Roadha Mihaaru
އާއިލާތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު-1

އާއިލާތައް ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު - 1

07 ސެޕްޓެމްބަރ 2024

އާއިލާތަކަކީ މުޖުތަމައު އުފެދުމުގެ އަސްލު ކަމުގައިވާ އިރު އާއިލާތައް ހިމާޔަތްކޮށް އާއިލާތަކަށް ރިއާޔަތްތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައުގެ މަސްއޫލިއްޔަތެކެވެ. މުހިންމު އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ މި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައްގުތަކާއި ވާޖިބުތަކުގެ ދެމެދުގައި ވަޒަން ހިފެހެއްޓުމާއި ކައިވެންޏަށް ހެކިވެ އިއުލާނު ކުރުމާއި ކައިވެނީގެ އަގުދު ރެކޯޑު ކުރުމާއި ދަރިން ރަޖިސްޓްރީ ކުރުމާއި ޝަރުއީ ނޫން ގުޅުންތައް އިންކާރު ކުރުމާއި މިފަދަ އިންހިރާފީ ފިކުރުތަކާ އިދިކޮޅުވުމާއި ކައިވެންޏަށް އިހުތިރާމުކޮށް އަގުކުރަން މުޖުތަމައު ހޭލުންތެރިކުރުވުން ފަދަ ކަންކަން ހިމެނެއެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އާއިލާތަކަކީ މުޖުތަމައު އުފެދުމުގެ އަސްލު ކަމުގައިވާ އިރު އާއިލާތައް ހިމާޔަތްކޮށް އާއިލާތަކަށް ރިއާޔަތްތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައުގެ މަސްއޫލިއްޔަތެކެވެ. މުހިންމު އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ މި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައްގުތަކާއި ވާޖިބުތަކުގެ ދެމެދުގައި ވަޒަން ހިފެހެއްޓުމާއި ކައިވެންޏަށް ހެކިވެ އިއުލާނު ކުރުމާއި ކައިވެނީގެ އަގުދު ރެކޯޑު ކުރުމާއި ދަރިން ރަޖިސްޓްރީ ކުރުމާއި ޝަރުއީ ނޫން ގުޅުންތައް އިންކާރު ކުރުމާއި މިފަދަ އިންހިރާފީ ފިކުރުތަކާ އިދިކޮޅުވުމާއި ކައިވެންޏަށް އިހުތިރާމުކޮށް އަގުކުރަން މުޖުތަމައު ހޭލުންތެރިކުރުވުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ ތެރެއިން މި ލިޔުމުގައި މި ބަލައިލަނީ މި މަސްއޫލިއްޔަތުތައް ބިނާވެގެންވާ އަސާސްތަކާއި ހައްގުތަކާއި ވާޖިބުތަކުގެ ދެމެދުގައި ވަޒަން ހިފެހެއްޓުމާއި ކައިވެންޏަށް ހެކިވެ އިއުލާނު ކުރުމުގެ މައްޗަށެވެ.

އާއިލާ ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތުގެ އަސާސް

އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު ބިނާވެފައިވަނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށެވެ. އެއް އަސާސަކީ އިސްލާމީ ޝަރީއަތުގެ މުހިންމު މަގުސަދެއް ކަމުގައިވާ ކައިވެނިތައް އިސްލާމީ އުސޫލުތަކުގެ މަތީ ދާއިމަށް ދަމަހައްޓަން މަސައްކަތް ކުރުމެވެ. ދެ ވަނަ އަސާސަކީ އާއިލާތައް ރޫޅިގެން ދިޔަ ނުދީ އަދި އާއިލާތައް ހެޔޮމަގުން ކައްސާލިޔަ ނުދީ ހިމާޔަތްކޮށް ރިއާޔަތް ކުރުމަކީ މުޅި މުޖުތަމައު ހިމާޔަތް ކުރުމަށް ކުރެވޭ ކަމެއްކަން ގަބޫލުކޮށް އެކަން ދަމަހައްޓަން މަސައްކަތް ކުރުމެވެ.

