11 އޮކްޓޯބަރ 2024
އުމުރުން ދުވަސްވީ ގިނަ މީހުން އުޅެނީ އާއިލާއާ އެކުގައި ކަމަށް ވިއަސް އެކަނިވެރިކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށް އެމްއެންޔޫ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އުމުރުން ދުވަސްވީ ގިނަ މީހުން އުޅެނީ އާއިލާއާ އެކުގައި ކަމަށް ވިއަސް އެކަނިވެރިކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށް އެމްއެންޔޫ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އެ ޔުނިވާސިޓީން ހެދި "ރާއްޖޭގައި އިސްރަށްވެހިން އަބުރުވެރިކަމާއި ޝަރަފުވެރިކަމާ އެކު ދުޅަހެޔޮ ގޮތުގައި ދުވަސްވުމާ ބެހޭގޮތުން ދެކޭ ތަސައްވުރުތަކާއި ގޮންޖެހުންތައް" ތީމަށް ހެދި ދިރާސާގައި މާލެ އާއި ރާއްޖޭގެ ތިން ސަރަހައްދަކުން 1،178 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި 18 އަހަރާއި 65 އަހަރުން މަތީގެ މީހުން ހިމެނެ އެވެ.
ގާތްގަނޑަކަށް އެއް އަހަރުގެ މަސައްކަތަށް ފަހު އެމްއެންޔޫ އިން ވަނީ އިއްޔެ އެ ދިރާސާ ރިޕޯޓު ނެރެފަ އެވެ.
އޭގައި ބުނާގޮތުން 67.9 ޕަސެންޓް މީހުން އުޅެނީ ކައިވެނިކޮށްގެންނެވެ. ފިރިމީހާ ނުވަތަ އަނބި މީހާ އާއި ދަރިންނާ އެކު ދިރިއުޅޭ ކަމަށް 32 ޕަސެންޓް މީހުން ބުނާއިރު 22.6 ޕަސެންޓް މީހުން ބުނެފައިވަނީ އެ މީހުން ދިރިއުޅެނީ ހަމައެކަނި ދަރިންނާ އެކު ކަމަށެވެ. ސާދަ ޕަސެންޓް މީހުން ދިރިއުޅެނީ އާއިލާގެ އެހެން މީހުންނާ އެކު އެވެ.
ނަމަވެސް، ދިރާސާގައި ބައިވެރިވި 568 މީހުން ބުނެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެކަނިވެރިކަން ކަމަށެވެ. ދެ ވަނައިގައި، 475 މީހުންނާ އެކު އެންމެ ގިނަ މީހުން ގަބޫލުކުރަނީ އިޖުތިމާއީ ގުޅުންތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާއިރު 441 މީހުންނަށް އެންމެ ބޮޑު އަސަރެއް ކުރަނީ ހާސްކަން/ޑިޕްރެޝަނާ ހެދި އެވެ.
އެ މީހުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް އަސަރުކުރަނީ ހަރަކާތްތެރިވެ އުޅެވޭނެ ގޮތެއް ނެތުމުންނެވެ. އެ އުނދަގޫތައް ދިމާވާ ކަމަށް 650 މީހުން ބުނާއިރު ދިގުދެމިގެންދާ ސިއްހީ ހާލަތާ ހެދި އުނދަގޫވާ ކަމަށް 503 މީހުން ބުނެފައިވެ އެވެ.
މި ދިރާސާގައި ބައިވެރިވި އެންމެންގެ ނަޒަރުގައި، އުމުރުން ދުވަސްވީ މީހުންގެ ޖިސްމާނީ ހާލަތު ރަނގަޅެވެ. ޖިސްމާނީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކަމަށް 35-44 އަހަރާ ދެމެދުގެ 41 ޕަސެންޓް މީހުން ބުންޏެވެ. އެކަމަކު، 65 އަހަރުން މަތީގެ ގިނަ މީހުން ދެކޭ ގޮތުގައި އެ މީހުންގެ ޖިސްމާނީ ހާލަތު ވަރަށް ދެރަ އެވެ.
