Roadha Mihaaru
އެއްވަނައިގައި ހޫދާއި އިއްސެ އަނެއް ބުރަށް

އެއްވަނައިގައި ހޫދާއި އިއްސެ އޭޝިއަން ޗެމްޕިއަންޝިޕްގެ އަނެއް ބުރަށް

21 އޯގަސްޓް 2024

ހީޓްގެ އެއްވަނަ ހޯދައި ރާއްޖެގެ ހޫދު އަހްމަދާއި އިސްމާއީލް މިގްލާލް، އޭޝިއާން ސާފިން ޗެމްޕިއަންޝިޕްގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހީޓްގެ އެއްވަނަ ހޯދައި ރާއްޖެގެ ހޫދު އަހްމަދާއި އިސްމާއީލް މިގްލާލް، އޭޝިއާން ސާފިން ޗެމްޕިއަންޝިޕްގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ މުބާރާތުގައި، މިއަދު މެންދުރު ފަހު ވާދަކުރި ދިވެހި އެތުލީޓުންނަކީ ހޫދާއި އިއްސެ އެވެ.

ތިންވަނަ ބުރުގެ 10 ވަނަ ހީޓްގައި ހޫދާ، ވާދަކުރީ މެލޭޝިއާ އާއި ތައިލެންޑް އަދި އިރާންގެ ސާފަރުންނެވެ. އެ ހީޓްގެ އެއްވަނަ އޭނާ ހޯދި 13.16 ސްކޯކޮށްގެންނެވެ.

ދެވަނަ އަށް ދިޔަ މެލޭޝިއާގެ މުހައްމަދު އާފިގް ހައިކަލް އަށް ހޯދުނީ 10.17 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ ތައިލެންޑްގެ ނަޓްރީ ޖަރިޔާވަޓާނާވިޖިތު އަށް ހޯދުނީ 8.20 ސިކުންތުންނެވެ. ހަތަރުވަނައަށް ދިޔ އިރާންގެ ޝާން އަރްޖަން ބަހްރްލޫމީ އެވެ. އޭނާ އަށް ހޯދުނީ 2.43 ސިކުންތުންނެވެ.

އިއްސެ ވާދަކުރި 11 ވަނަ ހީޓުން އޭނާ އެއްވަނަ ހޯދީ 9.17 އިންނެވެ. ދެވަނަ ހޯދި އިންޑިއާގެ އަޖީޝް އަލީ އިއްސެއާ ވަރަށް ގާތުން ވާދަކޮށްފަ އެވެ. އަޖީޝް ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނަ ހޯދީ ސްރީ ލަންކާގެ ކޮކޫ ހަންނާޑީޖް އެވެ. އޭނާ އަށް ހޯދުނީ 7.08 ޕޮއިންޓެވެ. ހަތަރުވަނަ އަށް ދިޔައީ އަފްޣާނިސްތާނުގެ އަފްރީދުމް އަމޫ އެވެ. އޭނާ އަށް ހޯދުނީ 4.43 ޕޮއިންޓެވެ.

ހަތަރުވަނަ ބުރަށް ރާއްޖޭގެ ހަތަރު އެތުލީޓުން ދިޔަ އެވެ. މެންދުރު ކުރިން ބޭއްވި ހީޓްތަކުން، ގައުމީ ކެޕްޓަން އަހްމަދު އާގިލް (އަންމަޑޭ) އާއި އިސްމާއީލް ރަޝީދު (ސްމައިލީ) ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.