Roadha Mihaaru
"ޕްރޮޖެކްޓްތައް ރޭވީ ސަރުކާރަށް ބަރޯސާނުވާ ގޮތަށް"

ޕްރޮޖެކްޓްތައް ރާވާފައި ވަނީ ސަރުކާރަށް ބަރޯސާ ނުވެ، އާމްދަނީ އިތުރު ކުރަން: ވަޖީހު

08 ސެޕްޓެމްބަރ 2024

އެމްޕީއެލް އަށް އާމްދަނީ ހޯދަން ކުރިމަގަށް ގިނަ ޕްރޮޖެކްޓްތަކެއް ރާވާފައިވާއިރު، އެއީ ސަރުކާރަށް ބަރޯސާނުވެ، ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްޕީއެލް އަށް އާމްދަނީ ހޯދަން ކުރިމަގަށް ގިނަ ޕްރޮޖެކްޓްތަކެއް ރާވާފައިވާއިރު، އެއީ ސަރުކާރަށް ބަރޯސާނުވެ، ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން، މެރިޓައިމް ދާއިރާގެ އިސްފަރާތްތަކުގެ ހިޔާލު ހޯދުމަށް އެ ދާއިރާގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެމްޕީއެލް އިން ކުރިމަގަށް ގިނަ ޕްރޮޖެކްޓުތަކެއް ރާވާފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ މެރިޓައިމް ދާއިރާއާ ގުޅުން ހުރި ކަންކަމަށް ވުމުން އެ ފަރާތްތަކުގެ މަޝްވަރާ އާއި ހިޔާލު މުހިންމު ކަމަށް ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު، މެރިޓައިމް ދާއިރާގެ އިސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޕީއެލްގެ ސީއީއޯ ވަޖީހު، މެރިޓައިމް ދާއިރާގެ އިސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޕީއެލް އިން ކުރިއަށް އޮތް ފަސް އަހަރަށް ރާވާފައިވާ މަސައްކަތްތައް މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރި އެވެ. އެއީ ސަރުކާރަށް ސަރުކާރަށް ބަރޯސާ ނުވެ، ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓުތަކެއް ކަމަށް ވަޖީހު ވިދާޅުވި އެވެ.

މައިގަނޑު ފަސް ދާއިރާއަކަށް ބަހާލައިގެން ހިންގަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ތިން ސަރަހައްދެއްގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމާއި މެރިޓައިމް ހަބުތައް ގާއިމުކުރުމާއި ޔޮޓް މެރީނާ ތަރައްގީ ކުރުމާއި ކްރޫޒް ޓާމިނަލެއް ހެދުމާއި ޑޮކްޔާޑާއި ބޯޓްޔާޑުގެ ހިދުމަތްތައް ދީ، ފުޅާކުރުމާއި ލޮޖިސްޓިކްސް އާއި ވެއާހައުސްތަކުގެ ހިދުމަތްތައް އިތުރުކުރުން ހިމެނެ އެވެ.

އެމްޕީއެލްގެ ފަރާތުން، މެރިޓައިމް ދާއިރާގެ އިސްވެރިންނާ މިއަދު ބައެއް ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޕީއެލްގެ ފަރާތުން، މެރިޓައިމް ދާއިރާގެ އިސްވެރިންނާ މިއަދު ބައެއް ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދުގެ ބައްދަލުވުމުގައި ސްޓޭކްހޯލްޑަރުން ވަނީ މި ދާއިރާ ތަރައްގީކުރުމަށް މެރިޓައިމާ ގުޅޭ ހަރަކާތްތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. މި މަސައްކަތްތައް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ވެސް ފާހަގަކުރި އެވެ.

މެރިޓައިމް ދާއިރާގެ އިސް ފަރާތްތަކުން ވަނީ އެ ދާއިރާގެ އެކި ކަންތައްތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ. އެ ދާއިރާ ތަރައްގީ ކުރުމަށް ހިޔާލު ވެސް ހުށަހެޅި އެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ އެއީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ މެރިޓައިމް ދާއިރާ ތަރައްގީ ކުރުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް ކަމަށާއި އެ ދާއިރާ އިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ވެސް މި ހަފުތާގައި ފަށަން ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން ވެސް ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.