ބައިވެރިން ގަބޫލުކުރާ ގޮތުގައި އިސްވެރިންގެ ނަފްސާނީ ހާލަތު ރަނގަޅެވެ. އެގޮތަށް 43.5 ޕަސެންޓް މީހުން ގަބޫލުކުރާއިރު، އާދައިގެ ވަރެއް ކަމަށް 23.8 ޕަސެންޓް މީހުން ބުނެ އެވެ. އުމުރުން ދުވަސްވީ މީހުންގެ އުމުރު، 65 އަހަރުން މަތީގެ މީހުން ވެސް އަމިއްލައަށް ގަބޫލުކުރަނީ އެ މީހުންގެ ނަފްސާނީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. ވަރަށް ބޮޑަށް ރަނގަޅު ކަމަށް 39.3 ޕަސެންޓް މީހުން ބުނާއިރު ނަފްސާނީ ހާލަތު ވަރަށް ދެރަކަމަށް 34.6 ޕަސެންޓް މީހުން ބުނެ އެވެ،
- ސިއްހީ ހިދުމަތް އަދި އެހެނިހެން ހިދުމަތްތައް އަވަހަށް ލިބޭނެ ގޮތް ނެތުން
- އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޑޮކްޓަރުންނާއި ނަރުހުން ނެތުން
- ގޭގެއަށް ގޮސް އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ހިދުމަތް ދިނުމަށް އާސަންދަ ނުލިބުން
- ގެއިން ބޭރަށް ނުކުމެ އުޅެވޭ ފަދަ ރައްކާތެރި މާހައުލެއް ނެތުން
- އެންމެން އެއްވެލާނެ ފަދަ މަރުކަޒެއް ނުވަތަ މައިޒާނެއް ނެތުން
- އެކަށީގެންވާ އަދި ބޭނުންވާ ސިއްހީ ފަރުވާ ނުލިބުން އަދި ޑޮކްޓަރުން ނެތުން
- އުމުރުން ދުވަސްވީ މީހުންގެ ޑައިޓް ބަހައްޓަންވީ ގޮތް ކިޔައިދޭނެ މީހެއް ނެތުން
ގަވައިދުން ދުޅަހެޔޮ ކާނާ ކެއުމަށް ހުރަސްއެޅޭ ކަންކަމުގެ ތެރޭގައި، ހަރަދު ބޮޑުވުމުގެ ސަބަބުން ކެއުމަށް އުނދަގޫވާ ކަމަށް 819 މީހުން ބުނާއިރު ބޭނުންވާ ކާނާ ނުލިބޭ ކަމަށް 492 މީހުން ބުނެފައިވެ އެވެ.
ޖިސްމާނީގޮތުން ހަރަކާތްތެރިވެ އުޅުމަށް ހުރަސްއެޅެނީ ހިތްވަރު ނުވަތަ ކުރާ ހިތްނުވާތީ ކަމަށް 561 މީހުން ބުނާއިރު، ގައިގައި ހަކަތަ ނެތިގެން ކަމަށް ހަރަކާތްތެރިވެ ނޫޅެވޭ ކަމަށް 497 މީހުން ބުންޏެވެ. އިޖުތިމާއީ އެއްބާރުލުން ނުލިބޭ ކަމަށް 460 މީހުން ބުންޏެވެ.
އުމުރުން ދުވަސްވާ ވަރަކަށް މިނިވަންކަމާއެކު ދިރިއުޅެން ދިމާވާ އެންމެ ބޮޑު ދައްޗަކީ، 537 މީހުން ބުނެފައިވާ ގޮތުގައި މާލީ ދަތިކަމެވެ. ދިގުދެމިގެންދާ ސިއްހީ ހާލަތްތަކާ ހެދި މިނިވަންކަމާއެކު އުޅެން އުނދަގޫވާ ކަމަށް 452 މީހުން ބުނެފައިވެ އެވެ.
