05 މާޗް 2017
ސައޫދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ނޫން ކަމަށް ވިދާޅުވެ، އެ ގައުމާ މެދު ކުރަމުންދާ ތުހުމަތުތަކަށް އަދާލަތު ޕާޓީގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މިއަދު ރައްދު ދެއްވައިފި އެވެ.
ސައޫދީ އަރަބިއްޔާ އަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ނޫން ކަމަށް ވިދާޅުވެ، އެ ގައުމާ މެދު ކުރަމުންދާ ތުހުމަތުތަކަށް އަދާލަތު ޕާޓީގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މިއަދު ރައްދު ދެއްވައިފި އެވެ.
މި މަހުގެ ތިން ވަނަ ހަފުތާގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ ވަޑައިގަންނަވަން އުޅުއްވާތީ އާއި އެ ދަތުރުފުޅުގައި ފ. އަތޮޅު ސައޫދީގެ ޝާހީ އާއިލާ އަށް މިލްކުކޮށްދޭން އުޅޭ ކަމަށް ތުހުމަތުކޮށް ރަސްގެފާނާއި އެ ގައުމަށް ރާއްޖޭގައި މިހާރު ދަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ. އޭގެ ތެރޭގައި، އެ ގައުމުން ކިޔަވައިގެން ތިބި މީހުންނަކީ ހަރުކަށި ދީނީ ފިކުރަށް ތާއީދުކުރާ މީހުން ކަމަށާއި އެ ގައުމަކީ ޓެރަރިސްޓުން އުފައްދާ ގައުމެއް ކަމުގެ ތުހުމަތުތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.
އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވެސް ވިދާޅުވެފައި ވަނީ ފ. އަތޮޅު ސައޫދީ އަށް ދީފި ނަމަ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އިތުރަށް ފެތުރޭނެ ކަމަށެވެ. ޓައިމްސް އޮފް އިންޑިއާ އަށް ނަސީމް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވި ގޮތުގައި އެކި ގޮތްގޮތުން ރާއްޖެ އަށް ސައޫދީން އެހީވަނީ ހަރުކަށި ފިކުރު ފެތުރުމަށެވެ. އޭނާ ވިދާޅުވީ ފ. އަތޮޅު ސައޫދީ އަށް ދިނުމަކީ އެ ފިކުރު އިތުރަށް ފެތުރޭނެ ސަބަބެއް ކަމަށެވެ.
މިގޮތަށް ސައޫދީ އަށް ކުރާ ތަފާތު ތުހުމަތުތަކާ ގުޅިގެން ޑރ. މަޖީދު "މިހާރު" އަށް ވިދާޅުވީ ސައޫދީ އަރަބިއްޔާ އިން ތައުލީމް ހާސިލްކޮށްގެން ތިބި ގިނަ ބޭފުޅުންތަކެއް ރާއްޖޭގެ އިސް އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ކަމަށެވެ. އެއިން، އެއްވެސް ބޭފުޅަކީ ޓެރަރިސްޓު ހަރަކާތެއްގައި ނުވަތަ އައިއެސްއާ ގުޅިގެން އެއްވެސް ކަމެއް ކޮށްފައިވާ ބައެއް ނޫން ކަމަށް މަޖީދު ވިދާޅުވި އެވެ.
"ސައޫދީ އަރަބިއްޔާ އިން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެން ތިއްބެވި ބޭފުޅުންނަކީ ހަގީގަތުގައި މުޖުތަމައަށް ވަރަށް ފައިދާ ހުރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް. އެއިން އެއްވެސް ބޭފުޅެއްގެ ފަރާތުން ޓެރަރިސްޓު ހަމަލާއެއް ނުވަތަ އެފަދަ އެއްވެސް ކަމެއްގައި ވާގިވެރިވެ، ބައިވެރިވެ އުޅުނު ކަމަކަށް ރިޕޯޓްކުރެވިފައެއް ނެތް،" ކުރިން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ އިސް މަގާމެއް ފުރުއްވި މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ބަޔަކު އައިސްއެސް ޖަމާއަތާ ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާ އިރު ވެސް އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާ އިން ކިޔެވި ދިވެއްސަކު އުޅެފައިވާ ކަމަކަށް ވެސް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ރާއްޖެ އާއި ސައުދި އަރަބިއްޔާ އަކީ ޒަމާނުއްސުރެން ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަން ފާހަގަކުރައްވައި މަޖީދު ވިދާޅުވީ އެއީ އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި އުޅޭ ގައުމު ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކަކާ އެއްގޮތަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ސައޫދީ އަށް ވެސް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [އަދާލަތު ޕާޓީން] ދެކޭ ގޮތުގައި ސައޫދީ އަރަބިއްޔާ އަކީ ތަރައްގީގެ މަޝްރޫއުތަކުގައި އިންވެސްޓްކުރަން އެންމެ ރަނގަޅު އެއް ގައުމު. ނަމަވެސް އެކަން ކުރެވެން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" މަޖީދު ވިދާޅުވި އެވެ.
