Roadha Mihaaru
ކަންގަނާގެ ފިލްމާއި "އޮޕެންހައިމާ" އަޅާކިޔޭނެ

ކަންގަނާ ބުނީ އޭނާގެ އާ ފިލްމާއި "އޮޕެންހައިމާ"އާ އަޅާކިޔޭނެ ކަމަށް

29 އޯގަސްޓް 2024

ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" އާއި ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފިލްމު "އޮޕެންހައިމާ"އާ އަޅާކިޔޭނެ ކަމަށް ކަންގަނާ ބުނެފި އެވެ.

ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" އާއި ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފިލްމު "އޮޕެންހައިމާ"އާ އަޅާކިޔޭނެ ކަމަށް ކަންގަނާ ބުނެފި އެވެ.

"އިމަޖެންސީ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމެކެވެ. ކަންގަނާ އިންދިރާގެ ގާންދީގެ ރޯލު ކުޅޭ އެ ފިލްމު އަންނަ މަހު ހައެއްގައި ޕްރިމިއާކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށް ހަދާފައިވާ ފިލްމެކެވެ. އަދި އެ ފިލްމަކީ މި އަހަރުގެ އޮސްކާ އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ކާމިޔާބުކުރި ފިލްމެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ވެސް ކަމަށްވާ ކަންގަނާ މި ދުވަސްކޮޅު އަވަދިނެތި އުޅެނީ "އިމަޖެންސީ"ގެ ޕްރޮމޯޝަންގަ އެވެ. އެ ފިލްމާއި "އޮޕެންހައިމާ" އަޅާކިޔޭނެ ކަމަށް ކަންނަގާ ބުނީ ވެސް އެ ފިލްމުގެ ޕްރޮމޯޝަނަށް "އިންޑިއާ ޓުޑޭ"އަށް ދިން އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ކަންގަނާ ވަނީ އިންދިރާއާ ގުޅޭ ގޮތުން އެކި ވާހަކަތައް ދައްކައިފަ އެވެ. އަދި އިންދިރާއަކީ އިންޑިއާގެ ސިޔާސީ މައިދާނުގައި އާންމުންގެ މެދުގައި ހިޔާލު ދެކަފިވެފައިވާ ޝަހުސިއްޔަތަކަށް ވާތީ، އެ ފިލްމުގައި އިންދިރާ ދައްކާނީ ރަނގަޅު ނުވަތަ ގޯސް ބޭފުޅެއްގެ ނަޒަރިއްޔާތުންތޯ ވެސް އެ އިންޓަވިއުގައި ކަންގަނާއާ ސުވާލުކުރި އެވެ.

"ކަންކަމުގެ ހަގީގަތާ މެދުގައި މީހުން އެހާ ޖެހިލުންވަނީ ކީއްވެ ކަމެއް ނޭނގޭ. އަހަރެމެންނަށް ކަމުގެ ހަގީގަތް ފެންނަން ނެތް ކަމަށް ހެދިގެން އުޅެނީ. އަހަންނަށް އިންދިރާ އަކީ އިންދިރާ، އަހަރެމެންނަށް ވަކި މީހަކީ ގޯސް މީހެކޭ، ރަނގަޅު މީހެކޭ ނުނިންމޭނެ. އެ ނަޒަރިއްޔާތުން މި ފިލްމު ބަލައިފިއްޔާ ވަރަށް ގިނަ ކަންކަން ދޭހަވާނެ. އަހަރެން ބުނާނީ މި ފިލްމާއި އެންމެ ކައިރިން ވެސް އަޅާކިޔޭނީ އޮޕެންހައިމާއާއޭ،" ކަންގަނާ ޖަވާބު ދިނެވެ.

ކަންގަނާ ބުނީ އޮޕެންހައިމާ ބަލާއިރު ވެސް އޮޕެންހައިމާއަކީ ގޯސް ނުވަތަ ރަނގަޅު މީހެއްކަން ނިންމަން ބެލުންތެރިންނަށް ވަރަށް އުނދަގޫވާ ކަމަށެވެ. "އިމަޖިންސީ" ވެސް ވާނީ އެ ކަހަލަ އިހުސާސެއް ކުރުވާނެ ފިލްމަކަށް ކަމަށް އޭނާ ބުންޏެވެ.

"އިމަޖެންސީ" ސިނަމާތަކަށް މި ގެންނަނީ އެކި ފަހަރު މަތިން ފަސްކުރުމަށް ފަހުގަ އެވެ. އެ ފިލްމު އެންމެފަހުން ފަސްކުރީ މިދިޔަ އަހަރު ގެނެސްދިން ކަންގަނާގެ ގިނަ ފިލްމުތަކެއް ފުލުފުލުގައި ފްލޮޕްވުމުންނެވެ.

ކަންގަނާ ކުރިން ބުނި ގޮތުގައި، "އިމަޖެންސީ" އަކީ އޭނާގެ މުޅި ފިލްމީ ކެރިއަރުގައި ލިބުނު ތަޖުރިބާއިން ވަރަށް ބުރަކޮށް ކުރި އަދި އޭނާއަށް ވަރަށް ހާއްސަ ވެސް މަސައްކަތެކެވެ. އެހެންވެ، އެ ފިލްމަށް އޭނާ ހާއްސަ އަހައްމިއްޔަތު ކަމެއް ދެ އެވެ.

"އިމަޖެންސީ" ޑައިރެކްޓުކުރީ ވެސް ކަންގަނާ އަމިއްލައަށެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާ ފިލްމްސްއިން ޕްރޮޑިއުސްކުރި މި ފިލްމުގެ އިތުރު މުހިންމު ރޯލުތައް ކުޅުނީ އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޅޭ އަދި ސަތީޝް ކޯޝިކް އެވެ.