Roadha Mihaaru
ފިލަން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީން އަތުލައިގެންފި

އިމިގްރޭޝަނަށް ފިލަން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީން އަތުލައިގަނެ ނޯޓިސް ދީފި

02 ސެޕްޓެމްބަރ 2024

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް ފިލަން ހދ. ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، ގަވާއިދާ ޚިލާފަށް އުޅޭތީ އިމިގްރޭޝަނަށް ހާޒިރުވާން ނޯޓިސް ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް ފިލަން ހދ. ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، ގަވާއިދާ ޚިލާފަށް އުޅޭތީ އިމިގްރޭޝަނަށް ހާޒިރުވާން ނޯޓިސް ދީފި އެވެ.

އިމިގްރޭޝަނުން ބުނީ ކުޅުދުއްފުއްޓަށް އިއްޔެ ނުވަ ބިދޭސީއަކު ދިޔަ ކަމަށެވެ. މީގެ ކުރިން ވެސް ފިލަން އެ ރަށަށް ދިޔަ ބިދޭސީންތަކެއް ވަނީ އަތުލައިގެންފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތައް ފުޅާކުރުމާ އެކު އެމީހުން ފިލަން ކުޅުދުފުއްޓަށްދާތީ އެ ރަށު ކައުންސިލުން ވަނީ އެކަން ހުއްޓުވަން އެ ރަށުގައި ހުންނަ އިމިގްރޭޝަނާއި ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް އެކި ރަށްރަށަށްދާ ކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށެވެ. ކުޅުދުފުއްޓަށް އިއްޔެ ދިޔަ ބޯޓެއް ބަލައިފާސްކުރިއިރު އޭގެއިން ދަތުރުކުރި ބިދޭސީންގެ ތެރެއިން ނުވަ ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންނެވެ.

އެހެންވެ، އެ މީހުންނަށް ނޯޓިސްދީ ކުޅުދުއްފުށީ އިމިގްރޭޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ގަވައިދާ ހިލާފަށް އުޅޭ މީހުން ގޮވައިގެން ދަތުރުކުރުމުން ބޯޓުގެ ކެޕްޓަނަށް ވެސް ވަނީ ލިޔުމުން ނަސޭހަތް ދީފަ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ހާޒިރުވާން ދިން ނޯޓިސްއާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ އެވެ.

ބިދޭސީން ކުޅުދުއްފުއްޓަށް ފިލަންދާ މައްސަލާގައި އެ ރަށުގެ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ގިނަ ބަޔަކު އެ ރަށަށް މިސްރާބު ޖަހާފައި ވަނީ ދަތުރުކުރުމުގެ ފަސޭހަ ނިޒާމެއް އޮންނާތީ ކަމަށް ބެލެވެ އެވެ. އިމިގްރޭޝަނުން ފެށި އޮޕަރޭޝަނަކާ އެކު އެ ރަށަށް ދާ ބިދޭސީންގެ އަދަދު އިތުރުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ބިދޭސީން ފިލަން ރަށްރަށަށް ދާތީ، އޮޕަރޭޝަން އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަނުގެ އޮޕަރޭޝަންތަކުގައި ޑީޕޯޓް ކޮށްފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެ އެވެ. އަދި ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ މީހުން ވެސް މިދިޔަ ނުވަ މަސް ތެރޭގައި ރާއްޖެ އިން ޑީޕޯޓްކޮށްފައިވެ އެވެ.