Roadha Mihaaru
ރަސްގެފާނަށް ފާޑު ކިޔުމަކީ އިސްލާމީ އުސޫލު ނެތިކޮށްލުން

ސައޫދީގެ ރަސްގެފާނަށް ފާޑު ކިޔުމަކީ އިސްލާމީ އުސޫލުތައް ނެތިކޮށްލުން: ޝައިނީ

03 މާޗް 2017

ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފާޑު ކިޔައި، ބޭ އަދަބީ ބަސްތައް ރައްދު ކުރުމަކީ އިސްލާމީ އުސޫލުތައް ނެތިކޮށްލުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފާޑު ކިޔައި، ބޭ އަދަބީ ބަސްތައް ރައްދު ކުރުމަކީ އިސްލާމީ އުސޫލުތައް ނެތިކޮށްލުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ސައޫދީގެ ޝާހީ އާއިލާގެ އިސް ފަރާތްތަކަކުން ބޮޑު މަޝްރޫއެެއް ހިންގުމަށް ފ. އަތޮޅުން ބައެއް ދޫކުރުމަށް ނިންމުމާ ގުޅިގެން، ރާއްޖެ އާއި ސައޫދީގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޝައިނީ ކުރެއްވި ޓްވީޓެއްގައި ވަނީ މުސްލިމުންގެ އެންމެ ބޮޑު ލީޑަރު، ރަސްގެފާނު ސަލްމާނަށް ބޭ އަދަބީ ބަސްތައް ރައްދު ކުރުމަކީ އިސްލާމީ އުސޫލުތައް ނެތިކޮށްލުން ކަމަށެވެ. އެކަމާ މެދު ވިސްނަންޖެހޭ ކަމަށް ޝައިނީގެ ޓްވީޓްގައި ވެ އެވެ.

ފ. އަތޮޅު ސައުދީގެ އިސް ފަރާތްތަކަކަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ވަނީ އެ ވާހަކަތައް ދޮގު ކުރައްވައި، އެ އަތޮޅު ވިއްކާ ނުލާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން މިދިޔަ ބުދަދުވަހު ވިދާޅުވި ގޮތުގައި ފ. އަތޮޅުގައި ސައޫދީން ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއާ އެކު ދުނިޔޭގެ ގައުމުތަކުގެ ޗާޓުގެ އެންމެ ކުރިއަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ. އެކަމަކު އޭގެ ތަފުސީލެއް އެމަނިކުފާނު އަދި ނުދެއްވަ އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފ. އަތޮޅުގެ މަޝްރޫއުގެ ތަފްސީލުތައް ހާމަކުރައްވާނީ، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބުން ކަމަށެވެ.

ރަސްގެފާނު ސަލްމާން މިހާރު އޭޝިއާގެ އެކި ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި މަހުގެ ތިންވަނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ސައޫދީގެ ރަސްކަލަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ސަލްމާން ކުރިން ރާއްޖެ ވަޑައިގަތީ އެމަނިކުފާނު ރަސްކަމަށް ވަޑައިގަތުމުގެ ކުރިން، ސައޫދީގެ ކްރައުން ޕްރިންސްގެ މަގާމުގައި ހުންނެވި ދުވަސްވަރުގަ އެވެ.