ނަމަވެސް، މި ދިރާސާގައި އިސްކޮށް އުޅުއްވި އެމްއެންޔޫގެ ރިސާޗް ފެކަލްޓީގެ ޑީން ޑރ. ޝަހުނީޒާ ނަސީރު ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތާ ގުޅޭގޮތުން މި ދިރާސާގައި ސީދާ ސުވާލުތައް އަމާޒުނުކުރިއަސް، އެކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ.
"ވަރަށް ގިނަ މީހުން ބުނެފައިވޭ އުފަލާ އެކު ބަލައިގަންނަ ކަމަށް އެލަވަންސް ލިބޭތީ." ޝަހުނީޒާ ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލެއް ލިބެނީ އިޖުތިމާއީ ގުޅުންތަކުންކަން މި ދިރާސާއިން ވަނީ ފާހަގަކުރެވިފަ އެވެ. ދެ ވަނައަށް އެންމެ ގިނަ މީހުން ބުނެފައިވަނީ އީމާންތެރިކަމުގެ މައްޗަށް ބިނާކޮށް ހިންގާ ހަރަކާތްތަކުން އުފާވާ ކަމަށެވެ.
ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ ބޮޑަށް އެހީދެވޭނެ ހިދުމަތަކީ ވެސް ގޭގައި ތިބެގެން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ދިރާސާގައި ގިނަ މީހުން ބުނެފައިވެ އެވެ. އެއީ 622 މީހުންނެވެ. ދެ ވަނައަށް، 558 މީހުން ބުނެފައިވަނީ އިޖުތިމާއީ ހަރަކާތްތަކުން ދުޅަހެޔޮކަމަން އެހީތެރިކަން ދެވޭނެ ކަމަށެވެ.
ގާނޫނު އޮންނަގޮތުން ވަޒީފާއިން މިހާރު މުސްކުޅި ކުރަނީ 65 އަހަރުވުމުންނެވެ. މި ދިރާސާގައި ބައިވެރިވި ގިނަ މީހުން ވެސް ގަބޫލުކުރަނީ ރިޓަޔަމަންޓް އުމުރު މިހާރު ހަމަޖައްސާފައިވާ ގޮތް ރަނގަޅު ކަމަށެވެ. އެއީ 36.8 ޕަސެންޓް މީހުންނެވެ. ރިޓަޔަމަންޓް އުމުރު 60 އަށް ދަށްކުރަން ފެންނަ ކަމަށް 17 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
އުމުރުން ދުވަސްވާ ވަރަކަށް މިނިވަންކަމާއެކު އަމިއްލަ ގޭގައި ދިރިއުޅުމުގެ މުހިއްމުކަން އިންތިހާއަށް ބޮޑު ކަމަށް 65.5 ޕަސެންޓް މީހުން ބުނާއިރު ދުވަސްވާ ވަރަކަށް އެ މީހުންގެ ބޭނުންތައް ފުއްދަން އާއިލާއިން ލިބުމުގެ މުހިއްމުކަން ވެސް ވަރަށް ވަރަށް ބޮޑު ކަމަށް 66 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
އުމުރުން ދުވަސްވީ މީހުންނާ ގުޅޭގޮތުން އެމްއެންޔޫއިން ހެދި ދިރާސާގެ ނަތީޖާ، އެ ޔުނިވާސިޓީގެ ރިސާޗު ފެކަލްޓީގެ ޑީން ޑރ. ޝަހުނީޒާ ނަސީރު އިއްޔެ ކިޔައިދެއްވީ.-- ފޮޓޯ: އެމްއެންޔޫ
ސިއްހީ ހިދުމަތްތައް ހޯދަން ހުރަސް އެޅޭ އެންމެ ބޮޑު ކަމަކީ، 724 މީހުން ބުނެފައިވާ ގޮތުން ހަރަދުތައް ބޮޑުވުމެވެ. ރަނގަޅު ހުރިހާ ހިދުމަތްތަކެއް ނެތުމުން ދަތިވާ ކަމަށް 691 މީހުން ބުނެފައިވެ އެވެ.
