
ފުރަތަމަ އޯޓިސްޓިކް ހަތީބު މާދަމާ ހުކުރު ކުރާނެ
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލޯނު ދޫކުރަނީ!
ރަން ކާމިޔާބީ ހޯދި ޓީމަށް ޝަރަފުވެރި މަރުހަބާއެއް
އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަނީ
ޕްލާސްޓިކް ފަޔާ އެކު ޝަވަން އަށް ހިނިތުންވުން