Roadha Mihaaru
ވިލާ ކޮލެޖުގެ ދަރިވަރުންނަށް އުރީދޫން ތަމްރީނު ދެނީ

ވިލާ ކޮލެޖުގެ ދަރިވަރުންނަށް އުރީދޫން ތަމްރީނު ދެނީ

18 ސެޕްޓެމްބަރ 2024

ވިލާ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީނުތައް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސްއާ އެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީނުތައް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސްއާ އެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ވިލާ ކޮލެޖުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި އެ ކޮލެޖުން ކިޔަވާ ނިންމި ދަރިވަރުންނަށް އިންޑަސްޓްރީގެ ތަޖުރިބާ ހޯދުމަށް އެ ކުންފުނިން އިންޓާންޝިޕުގެ ފުރުސަތުތައް ދޭނެ އެވެ. މި ފުރުސަތަކީ ދަރިވަރުންނަށް ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭނެ ފުރުސަތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ އެޗްއާރު ޑިރެކްޓަރު ފަޒްނާ މަންސޫރު ވިދާޅުވީ އެ ޕާޓްނާޝިޕުން އެ ކުންފުނިން ވިލާ ކޮލެޖާއި ގުޅިގެން ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަނަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ދެވޭނެ ކަމަށެވެ.

"މި ކޯލަބަރޭޝަނުން މި ދާއިރާގެ މުސްތަގްބަލްގެ ލީޑަރުން ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ އިންޑަސްޓްރީގެ އިލްމާއި މެންޓަޝިޕް ފޯރުކޮށްދެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޓެލެކޮމިއުނިކޭޝަން އަކީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ހަލުވިކަމާ އެކު ކުރިއެރުމާއި އިނޮވޭޓިވް ކަނެކްޓިވިޓީ ސޮލިއުޝަންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންމެ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އެއް ސިނާއަތެވެ. މި ސިނާއަތް ކުރިއަރަމުން އަންނައިރު، އެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ކުރިމަތިލާނެ އިލްމީ ގާބިލު މީހުން ބޭނުންވެ އެވެ.

އުރީދޫން ބުނީ ވިލާ ކޮލެޖާ އެކު ގާއިމްކުރި ޕާޓްނާޝިޕުގެ ދަށުން އެ ދާއިރާއަށް ބޭނުންވާ ފަދަ ބަޔަކު ބިނާ ކުރެވޭނެ ކަމަށެވެ. އެ ޕާޓްނާޝިޕުގެ ސަބަބުން ދާއިރާއިން ކުރިއެރުމަށް ބޭނުންވާ އަމަލީ ހުނަރާއި އިންޑަސްޓްރީގެ ވިސްނުން ދަރިވަރުންނަށް އަހުލުވެރިކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އަދި އިންޓާންޝިޕް، ޓްރެއިނިން ސެޝަންތައް އަދި ހޭންޑްސް އޮން ޓެކްނިކަލް އެކްސްޕީރިއަންސް ފޯރުކޮށްދީގެން، މި އިނީޝިއޭޓިވްގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މައިދާނަށް ނެރެދީ، މުސްތަގުބަލުގައި އަންނަ ކުރިއެރުންތަކަށް އަހުލުވެރިވެ، ގައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކު ބިނާ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އުރީދޫ އަކީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މި ކުންފުންޏަށް ޓެލެކޮމިއުނިކޭޝަން ކެޓަގަރީން އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޯންޒް ސްޓީވީ އެވޯޑް މިއަހަރު ވަނީ ލިބިފަ އެވެ. ބައިނަލްއަގްވާމީ މި އެވޯޑަކީ މުވައްޒަފުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމާއި ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރަން އުރީދޫން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށްދޭ އެވޯޑެކެވެ.