Roadha Mihaaru
މޫނު ބުރުގާ އަޅާތީ ވަޒީފާއިން ޑިސްކޮލިފައި ކޮށްފި

ހުޅުދެލީ ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިސްކޮލިފައި ކޮށްފި

21 އޯގަސްޓް 2024

ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ކުރިމަތިލީ ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށެވެ.

ޑީޖޭއޭއާ ހަވާލާދީ އޭނާ ޑިސްކޮލިފައިކޮށް ކޯޓުން ފޮނުވި ކަމަށް ބުނާ އީމެއިލް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާއްމުވެފަ އެވެ.

ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލީ މީހުންގެ މައުލޫމާތު އެ ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ހިއްސާކުރުމުން، އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް އެ ޑިޕާޓްމަންޓުން ކޯޓަށް އަންގާފައިވާ ކަމަށެވެ.

"ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ޑީޖީއޭއިން މިގޮތަށް އެންގި ކަމަށް ހުޅުދެލީ ކޯޓުން އެ އަންހެން މީހާއަށް ފޮނުވި އީމެއިލްގައި ބުންޏެވެ.

މި ވަޒީފާގައި އިންޓަވިއު އާއި ޕްރެކްޓިކަލް ކުރިއަށް ގެންދިޔައިރު އޭނާއަކީ މޫނު ބުރުގާ އަޅާ މީހެއްކަން ފާހަގަކުރެވިފައި ވާތީ، އޭނާ ޑިސްކޮލިފައިކޮށް، ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން ނިންމާފައިވާ ކަމަށް އެ އީމެއިލްގައި ހުޅުދެލީ ކޯޓުން ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ޑީޖޭއޭގެ ބަހެއް އަދި ނުލިބެ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އޮޅުންފިލުވުމަށް ފަހު މާދަމާ ޖަވާބެއް ދޭނެ ކަމަށެވެ.