Roadha Mihaaru
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން

ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން

17 އޯގަސްޓް 2024

އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ ވަރަށް މުހިންމު މަގުސަދުތަކެއް ވެ އެވެ. އޭގެ ތެރޭގައި އިންސާނީ ނަސްލު ރައްކާތެރިކުރުމާއި އާއިލާގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމާއި ނަސަބާއި އަބުރު ރައްކާތެރިކުރުމާއި އާއިލާގައި ދީންވެރިކަން ދެމެހެއްޓުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ އިންސާނީ ނަސްލު ރައްކާތެރި ކުރުމުގެ މަގުސަދަށާއި އާއިލާގައި ހަމަހިމޭންކަން ދެމެހެއްޓުމުގެ މަގުސަދަށެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ ވަރަށް މުހިންމު މަގުސަދުތަކެއް ވެ އެވެ. އޭގެ ތެރޭގައި އިންސާނީ ނަސްލު ރައްކާތެރިކުރުމާއި އާއިލާގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމާއި ނަސަބާއި އަބުރު ރައްކާތެރިކުރުމާއި އާއިލާގައި ދީންވެރިކަން ދެމެހެއްޓުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ އިންސާނީ ނަސްލު ރައްކާތެރި ކުރުމުގެ މަގުސަދަށާއި އާއިލާގައި ހަމަހިމޭންކަން ދެމެހެއްޓުމުގެ މަގުސަދަށެވެ.

އިންސާނީ ނަސްލު ރައްކާތެރި ކުރުން

އިންސާނީ ނަސްލު ރައްކާތެރި ކުރުމުގެ ބޭނުމަކީ އެ މަގުސަދަކަށްޓަކައި ﷲ އިންސާނުން އުފެއްދެވި މަގުސަދު ކަމުގައިވާ ބިމުގެ ޚަލީފާކަން އަދާކުރުމެވެ. (އަލްބަޤަރާ 30). ބިން އާރާސްތު ކުރުމާއި އެކަން އެއްޖީލުން އަނެއް ޖީލަށް ނަގުލު ކުރުން ދެމެހެއްޓޭނީ އިންސާނީ ނަސްލު ދެމިއޮވެގެންނެވެ. މިހެންވެ ﷲ އިންސާނުން ބިމުގައި ލެއްވީ އެ ބިމުގައި އިމާރާތްކޮށް، ބިމުގެ ފައިދާ ލިބިގަންނަ ބަޔެއްގެ ގޮތުގަ އެވެ. (ހޫދު 61). މި ކަމަށްޓަކައި އޮތް ތަބީއީ ވަސީލަތެއްގެ ގޮތުގައި ﷲ ލައްވާފައި ވަނީ އިންސާނުންގެ ފިތުރަތުގައި ޖިންސީ ޝަހުވަތް ލައްވާފައި ވުމެވެ. މީގެ ނަތީޖާއަކީ ނަސްލު ދެމިގެން ދިއުމެވެ. މިގޮތުން ގައުމުތަކާއި ގަބީލާތައް އުފެދިގެން ދިއުމެވެ. (އަލްޙުޖުރާތު 13). އިންސާނީ ނަސްލު އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވަނީ ގިނައިން ވިހާ އަންހެނުންނާ ކައިވެނި ކުރުމަށެވެ. (އިބްނު ޙިއްބާން).

ނަމަވެސް މާތްވެގެންވާ އިސްލާމް ދީނުގައި ޖިންސީ ޝަހުވަތުގެ ބޭނުން ހިފައި އިންސާނީ ނަސްލު އިތުރުކޮށް ދަމަހައްޓަން ޖެހެނީ ވަކި ހަމަތަކެއްގެ މަތިންނެވެ. ހައިވާނީ އުސޫލުގެ ބަދަލުގައި ތަހުޒީބީ ގޮތެއްގަ އެވެ. އެންމެ ފުރަތަމަ ކަމަކީ، އަންހެނަކާއި ފިރިހެނަކާ ދެމެދު ކުރެވޭ ޝަރުއީ ކައިވެންޏަކުން ނޫން ގޮތަކަށް ދަރިން ހޯދުން މަނާ ކުރުމެވެ. މި ނޫން އެހެން ގޮތްގޮތުން ޖިންސީ ޝަހުވަތް ފުއްދުން މަނާ ކުރުމެވެ.

ދެ ވަނަ ކަމަކީ، ކައިވެނީގެ މޭވާ ކަމުގައިވާ ދަރިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމަށްޓަކައި އާއިލާ ރޭވުން ނުވަތަ ތަންޒީމު ކުރުމަކީ ދެމަފިރިންގެ ރުހުމާއި އިސްލާމްދީނުގެ އެންގެވުމަކާ ފުށުނާރާ ގޮތެއްގެ މަތިން މެނުވީ ކުރެވޭނެ ކަމަކަށް ނުވުމެވެ.

