Roadha Mihaaru
ދަރިވަރުންނަށް ވެސް ރުފިޔާ އެކައުންޓުން ޑޮލަރެއް ނުދޭނެ

ކިޔަވާ ކުދިންނަށް ވެސް ރުފިޔާ އެކައުންޓުން ޑޮލަރެއް ނުލިބޭނެ

25 އޯގަސްޓް 2024

ކިޔަވާ ކުދިންނަށް ވެސް މިއަދުން ފެށިގެން ރުފިޔާ އެކައުންޓުން ޑޮލަރު ނުކެނޑޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކިޔަވާ ކުދިންނަށް ވެސް މިއަދުން ފެށިގެން ރުފިޔާ އެކައުންޓުން ޑޮލަރު ނުކެނޑޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

އެ ބޭންކުން ބުނީ، ކާޑު ލިމިޓުތަކަށް މިއަދު ގެނައި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނާއި ރާއްޖޭން ބޭރުގައި އުޅޭ އެހެން މީހުންނަށް ވެސް އަމަލުކުރާނީ އެއް އުސޫލަކުން ކަމަށެވެ. އެ މީހުންނަށް ވެސް ލިބޭނީ ކްރެޑިޓް ކާޑުން ލިބޭ 100 ޑޮލަރު ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހުންނާތީ އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން، އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލް އިން ނެރުނު ބަޔާނުގައި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކާ ހަވާލާދީ ބުނީ މި އަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.