Roadha Mihaaru
ބިލެތްދޫގައި އިހުތިޖާޖު ކުރި ބަޔަކު ހައްޔަރުކޮށްފި

ފ. އަތޮޅުގެ މައްސަލާގައި ބިލެތްދޫގައި އިހުތިޖާޖު ކުރަނީ، ބައެއް މީހުން ހައްޔަރުކޮށްފި

03 މާޗް 2017

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅު ބިލެތްދޫގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅު ބިލެތްދޫގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ރަށުގެ ކައުންސިލްގެ މެމްބަރު ހުސެއިން މައުމޫން ވިދާޅުވީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ބެނާއެއް ހިފަހައްޓައިގެން ތިބި ދެ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންގެ އިތުރުން ގާތްގަނޑަކަށް އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަމަކު އެ މީހުން މިހާރު ވަނީ ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިލެތްދޫގެ މުޒާހަރާ އިން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި ހަމަނެޖުހެން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވި ގޮތުގައި ފުލުހުން ބަލައި ފާސްކުރުމަށް ފަހު ނޫނީ ބިލެތްދޫން މަހަށް ވެސް އަދި ދޯނި ފަހަރަށް ރަށާ ވެސް ކައިރި ނުކުރެވެ އެވެ.

ބިލެތްދޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން.---ފޮޓޯ: ސޯޝަލް މީޑިއާ

ބިލެތްދޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން.---ފޮޓޯ: ސޯޝަލް މީޑިއާ

"ހުކުރަށް ފަހު މަހަށް ދާން، ދޯންޏަށް އެރީމަ ފުލުހުން ބަލައި ފާސްކުރުމަށް ފަހުގައި ނޫނީ ނުފުރޭ. އަދި އެހެން ދޯނިފަަހަރަށް ވެސް ރަށާ ކައިރި ކުރެވޭނީ ފުލުހުން ޗެކް ކުރީމަ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެނާ ނުވަތަ ޝުއޫރުފާޅުކުރަން ފޮތިގަނޑެއް ގެންގުޅުނަސް އެކަމާ މިހާރު ފުލުހުން ސުވާލުކުރެ އެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާފައިވާ ކަމަށް މައުމޫން ވިދާޅުވެ އެވެ.

ބިލެތްދޫގެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މައުމޫން ވިދާޅުވި ގޮތުގައި، ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް ފަރާތަކުން ހާމަނުކުރުމެވެ. އެހެންވެ އާންމުން ތިބީ އޮޅުންގަނޑެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅު ސައުދީ އަށް ވިއްކާލަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު، މި މަހުގެ ތިން ވަަނަ ހަފުތާގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ރާއްޖެ ވަޑައިގަންނަވަން ހަމަޖައްސަވައިފަ އެވެ. މިދިޔަ ހަފުތާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފ. އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި އެ އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ކަމަށެވެ.