- އުމުރުން ދުވަސްވީ މީހުން އިތުރުވާކަން ގަބޫލުކޮށް، އެކަމާ ބެހޭގޮތުން ޕްރޮގްރާމްތައް ހަރުދަނާކުރުން
- ރިޓަޔާމަންޓް ހޯމެއް ގާއިމްކުރުން
- ހިދުމަތް ހޯދަން އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭ އުސޫލުތައް ހުއްޓަސް ތަންފީޒުނުކުރެވުން
- މުނާސަބަތުތަކުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ހަރަކާތްތައް ނުބޭއްވުން
- ރަށްރަށުގައި ސިއްހީ ހިދުމަތަށް އެކްސެސް ނެތުން އަދި ދާއިމީކޮށް ބޭސް ކާ މީހުންނަށް އެ ހޯދަން ދަތިވުން
- ކޮމިއުނިޓީ ހެލްތު ސާވިސްއަށް އާސަންދަ ލިބޭނެ ގޮތް ނެތުން
- މަގުމައްޗަކީ އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދިނުމާއެކު އެ މީހުންނަށް ފަސޭހަވާނެ ގޮތަށް އިންފްރަސްޓްރަކްޗާ ނެތުން
- ކޮމިއުނިޓީ ހެލްތު ސާވިސްއަށް އާސަންދަ ލިބޭ ގޮތް ހެދުން
- ރަނގަޅު ކާނާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން
- ދުޅަހެޔޮ ގޮތުގައި މުސްކުޅިވުމާ ބެހޭ ތައުލީމީ މަހާސިންތާތައް ބޭއްވުން
- ބަދަލުވެރިންނަށް އެހީތެރިވާން އެކުލަވާލާފައިވާ އެހީތެރިންގެ ގްރޫޕުތައް ހެދުން
- ތަފާތު ކަސްރަތުތައް ކުރެވޭ ތަނެއްގެ ހިދުމަތް ދިނުން
- އަގުހެޔޮކޮށް ހިދުމަތްތައް ދިނުން
- އާއްމު ތަންތަން އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކަށް ފެތޭގޮތަށް ބައްޓަންކުރުން
އެންމެ ފަހުން، 2022 ވަނަ އަހަރު ހެދި ބޯހިމެނުން ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 515،312 މީހުންނެވެ. އޭގެ ތެރެއިން 382،639 ދިވެހިން އުޅޭއިރު، އުމުރުން ދުވަސްވީ ކެޓަގަރީ 65 އަހަރުން މަތީގެ ހަތަރު ޕަސެންޓް މީހުން ރާއްޖޭގައި އުޅޭ ކަމަށް ދައްކަ އެވެ. އެއީ 20،500 އެވެ.
ދަރިވަރާ ބެހެން އުޅުނު އެމްއެންޔޫގެ ލެކްޗަރާ ވަކިކޮށްފި
އެމްއެންޔޫ ދަރިވަރަކާ ބެހެން އުޅުނު މައްސަލަ ފުލުހަށް
ތައުލީމާ ބެހޭ ބިލަށް އިދާރާތަކުގެ ހިޔާލު ހޯދަނީ
އަހަރުނުވާ 4 ކުއްޖަކާ އެކު ދައުލަތަށް 167 ކުއްޖެއް
ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަނީ
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން
"މަޖިލީހަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓެއް"
ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު ގްރެޖުއޭޓްވެއްޖެ
16 އަހަރުގައި "ވިއްކާލި" ދަރިފުޅަށް އަދިވެސް އަނިޔާ
ދައުލަތުން ބަލަހައްޓާ ކުދިން ވޭމަންޑޫން ބަދަލުކޮށްފި