އެކަމަކު، އެފަދަ އިންވެސްޓުުތައް ކުރުމާއި ރާއްޖޭގެ ބިން މިލްކު ކޮށްދިނުމަކީ ތަފާތު ދެ ކަމެއް ކަމަށާއި ރާއްޖޭގެ ބިމުން ތަންކޮޅެއް އެއްވެސް ބަޔަކަށް މިލްކު ކޮށްދިނުމަކީ، މަޖީދު ވިދާޅުވި ގޮތުގައި، އަދާލަތު ޕާޓީން ތާއީދުކުރާ ކަމެއް ނޫނެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން، ރާއްޖޭގެ ބިމުން އެއްވެސް މިންވަރެއް، ފަޅެއް ވެސް ފަރެއް ވެސް ބޭރުގެ ފަރާތަކަށް މިލްކުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
"ފ. އަތޮޅުގެ މައްސަލާގައި އަދާލަތު ޕާޓީން ވެސް ކަންބޮޑުވަނީ އެކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު ސަރުކާރުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްނުދޭތީވެ. އެއީ ކޮން ކަމެއްތޯ ކުރަނީ، ވިއްކަނީތޯ ނުވަތަ ދިގު މުއްދަތަކަށް ކުއްޔަށް ދެނީތޯ މިކަހަލަ އެއްވެސް މައުލޫމާތެއް ނުދޭ."
ރާއްޖޭގެ ބިންތަކާއި ފަރުތަކަކީ ދިވެހިންގެ މިލްކަކަށް ވާތީ، އެ ތަންތަނާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ސަރުކާރުން ނިންމުމުގެ ކުރިން ރައްޔިތުންނަށް ސާފު މައުލޫމާތު ދޭން ޖެހޭނެ ކަމަށް މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފ. އަތޮޅު ސައޫދީ އަށް މިލްކުކޮށްދޭ ކަމުގެ ތުހުމަތުތައްކޮށް އެ ގައުމަށް ނުވަތަ ސައޫދީ ރަސްގެފާނަށް ފާޑުކިއުމުގެ އެއްވެސް މާނައެއް ނެތެވެ. ސައޫދީ އަރަބިއްޔާ އަށް ފ. އަތޮޅު ނުވަތަ އެހެން ގައުމަކަށް އެހެން އަތޮޅެއް މިލްކުކުރުމުގެ ފުރުސަތު ދިނީ ގާނޫނަށް ބަދަލު ގެނެސް ސަރުކާރުން ކަމަށް މަޖީދު ވިދާޅުވި އެވެ.
"ސައޫދީގެ އެއްވެސް ފަރާތަކުން، ގަދަކަމުން ރާއްޖޭގެ އެއްވެސް އެއްޗެއް އަތުލައިގަންނަން އުޅެނީކީއެއް ނޫން. މައްސަލައަކީ އަޅުގަނޑުމެންގެ މައްސަލަ. އަޅުގަނޑުމެން ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ހެދީމާ، ސައޫދީން ވެސް އަދި އެހެން ތަނަކުން ވެސް ގަންނަން ޝައުގުވެރިކަން ހުރި ނަމަ ގަންނާނެ. އެހެންވީމަ ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ފާޑުކިއުމުގެ ބޭނުމެއް ނެތް،" ސައުދީ ރަސްގެފާނަށް އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި މަޖީދު ވިދާޅުވި އެވެ.
އިބޫއަށް ރަސްގެފާނު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ
ސައުުދީގެ ވެރިރަށަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި
ސައުދީ ސަމިޓްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފި
ރަސްގެފާނުގެ ޗުއްޓީ އަށް ގެނައި އެއްޗެހި ގެންދަނީ!
ސައޫދީ ރަސްގެފާނު ދަތުރުފުޅު ކުރުކޮށްލައްވައި ގައުމަށް
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވައިފި
ސައުދީ ރަސްގެފާނުގެ ހާއްސަ ޔޮޓްކޮޅު ރާއްޖެެއަށް
ރަސްގެފާނަށް ފާޑު ކިޔުމަކީ އިސްލާމީ އުސޫލު ނެތިކޮށްލުން
ސައުދީ ރަސްގެފާނަށް ތިން ރިސޯޓް ބުކްކޮށްފި