16 އޯގަސްޓް 2024
"އިޝްގަކީ މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވޭނެކޭ،" ޖޭމު ދޮންކަމަނަގެ ލަވައަކުން ވިރުވައި އަޅަމުން އައިސް ގޮނޑިއަށް ވެއްޓި ގަތް ގޮތަށް ޝަމީލް އޯޑަރުކޮށްލީ އޭނާގެ ކަޅު ކޮފީއަށެވެ.
"އިޝްގަކީ މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވޭނެކޭ،" ޖޭމު ދޮންކަމަނަގެ ލަވައަކުން ވިރުވައި އަޅަމުން އައިސް ގޮނޑިއަށް ވެއްޓި ގަތް ގޮތަށް ޝަމީލް އޯޑަރުކޮށްލީ އޭނާގެ ކަޅު ކޮފީއަށެވެ.
ކިތަންމެ ހަމަޖެހިފައި ހުރި ކަމަށް ހެދިގެން ހުއްޓަސް އޭނާ އެހެރީ މިއަދު ވަރިފަށަށް އަރައިފަ އެވެ. ގެއިން ބޭރުކޮށްލެވިފަ އެވެ. ނަމަވެސް އޭނާގެ ޒުވާން ޒަވާޖީ ހަޔާތް ނަގައި އެ ފުށް މި ފުށަށް ޖަހާލި މި ލޯބީގެ ތޫފާނުގެ ކުރިމަތީގައި އަމާން ދޭކަށް އޭނާ އަދި ބޭނުމެއް ނޫނެވެ.
ވެއިޓަރު ގެނެސްދިން ކޮފީތައްޓާ ދިމާލަށް ދެ އަތް ގެންގޮސް ވަށާލުމަށް ފަހު ދެން އޭނާ ކިޔައިދޭން ފެށީ ޖެހިގެން އުޅޭ މައްސަލަ އެވެ. ހުސެން ޝަމީލަކީ އޭނާގެ އާދައިގެ ދިރިއުޅުމުގައި އަނގަޔާ އަތާ ދިމާކުރުމަށް މަޖޫރީ މަސައްކަތުގައި އުޅޭ ޒުވާނެކެވެ. އެކަމަކު ކިހިލީގައި ޖަހައިގެން އައި ބައިވެރިޔާއާ އެކު ޒަވާޖީހަޔާތުގެ ބުރަ މިއަދު ވެފައި ވަނީ އޭނާ ދުވަހަކު ވެސް ތަޖުރިބާނުކުރާ ވަރުގެ ބަރުދަނަކަށެވެ.
"މައްސަލަތައް ހައްލު ނުކޮށް އޭގެ މަތީގައި ތިބެތިބެ މި ހިސާބަށް މި ވެއްޓުނީ. އެ އަށް ފަހު މިހާރު ޖެހޭ މައްސަލަ އަކީ އޭނަ މައާފަށް ނޭދުން،" ޝަމީލް ބޯލި ކޮފީ އަށް ވުރެ މިއަދު އޭނާ އަށް ހިތިވެފައިވަނީ މި މައްސަލަ އެވެ.
މިހެން ބުނެފައި އޭނާ ކިޔައިދޭން ފެށީ އުއްމީދެއް ނެތް ވާހަކަ އެވެ. އަދި އޭނާ މިހާރު ގަބޫލުކުރާ ހަގީގަތެވެ.
ޓައިޕޯގްރެފީ އަދި ފޮޓޯ: ހުސެން ވަހީދު
"ދެން އަހަރެންނަށް ވިސްނުނީ އަންހެނަކު މައާފަކަށް ނޭނދޭނެކަން. ލޯބީގެ ކޯޅުމެއްގައި އަންހެނަކު ދުވަހަކު ވެސް މައާފަށް އެދުނު އަޑެއް މަށެއް ނާހަން. އަބަދުވެސް ފިރިހެން މީހާ މައާފަށް އެދި ރޯ އަޑު މި އިވެނީ،" ކޮފީގެ ހޫނުން ޝަމީލްގެ ވާހަކަ ވެސް ހޫނުވާން ފަށައިގަތެވެ.
