Roadha Mihaaru
500 އިމާމުންނާ އެކު ފުރަތަމަ ފަހަރަށް މަހާސިންތާއެއް

ރާއްޖޭގެ ހުރިހާ އިމާމުންނާ އެކު ފުރަތަމަ ފަހަރަށް މަހާސިންތާއެއް

21 ސެޕްޓެމްބަރ 2024

ރާއްޖޭގެ 500 އަށް ވުރެ ގިނަ އިމާމުންނާ އެކު ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ 500 އަށް ވުރެ ގިނަ އިމާމުންނާ އެކު ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާގައި، މިސްކިތްތަކުގެ 203 އިމާމަކު ބައިވެރިވާއިރު، އޮންލައިންކޮށް 300 އިމާމުން ބައިވެރިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެއީ ރާއްޖޭގައި މިހާރު ތިބި ހުރިހާ އިމާމުންނެވެ.

އިމާމުންގެ މަހާސިންތާ ފައްޓަވައިދެއްވީ މިނިސްޓްރީގައި ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ރާއްޖޭގެ ހުރިހާ އިމާމުންނާ އެކު ފެށި މަހާސިންތާ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ހުރިހާ އިމާމުންނާ އެކު ފެށި މަހާސިންތާ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިމާމުންގެ މަހާސިންތާއެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އިމާމުން އެއް ތަނަކުން ބައްދަލުވެ، އެކަކު އަނެކަކަށް ތައާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

"މި މަހާސިންތާގައި މަޝްވަރާކޮށް ނިމިގެންދާ ކަންތައްތައް އިރާދަކުރެއްވިއްޔާ ތަންފީޒު ކުރާނަން ލަސްތަކެއް ނުވެ،" މިނިސްޓަރު ވިދާޅުވި އެވެ.

މަހާސިންތާގައި މަޝްވަރާ ކުރާނެ ކަންކަމަކީ:

1. ތަޖުވީދު އިލްމު

2. ތަފްސީރު

3. ފިގްހު

4. ހަދީސް

5. އަގީދާ

6. އިމްލީ މައުލޫމާތު

7. މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަން ޖެހޭ މަސްއޫލިޔަތު އަދި އެ މަސްއޫލިޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައް

8. އިމާމުން އިތުރަށް ތާޒާ ކުރުން

މަހާސިންތާގައި އިމާމުން ބައިވެރިވަނީ: މި ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ | އިސްލާމިކް މިނިސްޓްރީ

މަހާސިންތާގައި އިމާމުން ބައިވެރިވަނީ: މި ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ | އިސްލާމިކް މިނިސްޓްރީ

އިމާމުންގެ އާ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވީ މީގެ ކުރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން މިހާރު އޮތީ ހުއްޓިފައި ކަމަށެވެ. އެ އޮނިގަނޑުން އެއްވެސް ހައްލެއް ނާންނަ ކަމަށް ވިދާޅުވި އެވެ.

"އިމާމުންގެ އޮނިގަނޑު ހަމަ އޮތީ އަދިވެސް އޮތް ތަނުގައޭ. އެއަކަށް އަދިވެސް އެއްވެސް ހައްލެ ނާދޭ. އަޅުގަނޑުމެން މި މިނިސްޓްރީގައި ތިއްބާ އެ އޮނިގަނޑުގެ މަސައްކަތް ފެށީ ވެސް. އެހެންވީމާ އެ އޮނިގަނޑު ނިންމުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އަޅުގަނޑުމެންގެ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މަހާސިންތާގައި، މި ސަރުކާރުން އަލަށް ފެށި ޒުވާން ހާތިބުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ދަރިވަރުން ވެސް ބައިވެރިވެ އެވެ.

ރާއްޖޭގެ ހުރިހާ އިމާމުންނާއެކު މަހާސިންތާއެއް.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ހުރިހާ އިމާމުންނާއެކު މަހާސިންތާއެއް.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝަހީމް ވިދާޅުވީ މަހާސިންތާގައި ޒުވާން އިމާމުން ބައިވެރިވުމަކީ ރާއްޖޭގެ މުސްތަގުބަލް އުޖާލާ ވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ފަސް ސެޝަނަކަށް ކުރިއަށްގެންދާ އެ މަހާސިންތާގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން މައުލޫމާތު ހިއްސާކުރައްވައި އެކި ކަންކަމުގައި މަޝްވަރާކޮށް ހައްލު ހޯދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.