އާއިލާ ރޭވުމުގެ ބޭނުމަކީ ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމާއި މައިމީހާގެ ސިއްހަތަށް ރިއާޔަތް ކުރުން ކަމުގައިވާ ހިނދު ކޮންމެ ދެ ދަރިއެއްގެ ދެމެދުގައިވާ މުއްދަތަކީ މި ކަންކަމަށް އެކަށޭނަ މުއްދަތަކަށް ވާން ޖެހޭނެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު ދަރިއަކަށް ގާތުން ކިރުދިނުން މުޅިން އެއްކޮށް ފުރިހަމަ ކުރަން ބޭނުންވާ މީހާ އަށް އޮންނަ މުއްދަތަކީ ދެ އަހަރެވެ. (ލުޤުމާނު 14). އެހެން އާޔަތަކުން އެނގޭ ގޮތުގައި ދަރިޔަކަށް މާބަނޑުވުމާއި ކިރުތުނބުން ވީއްލުމަށް އޮންނަ މުއްދަތަކީ 30 މަސް ދުވަހެވެ. (އަލްއަޙްޤާފު 15). ދަރިޔަކަށް ގާތުން ކިރުދޭ މުއްދަތުގައި މާބަނޑުވުމަކީ ނުވަތަ "ޣީލާ" އަކީ މަކުރޫހަ ކަމެއް ކަމުގައި ހައްދަވަން ކީރިތި ރަސޫލާ ﷺ ގަސްދު ކުރެއްވި ކަމަށް ހަދީސްތަކުން އެނގެން އޮވެ އެވެ. މި ހުރިހާ ކަންކަމަށް ބަލާއިރު ދެ ދަރިންގެ ދެމެދުގައި މަދުވެގެން ދެއަހަރާއި ބައިގެ މުއްދަތެއް އޮތުމަކީ އިސްލާމީ ނަޒަރުން ބަލާއިރު އެދެވިގެންވާ ކަމެއްކަން ހާމަވެ އެވެ.

އަނެއް މުހިންމު ކަމަކީ އާއިލާ ރޭވުމުގެ ނަމުގައި ދަރިން ނުލިބޭ ގޮތަށް ހެދުމަކީ ޟަރޫރީ ހާލަތެއްގައި މެނުވީ އިސްލާމް ދީނުގައި ހުއްދަ ކަމަކަށް ނުވުމެވެ. ހަމައެއާ އެކު ސަމާލުކަން ދޭން ޖެހޭ ކަމަކީ އާއިލާ ރޭވުން ބިނާކުރަންވާނީ އިންސާނުންނަށްޓަކައި ﷲ ލައްވާފައިވާ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ ގޮތެއްގެ މައްޗަށް ވިސްނައިގެން ކަމަށް ވުމެވެ. މިގޮތުން އުފެއްދުންތެރި އަތްތަކެއް ނެތި ކާނެ އަނގަތަކެއް އިތުރުވެގެން ދިއުމަކީ އިގުތިސާދީ ގޮތުން ބަލާއިރު އެކަށީގެންވާ ކަމެއް ނޫނެވެ. ޒުވާނުންނާއި ބޮޑެތި މީހުންގެ ޖީލުތަކުގައި ބައިމަދުވެ މުސްކުޅިންގެ ޖީލުތަކުގައި ބައިބޯވާ ގޮތަށް އޮތުމަކީ ވެސް ވަޒަންހަމަވުން ގެއްލިގެންދާނެ ކަމެކެވެ.

އާއިލާ ރޭވުމުގައި މައިމީހާގެ ފުރާނަ އަށް ނުވަތަ ސިއްހަތަށް ލިބޭ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭނެ ކަމެއް ކަމުގައި އިތުބާރު ހިފޭ ޑަކުޓަރުން ބުނާ ކަންކަން ކުރުމަކީ އިސްލާމް ދީން ހުއްދަ ކުރާނެ ކަންކަމެވެ. އެހެނީ އިންސާނާ އަމިއްލަ އަށް އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ލެއްވުމަކީ ނަހީ ކުރެވިގެންވާ ކަމެކެވެ. (އަލްބަޤަރާ 195، އައްނިސާއު 29). ހަމަ އެއާ އެކު، ކަނޑައެޅިގެން ދަތި އުނދަގުލެއްގެ ތެރެއަށް ވަދެގަތުމަކީ ވެސް މުސްލިމަކަށް އެކަށޭނަ ކަމެއް ނޫނެވެ. ﷲ އެދިވޮޑިގަންނަވަނީ ލުއިފަސޭހަ ގޮތެވެ. ދަތި އުނދަގޫ ގޮތެއް ނޫނެވެ. (އަލްބަޤަރާ 185، އަލްމާއިދަތު 6). ހަމަ އެފަދައިން ގާތުން ކިރުދޭ ދަރިޔަކަށް ވެސް ގެއްލުމެއް ލިބޭނެ ކަންކަމުން ދުރުހެލިވުމަކީ އިސްލާމް ދީން ބާރުއަޅާ ކަމެކެވެ. ކުރިން އިޝާރާތް ކުރި ފަދައިން ޣީލާ މަނާ ކުރައްވަން ﷺ ކީރިތި ރަސޫލާ ގަސްދު ކުރެއްވި އެވެ. ނަމަވެސް އެކަމުން ގެއްލުމެއް ނުލިބޭނެ ކަމަށްވާ ނަމަ ގާތުން ކިރުދެމުން ވެސް މާބަނޑު ވެވިދާނެ އެވެ.