އެހެންކަމުން އާއިލާތައް ހިމާޔަތްކޮށް، އާއިލާތަކަށް ރިއާޔަތް ކުރުމަށް އިސްލާމް ދީނުގައި އައިސްފައިވާ އެންމެހާ އުސޫލުތައް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު މުޖުތަމައު އިން ނަގަން ޖެހޭނެ އެވެ. މުޖުތަމައުގެ ފަރާތުން މި ކަމުގައި އިސްނަގަން ޖެހޭނީ ހާކިމެވެ. އެބަހީ، ދައުލަތުގެ ފަރާތުން މި މަސްއޫލިއްޔަތުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވައި ބަލަހައްޓަން ޖެހޭނެ އެވެ. ހަމަ މިއާ އެކު، ކޮންމެ އާއިލާއެއްގެ ދެ ފަރާތުން ގާތްތިމާގެ މީހުން އިސް ދައުރެއް އަދާކުރަން ޖެހެ އެވެ.

މިސާލަކަށް ދެމަފިރިއެއްގެ ދެމެދުގައި އަރައިރުން އުފެދި އާއިލާ ރޫޅެން އުޅޭ ކަމުގެ ބިރު ހީވެއްޖެ ނަމަ ކަން ކުރަން ޖެހޭނެ ގޮތާ މެދު ކީރިތި ޤުރްއާނުގެ އައްނިސާއު ސޫރަތުގެ 35 ވަނަ އާޔަތުގެ އަލީގައި ފިގުހު އިލްމުވެރިން ވިދާޅުވެފައިވަނީ އަންނަނިވި ގޮތަށެވެ. އެއީ، އެންމެ ފުރަތަމަ ކަމަކަށް އެފަދަ ދެމަފިރިންގެ ކަންކަން ބެލެހެއްޓުމާއި އެ އިން އެކަކަށް އަނެކެއްގެ ފަރާތުން ދީފާނެ އަނިޔާ އިން ސަލާމަތް ކޮށްދިނުމަށްޓަކައި މި ޒިންމާތައް އަދާކުރެވޭ ވަރުގެ އިތުބާރު ހުރި މީހެއްގެ ނުވަތަ ބައެއްގެ ބެލުމުގެ ދަށަށް އެ ދެމަފިރިން ގެންދަން ހާކިމުގެ ފަރާތުން އިންތިޒާމުތައް ރޭވުމެވެ. އެ އަށް ފަހު މިގޮތުން ކާމިޔާބު ނުވެއްޖެ ނަމަ ދެމަފިރިންގެ ދެމެދު އިސްލާހުކޮށް، ފައިސަލާ ކުރަން ދެ އާއިލާ އިން ކުރެ ކޮންމެ އާއިލާ އަކުން މީހަކު ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. މި ދެ މީހުންނަށް ލާޒިމުވާނީ ދެމަފިރިންގެ މެދުގައިވާ މައްސަލަ ބަލައި އެންމެ މަސްލަހަތު ބޮޑުވާނެ ގޮތަށް ފައިސަލާ ކުރުމެވެ. މިގޮތުން މަސްލަހަތު ބޮޑު ނަމަ ދެމަފިރިން ވަކިކުރަން ވެސް ނިންމިދާނެ އެވެ. ނަމަވެސް އިސްވެ އިޝާރާތް ކުރި އާޔަތުން އެނގޭ ގޮތުގައި އިސްލާމް ދީން އެދެނީ ވަރި ނުވެ ސުލްހަ ވެގެން އެކުގައި އުޅުމަށެވެ. އެ ނިޔަތް އެގޮތުގައި އޮތް ނަމަ ﷲ ގެ ހަޒުރަތުން ތައުފީގު ވެސް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން، ފިރިއެއްގެ ކިބައިން އޭނާގެ އަންހެނުން ދުރުކުރަން މަސައްކަތް ކުރާ މީހާ އަކީ އަހަރެމެން (މުސްލިމުން) ގެ ތެރެއިން ވާ މީހެއް ނޫން ކަމަށް ކީރިތި ރަސޫލާ ﷺ ވެސް ވަނީ އިރުޝާދު ދެއްވާފަ އެވެ. (އަޙުމަދު، އަބޫދާއޫދު).

ހައްގުތަކާއި ވާޖިބުތަކުގެ މެދުގައި ވަޒަން ހިފެހެއްޓުން

އާއިލާ ހިމާޔަތްކޮށް ރިއާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިޔަތުތަކުގެ ތެރޭ ހިމެނޭ އެއްކަމަކީ، ހައްގުތަކާއި ވާޖިބުތަކުގެ މެދުގައި ވަޒަން ހިފެހެއްޓުމެވެ. މިކަން ކުރުމަށްޓަކައި ކައިވެނީގެ އަގުދުގެ ތެރެއިން ދެމަފިރިންގެ ހައްގުތަކާއި ވާޖިބުތައް އަދާކުރެވޭނެ ގޮތަށް ރާވަން ޖެހެ އެވެ. ދެމަފިރިން ކުރެ ކޮންމެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައެޅިގެން ބަޔާން ކުރެވިފައި އޮންނަން ޖެހޭނެ އެވެ.