"މިހާރު މަ ބުނަން ވެސް ބުނެފީމޭ. އަހަރެމެން ކައިވެނި ކޮށްގެން އެކުގައި އުޅޭތާ ދެ އަހަރު ވަނީއޭ. މިހާ ގިނައިން މައްސަލަ ޖެހޭ އިރު ވެސް ކަލޭގެ އަނގައިން ނުކުތީ އަދި އެންމެ ތިން ސޮރީއޭ. ރިއަލިޓީ އަކީ، އަންހެނެއްގެ ކިބައިން ސޮރީއަކަށް އެދުމަކީ ވެސް ފިރިހެނަކު ހަދާ ގޯހެއް އަހަރެންގެ ވިސްނުމުގައި."
އެކަމަކު މިއީ ވަރިފަށަށް އަރާފައި ހުރި 28 އަހަރުގެ ފިރިހެނެއްގެ ހިޔާލެވެ. މިހާ ހިސާބުން އޭނާގެ މި 'ރިއާލިޓީ' ގެންގޮސް ހަމަ އެ އުމުރުގެ އަންހެނެއްގެ ހިޔާލާ ބައްދަލުކޮށްލަމާ ހިނގާށެވެ.
"އަހަރެން މި ވިސްނާލަނީއޭ މަޑުކޮށްބަލަ،" އެންމެފަހުން ފިރިހެނަކު މައާފަށް އެދުނީ ކޮން އިރަކުތޯ އަހައި ކޮށްލި ސުވާލު އަލުން ތަކުރާރު ކޮށްލުމުން އައިމިނަތު މާޝާ ބުނެލި އެވެ.
ސުވާލުގެ ހޫނުކަން ކެނޑި އޭނާގެ އަތު ތެރޭގައި ހުރި ކޮފީތަށި އޭރު ފިނިވެއްޖެ އެވެ. އަދި އެތައް އިރެއް ފަހުން ޒުވާން ގާނޫނީ ވަކީލު ބުނެލީ މިހެންނެވެ.
"ތި ސުވާލެއް ކޮށްލީމާ އަހަރެން މި ވިސްނާލީއޭ، މައްސަލަ ޖެހުނު ފިރިހެނަކު އަހަރެން ގާތު އެންމެ ފަހުން މައާފަށް އެދުނީ ކޮން އިރަކުތޯ ނުވަތަ ފިރިހެނަކު ދުވަހަކު ވެސް މައާފަށް އެދުނުތޯ؟"
ދެން އޭނާ ކިޔައިދިނީ މި ވާހަކަ އެވެ.
ޓައިޕޯގްރެފީ އަދި ފޮޓޯ: ހުސެން ވަހީދު
"އަހަރެންގެ ހަނދާނަށް އަންނަނީ ސްކޫލްގައި އުޅެނިކޮށް ދިމާވި ކަންތައްގަނޑަކާ ގުޅިގެން ފިރިހެން ކުއްޖަކާ ޖެހުނު މައްސަލައެއް. ލޯބީގެ ކަންތައްގަނޑަކަށް ނުވިޔަސް އޭނަ ފަހުން މައާފަށް އެދުނު. އެކަމަކު އޭނަ މައާފަށް އެދުނީ އޭގެ އެތައް އަހަރެއް ފަހުން"
"އޭގެ ފަހުން އަހަރެން ހަނދާނެއް ނުވޭ ފިރިހެނަކު އަހަރެން ކައިރީގައި މައާފަށް އެދުނު ހަނދާނެއް. އެކަމަކު މައާފަށް އެދެން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަހަލަ އެތައް ކަމެއް ދިމާވެފައި އެބަހުރި. ދެން ގިނަ ފަހަރަށް ވާގޮތަކީ، އެމީހަކު މައާފަށް ނޭދުނަސް އަހަރެން މިއީ އަމިއްލަ އަށް ކުށް ގަބޫލުކޮށް ވަރަށް ފަސޭހައިން މައާފަށް އެދޭ މީހެއް ވީމަ ރިލޭޝަންޝިޕެއްގައި ފިރިހެނަކު މައާފަށް އެދުނު ހަނދާނެއް ނުވޭ."
މިހެން ބުނުމުން ފައުޅުވި 'ރިއާލިޓީ' އާ ދިމާލަށް މާޝާ ދެން ޖަހާލީ ހިނިގަނޑެކެވެ. އެކަމަކު މައާފަށް އެދުމާއި މައާފުކުރުމުގެ ރިއާލިޓީ އާއި ހަގީގަތާ އަރައި ހަމަވާއިރު މިއީ ހަގީގަތުގައި ހެވޭ ޒާތުގެ ހާލަތެއް ނޫނެވެ. އަދި މި ހާލަތުގައި އުފަން ވަނީ ވަރަށް މުހިންމު ސުވާލުތަކެކެވެ.
މައާފަށް އެދޭނީ ކިހިނެތް؟ މައާފުކުރާނީ ކިހިނެތް ހެއްޔެވެ؟ އަމުދަކުން، މައާފަށް އެދެންވީ ހެއްޔެވެ؟ އަދި މައާފުކުރަންވީ ހެއްޔެވެ؟
މި ސުވާލުތަކާ ގޮސް ބައްދަލުވުމުން، ދޭދޭ މީހުންގެ ގުޅުމާއި ނަފުސާނީ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހައްވާ ލީޝާގެ ހިތަށް އެންމެ ފުރަތަމަ ވެސް އެރީ މިހެންނެވެ.
"ވަރަށް ގިނައިން އަޅުގަނޑުމެންނަށް ބުނެވޭ ޖުމްލައެއް މިއީ، ދުވަހަކުވެސް މައާފެއް ނުކުރާނަމޭ ކަލެޔަކަށް" ކައުންސެލިން އަދި ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ލީޝާގެ ވާހަކަ އޭނާ ފެށީ މިހެންނެވެ.
އެއީ ތެދެކެވެ. މައާފަށް އެދޭނެ ގޮތުގެ ވާހަކަ ދެއްކުމުގެ ކުރިން ނުވަތަ އެ އިހުސާސެއް އައިސް ތިމާގެ ހަތަރެސްފައިގައި ބައްދައިގަތުމުގެ ކުރިން އަހަރެމެން އެންމެނާ ވެސް އަރައި ހަމަކުރަނީ އެ ޖަޒުބާތާއި އަންނަނިވި މި އިހުސާސްތަކެވެ.
ޓައިޕޯގްރެފީ އަދި ފޮޓޯ: ހުސެން ވަހީދު
"އެންމެ ގިނައިން ބުނެވޭ އަދި އަޑުއިވޭ ޖުމްލަތަކަކީ، ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމޭ އޭނަ ކުރި ކަމެއް. އޭނަ އެނބުރި އައިސް ފައިބުޑަށް ވެއްޓި ރުޔަސް، ކިތަންމެ އާދޭހެއް ކުރިޔަސް، މައާފެއް ނުކުރާނަމޭ ދުވަހަކުވެސް އެމީހަކަށް،" ލީޝާ ކިޔައި ދިނެވެ.
މީހުން ބުނާ ވާހަކައެއް ވެސް އޮވެ އެވެ؛ ބައެއް ކަހަލަ ޒަޚަމްތަކަކީ ކިތަންމެ ވަރަކަށް މައާފަށް އެދުނަސް ފަރުވާ ލިބި ރަނގަޅު ނުވާނެ އަނިޔާ އެވެ. އެކަމަކު މީގެ އަނެއްކޮޅު ވެސް އެބައޮތެވެ. ލީޝާ އެ ވާހަކަތައް ވެސް ކިޔައިދިނެވެ. ހިތަށް އެންމެ ފުރިހަމަ ތަސައްލީއެއް ނުލިބުނަސް މައާފުކުރުމުން ހިތަށް އެ ލިއްބައިދޭ ފިނިކަމުގެ ވާހަކައިންނެވެ.
