Roadha Mihaaru
ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖްނީ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ބޯޑު މެމްބަރުކަމުން ސަޖްނީ އިސްތިއުފާ ދެއްވައިފި

20 ސެޕްޓެމްބަރ 2024

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރު އައިޝަތު ސަޖްނީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރު އައިޝަތު ސަޖްނީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

"މިހާރު" އަށް އެކަން ވަނީ ޔަގީން ކުރެވިފަ އެވެ. އެހެން ނަމަވެސް، އެކަން ރަސްމީކޮށް ބީއެމްއެލް އިން ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ބޯޑުން އިސްތިއުފާ ދިނުމަށް ސަޖްނީ ވަނީ އިސްތިއުފާގެ ސިޓީ ބޯޑަށް ހުށަހަޅައިފަ އެވެ.

ސަޖްނީއަކީ 2021 ވަނަ އަހަރުން ފެށިގެން ބީއެމްއެލްގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. މިދިޔަ މެއި މަހު ވެސް ސަރުކާރުން ވަނީ އޭނާގެ ނަން ނޮމިނޭޓްކޮށް އެ ބޯޑަށް އައްޔަނުކޮށްފަ އެވެ.

އޭނާ މިހާރު ގެންދަވަނީ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓެންޓުގެ މަގާމު ވެސް އަދާ ކުރައްވަމުންނެވެ. އޭނާ ވަނީ 2017 އިން 2019 ވަނަ އަހަރަށް އެމްއެމްއޭގެ ރިސާޗް ޑިވިޝަންގެ ހެޑްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

ސަޖްނީ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ބީއެމްއެލްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް މާދަމާ ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ތިން ބޭފުޅަކު ބޯޑަށް އައްޔަން ކުރަން ވަނީ އެޖެންޑާކޮށްފަ އެވެ. އެއީ ރައީސް އޮފީހުގެ ކެބިނެޓް ސެކެޓްރީ އަހުމަދު އަލީ ހަބީބާއި މީރާ އާއި ޕެންޝަން އޮފީހުގެ އިސް މަގާމުތައް ފުރުއްވާފައިވާ މުހައްމަދު ޝާހިދާއި އަލީ އިރުފާނެވެ.

ބީއެމްއެލްގެ ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވެސް މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ އިސްތިއުފާ ދެއްވަން ހުށަހަޅައިފަ އެވެ. މާދަމާގެ އީޖީއެމްއަށް ފަހު އޭނާ ރަސްމީކޮށް މަގާމުން ދުރުވާނެ އެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. ސަޖްނީ އިސްތިއުފާ ދެއްވުމުން މިވަގުތު ބޯޑުގައި ތިއްބެވީ ހަތް ބޭފުޅުންނެވެ.