އިންސާނާގެ ތަބީއަތަށް ބަލާއިރު އިންސާނާގެ މާއްދީ އަދި މައުނަވީ އެދުންތަކަށް އަބަދުވެސް އިސްކަން ދެވެ އެވެ. އެހެންވެ އެހެން މީހުންނަށް ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާކުރަން ދެކޮޅު ހެދުމަކީ ނުވަތަ އެކަމުގައި ފަރުވާ ކުޑަ ކުރުމަކީ ވެދާނެ ކަމެކެވެ. މީގެ ސަބަބުން އަނެކާގެ ހައްގެއް ގެއްލިގެން ގޮސްދާނެ އެވެ. މިކަމުން ސަލާމަތް ވުމަށްޓަކައި އިސްލާމް ދީން ވަނީ ޝަރުތުތަކާއި ވާޖިބުތަކާއި ހައްގުތަކެއް ކަނޑައަޅާފަ އެވެ. އެކިއެކި އަގުދުތައް ހަދާއިރު އިސްލާމީ އުސޫލުތަކާ ފުށުނާރާ ގޮތަށް އިތުރު ޝަރުތުތައް ލުމަށް ވެސް އިސްލާމްދީން ޖާގަ ދެއެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ މުސްލިމުން ވަނީ އެބައިމީހުން ކަނޑައަޅާ ޝަރުތުތަކުގެ މަތީ ތިބޭ ބައެއް ކަމުގަ އެވެ. (އަބޫދާއޫދު، ތިރުމިޛީ، ޙާކިމް). ޢަބްދުއްރަޙްމާން ބުނު ޣަންމު ގެ ކިބައިން ރިވާވެގެންވާ ގޮތުގައި ޢުމަރުގެފާނުގެ އަރިހަށް އައި ބޭކަލަކު އޭނާގެ އަނބިމީހާ އެކަމަނާގެ އަމިއްލަ ގޭގައި އިނުން ޝަރުތު ކޮށްފައި ކައިވެނި ކުރެއްވިކަން ބަޔާން ކުރެއްވުމުން ޢުމަރުގެފާނު ވިދާޅުވީ "އެކަމަނާ އަށް އެކަމަނާގެ ޝަރުތު ހައްގު ވެގެންވާ" ކަމަށެވެ. (ބުޚާރީ).

ހައްގުތަކާއި ވާޖިބުތަކުގެ މެދުގައި ވަޒަން ހިފެހެއްޓުމަށްޓަކައި ދެން ކުރަންޖެހޭ ކަމަކީ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު އިސްލާމީ އުސޫލުތަކުގެ މަތިން ހައްގުތަކާއި ވާޖިބުތައް އަދާކުރެވޭނެ އިންތިޒާމު ރޭވުމެވެ. ކީރިތި ޤުރްއާނުގައި ﷲ އަންގަވަނީ "އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާ ފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށް ވެސް ހައްގު ވެގެންވެއެވެ." (އަލްބަޤަރާ 228). އެހެންކަމުން ދެމަފިރިންގެ ދެމެދުގައި އޮންނަ ކޮންމެ ހައްގަކަށް އަދި ކޮންމެ ވާޖިބަކަށް ނިސްބަތުން އޮންނަ އޭގެ ހަގީގީ ބަރުދަނާއި ބޮޑުމިނުން އަހަންމިއްޔަތުކަން މުޖުތަމައުން ދޭންވާނެ އެވެ.