އާއިލާއަކީ ހަމަހިމޭންކަން ލިބިގަންނަ ތަނަކަށް ހެދުން

އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ ދެ ވަނަ މަގުސަދަކީ، އާއިލާއަކީ ހަމަހިމޭންކަން ލިބިގަންނަ ތަނަކަށް ހެދުމެވެ. ކީރިތި ޤުރްއާނުގެ އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ﷲ އަންގަވަނީ އިންސާނުންނަށްޓަކައި އިންސާނުންގެ ތެރެއިން އެ މީހުންގެ ބައިވެރިން ލެއްވުމުގެ ބޭނުމަކީ ބައިވެރިޔާގެ ފަރާތުން ހަމަހިމޭންކަން ހޯދުން ކަމަށެވެ. މި މަގުސަދު ހާސިލު ކުރުމަށްޓަކައި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި އޯގާތެރިކަމުގެ ސިފަތައް އެކަލާނގެ ލެއްވި ކަމަށެވެ. މީގެ ނަތީޖާ އަކީ ދެމަފިރިން މި ނިއުމަތް ބަލައިގެންފި ނަމަ އާއިލާގައި ހަމަޖެހުމާއި އުފާވެރިކަމާއި ލޯތްބާއި ކުލުނާއި އަޅާލުމާއި ވާގިވެރިވުން ކޮންމެ ހާލަތެއްގައި ވެސް އޮންނާނެކަން ކަށަވަރު ވުމެވެ.

އަދި މި ކަށަވަރުކަން ގެނައުމަށްޓަކައި ވެސް އިސްލާމް ދީނުގައި ވަރަށް މުހިންމު އުސޫލުތަކެއް ކަނޑައެޅިފައި ވެ އެވެ. މީގެ ތެރެއިން އެއްކަމަކީ، ހެޔޮ ގޮތުގައި އަނބިމީހާއާ އެކުގައި އުޅުމެވެ. (އައްނިސާއު 19).

މި އާޔަތުގައި އެ ބަޔާންކުރާ ހެޔޮ ގޮތުގައި އުޅުމަކީ ހެޔޮލަފާ މުޖުތަމައެއްގައި ހެޔޮލަފާ ކަންކަމުގެ ގޮތުގައި ބަލައިގަންނަ އުރުފާ އެއްގޮތަށް އަނބިމީހާއާ މުއާމަލާތު ކުރުމެވެ.

ދެ ވަނަ ކަމަކީ، އަނބިމީހާ އާއި ފިރިމީހާ އަކީ އެކަކު އަނެކަކަށް ލިބާހެއް ފަދަ މީހެއް ކަމުގައި ވުމެވެ. (އަލްބަޤަރާ 187). ލިބާހެއް ކަމުގައި ވުމުން ލިބާހަކުން ހާސިލުކުރާ ހުރިހާ ކަމެއް ދެމަފިރިންގެ ދެމެދުގައި އޮންނާނެ އެވެ. އެއީ ޒީނަތްތެރިކަމާއި ފޮރުވުމާއި ގައިގައި ބީހިފައިވުމާއި ތާފަނާކަން ފޯރުކޮށްދިނުމެވެ.

ހަމަ އެފަދައިން ދެ މީހުންނަކީ ވެސް އެކަކު އަނެކަކުގެ ކިބައިންވާ މީހެއް ކަމުގައި ވުމެވެ. (އާލްޢިމްރާން 195). މީގެ މާނައަކީ ދެ މީހުންނަކީ އެކަކު އަނެކަކަށްޓަކައި ލެއްވިފައިވާ ދެ މީހުން ކަމަށް ވުމެވެ. އެހެންކަމުން އެކަކުގެ ކިބައިގައިވާ އުނިކަމެއް ވިއްޔާ އަނެކަކު ފުރިހަމަ ކޮށްދޭނެ އެވެ. އެއްވެސް ހާލެއްގައި ދެ މީހުންނަކީ ދެކޮޅުވެރިވުމާއި ދެބަސްވުމަށް ވާ ދެމީހުން ކަމުގައި ވެގެން ނުވާނެ އެވެ.

ވީމާ އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ މަގުސަދުތައް ހާސިލު ކުރުމަށް މުސްލިމުން މަސައްކަތް ކުރަންޖެހޭނެ އެވެ. ކައިވެންޏަކީ އިސްލާމީ ހަމަތަކުގެ މަތިން އިންސާނީ ނަސްލު ދެމެހެއްޓުމަށްޓަކައި ކުރާ ކަމަކަށް ހަދަން ވާނެ އެވެ. އާއިލާގައި ލޯތްބާއި ހަމްދަރުދީގެ ތެރެއިން ހަމަހިމޭންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ.