Roadha Mihaaru
ބިދޭސީންނަށް ބިން މިލްކުރެވިދާނެ، އެކަމަކު ގާނޫނަކުން

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވިދާނެ، އެކަމަކު ޚާއްސަ ގާނޫނަކުން

02 މާޗް 2017

ފ. އަތޮޅު ވިއްކާލާކަމުގެ އަޑުތަކާ އެކު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިފައި ވަނީ ގާނޫނުއަސާސީ އަށް 2015 ގައި ގެނައި ބަދަލުގެ އަސްލަކީ ކޮބައިތޯއާ މެދުގަ އެވެ. އެ އިސްލާހުގެ ސަބަބުން ހަގީގަތުގައި ވެސް ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވިދާނެތޯ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ފ. އަތޮޅު ވިއްކާލާކަމުގެ އަޑުތަކާ އެކު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިފައި ވަނީ ގާނޫނުއަސާސީ އަށް 2015 ގައި ގެނައި ބަދަލުގެ އަސްލަކީ ކޮބައިތޯއާ މެދުގަ އެވެ. އެ އިސްލާހުގެ ސަބަބުން ހަގީގަތުގައި ވެސް ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވިދާނެތޯ އެވެ.

ޖުލައި 22، 2015 ގައި ގެނައި އިސްލާހަށް ބަލާއިރު ރާއްޖޭގެ ސަރަހައްދެއް މިލްކުކުރެވިދާނެ އެވެ. އެކަމަކު އެއީ މިލްކުކޮށްދޭ ތަންތަނުގައި ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް ވަކި ގާނޫނެއް ހަދައިގެންނެވެ. އަދި އެ ޕްރޮޖެކްޓަކީ އެންމެ ކުޑަވެގެން އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކަށް ވާން ޖެހޭނެ އެވެ.

މިހާރުގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި އިރު، އޮތީ ރާއްޖޭގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުނުކުރެވޭ ގޮތަށެވެ.

ނަމަވެސް އެ ގޮތަށް ކަނޑައަޅާފައި އޮތް، ގާނޫނުއަސާސީގެ 251 ވަނަ މާއްދާ، 2015ގައި ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށް، ގާނޫނު އަސާސީ އަށް އިތުރު ކުރި، އަށް މާއްދާގެ މައްޗަށް އެކުލެވޭ 15 ވަނަ ބާބުގައި ބުނާ ގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކޮށްދެވިދާނެ އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާ މިހާރު އޮތީ ގާނޫނުއަސާސީގެ 302 ވަނަ މާއްދާގައި (ގާނޫނު އަސާސީގައި އަލަށް ހިމެނި ބާބުގެ މާއްދާއެއް) ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެވެ. އަދި ފްރީ ހޯލްޑް އުސޫލުން ބިން ދޫކުރުން ހިމެނޭ ގޮތުން، ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތަކަށް ދޫކުރުމަކީ، ރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ، ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމަށް ނުބެލެވޭނެ ވެސް ކަނޑައަޅާފައިވެ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ޝަރުތު ފުރިހަމަވާ ޕްރޮޖެކްޓަކާ ގުޅިގެން އެ ޕްރޮޖެކްޓެއް ހިންގާ ސަރަހައްދުގައި ޕްރޮޖެކްޓް ހިންގާ ކޮންމެ މީހަކަށް ވެސް، ދިވެހި ސަރުކާރުން ޕްރޮޖެކްޓް ހައްގު ދޫކުރެވިދާނެ ކަމަށެވެ. އަދި އެ ހައްގު ދިން ކަމުގައި ވިޔަސް، އެ ސަރަހައްދެއްގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތައް ފުރިހަމަ އަށް ހިންގޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން 303 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ ފަރާތަކަށް މިލްކުކޮށްދޭ ސަރަހައްދުގައި ހުރި ގުދުރަތީ ހިކިފަސްތަނުގެ ބޮޑުމިން، ރާއްޖޭގެ މުޅި ސަރަހައްދުގެ ގުދުރަތީ ހިކިފަސްތަނުގެ ޖުމްލައިގެ 10 ޕަސެންޓަށް ވުރެ އެއްވެސް އިރެއްގައި އިތުރުވެގެން ނުވާނެ ކަމަށެވެ.

ބިން މިލްކުކޮށްދެވޭނީ ޖުމްލަ ތިން ޝަރުތެއް ހަމަވާ ޕްރޮޖެކްޓުތައް ހިންގަން ކަމަށް ގާނޫނުއަސާސީގެ 304 ވަނަ މާއްދާގައި ބުނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ އެ ޕްރޮޖެކްޓަކީ، އެ ޕްރޮޖެކްޓަށް ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކޮށްފައިވާ ޕްރޮޖެކްޓަކަށް ވުމެވެ. ދެ ވަނަ ޝަރުތަކީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓް ކުރާ ޕްރޮޖެކްޓަކަށް ވުމެވެ. އަދި ތިން ވަނަ ޝަރުތަކީ، އެ ޕްރޮޖެކްޓް ފުރިހަމަކޮށް ނިމޭ އިރު، އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި، މެދު ދިޔައިގައި ކަނޑުގެ ސަތުހުން ފެށިގެން މައްޗަށް ހިކިފައި އޮންނަ ޖުމްލަ ބިމުގެ މަދުވެގެން 70 ޕަސެންޓް ބިމަކީ އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަށް ވުމެވެ.

ބިން މިލްކު ކޮށްދެވޭ ޕްރޮޖެކްޓުގެ އިންވެސްޓްމެންޓުގެ މިންގަނޑު އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ކުރާ ނަމަ، އެކަން ކުރެވޭނީ ވެސް މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ 305 ވަނަ މާއްދާގައި ބުނެފައިވެ އެވެ. ނަމަވެސް އެފަދަ ބަދަލެއް ގެންނަން ފާސްކުރާ ގާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން، ހުއްދަ ދީފައިވާ ޕްރޮޖެކްޓްތަކުގެ މައްޗަށް، އަލަށް ފާސްކުރާ ގާނޫނުގައިވާ މިންގަނޑު ނުހިނގާނެ ކަމަށް ވެސް މި މާއްދާގައި ބުނެ އެވެ.

ރާއްޖޭގެ ސަރަހައްދުގެ އެކި ބައިތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިތުރު ކުރި މާއްދާތައް ފާސްކުރީ، މަޖިލިހުގއި އެންމެ މެމްބަރެއް ހިމެނޭ، އަދާލަތު ޕާޓީ ފިޔަވައި، މަޖިލީހުގައި ތަމްސީލްކުރާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ގިނަ މެމްބަރުން ވޯޓު ދީގެންނެވެ. ނަމަވެސް، ފ. އަތޮޅުގެ ބައެއް ސައޫދީ އަރަބިއްޔާގެ އިންވެސްޓަރުންތަކަކަށް މިލްކުކޮށްދޭން އުޅޭ ވާހަކަ ފެތުރުމާ އެކު، އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅު ހަދަން ފަށައިފަ އެވެ.