ކައިވެންޏަށް ހެކިވުމާއި ކައިވެނި އިއުލާނު ކުރުން

އާއިލާ ހިމާޔަތްކޮށް އާއިލާ އަށް ރިއާޔަތް ކުރުމުގައި މުޖުތަމައުން އަދާކުރަންޖެހޭ ދެވަނަ މަސްއޫލިއްޔަތަކީ، ކައިވެންޏަށް ހެކިވުމާއި ކައިވެނި އިއުލާނު ކުރުމެވެ. މިކަން މިގޮތަށް ކުރުމުން އެ ރަމްޒު ކޮށްދެނީ މިއީ މުޖުތަމައެއް އުފެދުމުގެ އަސްލު ކަމުގައިވާ އާއިލާ ބިނާކުރުމުގައި މުޖުތަމައު ބައިވެރިވާ ކަމެވެ. އަދި މި ދެމަފިރިންގެ ގުޅުމަކީ ޝަރުއީ ހަމަތަކުގެ މަތިން ގުޅުނު ގުޅުމެއްކަން އެންމެންނަށް ކަށަވަރު ވުމެވެ.

ކައިވެނީގެ ސަބަބުން ތަރުތީބުވާ ހުރިހާ ހައްގަކާއި ވާޖިބުތައް އާއިލާ އަށް ކަށަވަރު ވެއްޖެ ކަމަށް މުޖުތަމައު އިން އެއްބަސްވާ އެއްބަސްވުމެކެވެ. މިގޮތުން ދެމަފިރިކަމުގެ ގުޅުން ހުއްދަވުމާއި ކައިވެނީގެ ރަން ހައްގުވުމާއި ޚަރަދުބަރަދު ހައްގުވުމާއި ދަރިންގެ ނަސަބު ސާބިތުވުމާއި ވާރުތަ މުދާ ހައްގުވުން ފަދަ ކަންކަމަށް މުޅި މުޖުތަމައު އިގުރާރުވާ އިގުރާރު ވުމަކަށް މިކަން ވެގެންދެ އެވެ.

މި ސަބަބުތަކަށްޓަކައި ކައިވެނީގެ އަގުދުގައި ހެކިވެރިން ތިބުމަކީ ކައިވެނީގެ ޝަރުތެކެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ވަލީ އާއި އަދުލުވެރި ދެ ހެކިން ނެތި ކައިވެނި ވުމެއް ނެތް" ކަމަށެވެ. (އިބްނު ޙިއްބާން، ދާރުޤުޠުނީ، އަލްބައިހަޤީ). ހަމަ އެއާ އެކު، ކައިވެނި އިއުލާނު ކުރަން ކީރިތި ރަސޫލާ ﷺ އަމުރު ކުރައްވާފައި ވެ އެވެ. (އަޙުމަދު، އަލްޙާކިމް). އަދި ކައިވެނި ކުރާއިރު (ހުއްދަ ގޮތުގައި) ތާރަ ޖަހައި ލަވަ ކިޔުމަކީ ޙަލާލާއި ޙަރާމާ ދެމެދު ވަކި ކުރުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް އެކަލޭގެފާނު ބަޔާން ކުރައްވާފައި ވެ އެވެ. (އަޙުމަދު، ތިރުމިޛީ، ނަސާއީ، އިބްނު މާޖާ). ތާރަ ޖަހައި "އަތައިނާކުމް އަތައިނާކުމް ފަޙައްޔޫނާ ނުޙައްޔީކުމް" މިހެން ކިޔައި ލަވަކިޔައިފުމަށް ދާންދެން، ކައިވެނި ސިއްރު ކުރުމަށް ކީރިތި ރަސޫލާ ﷺ ނަފުރަތު ކުރައްވާ ކަމަށް ވެސް ވާރިދު ވެގެން ވެ އެވެ. (ޢަބްދުﷲ ބުނު އަޙުމަދު). ހަމަ އެހެންމެ އަންޞާރުންނަކީ ލަހުވަށް ލޯބި ކުރާ ބަޔަކަށް ވާތީ އަންޞާރިއްޔަ ބޭކަލެއްގެ ކައިވެންޏާ އެކު (ހުއްދަ) ލަހުވުގެ އައިޓަމެއް ކުރިއަށް ގެންދަން ކީރިތި ރަސޫލާ ﷺ ޢާއިޝަތުގެފާނަށް އިރުޝާދު ދެއްވި އެވެ. (ބުޚާރީ). މި ހުރިހާ ކަމެއްގެ ވެސް ބޭނުމަކީ ކައިވެންޏަށް މުޖުތަމައު އިން ހެކިވުމާއި މުޖުތަމައުގެ ބައެއްގެ ގޮތުގައި އައު އާއިލާއެއް ހިމަނައި ބަލައިގަތުމަށް އިގުރާރު ވުމެވެ.--- (ނުނިމޭ)