"މައާފުނުކުރުމަކީ ނަފުރަތާއި ރުޅިވެރިކަމާއި ނުތަނަވަސްކަން ތިމާގެ ހަށިގަނޑާއި ހިތާއި ސިކުނޑީގައި އުފައްދަފާނެ ސަބަބެއް. ދެން ކުރިމަތިލާން މި ޖެހެނީ އެ އިހުސާސްތަކުގެ ނޭދެވޭ އަސަރުތަކާ. މިސާލަކަށް ނަފުސާނީ މައްސަލަތައް އަދި ސިއްހީ އެހެން މައްސަލަތަކަށް މަގުފަހިވެދާނެ ކަހަލަ ސްޓްރެސް އާއި ހާސްކަން ވެސް އެބަ އުފައްދާ"
"ތިމާ އަށް ދެރައެއް ނުވަތަ ނިކަމެތިކަމެއް، އަނިޔާއެއް ދީފައި ހުރި މީހަކަށް މައާފުކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫން. އެކަމަކު އެއީ ކުރެވިދާނެ ކަމެއް. ހަށިގަނޑަށް އަދި ނަފުސަށް ވެސް އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރާނެ ވެސް ކަމެއް."
ނަމަވެސް މައާފުކުރުމުގެ މި މަރުހަލާ ފަށަން ޖެހޭނީ މައްސަލައެއްގެ ދެ ފަރާތުގައި ތިބި ބަޔަކު އެއް ގަލަކަށް އަރައިގެންކަން ވެސް ލީޝާ ފާހަގަކުރި އެވެ.
"މައާފަށް އެދުމުގެ ކުރިން ބަލައިލުން ވަރަށް މުހިންމު އެއީ ހަމައެކަނި ތިމާގެ ކުށެއް ތޯ. ނުވަތަ މިއީ ދެ މީހުން ވެސް އެކަކު އަނެކެއްގެ ކިބައިން މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއްތޯ،" ލީޝާ ބުންޏެވެ.
"ގިނަ ފަހަރަށް އަޅުގަނޑުމެންނަށް މި ފެންނަނީ އެކަކު އަބަދުވެސް މައާފަށް އެދޭތަން. އެއް ފަރާތުން މައާފަށް އެދޭ ނަމަ އެއިން ދޭހަވަނީ އެމީހަކު އޭނާގެ އަމިއްލަ ނަފުސު މާ ބޮޑަށް ކުށްވެރިކުރަނީއޭ. މިއީ މި މައްސަލަ ހައްލުނުވެ އިތުރު މައްސަލަތަކެއް އުފަން ވެދާނެ ސަބަބެއް"
"ދެން އަބަދު އެކަކު މައާފަށް އެދޭ ނަމަ އޭގެ ފައިދާ ދެން ހުންނަ މީހާ ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް. އެކަކު ހުރިހާ ޒިންމާއެއް ނަގައިގެން މައާފަށް އެދުން އާދައަކަށް ހަދައިފި ނަމަ ދެން ހުންނަ މީހާ އަށް އޭނާގެ ކުށް ނުފެނި ކުށެއް އޮތް ކަމަށް އެއްބަސްނުވެވޭ ހާލަތަކަށް ވިސްނުން ބަދަލުވުމަކީ ވެސް ވެދާނެ ކަމެއް."
ޓައިޕޯގްރެފީ އަދި ފޮޓޯ: ހުސެން ވަހީދު
މި އާޓިކަލްގައި ބަތަލުގެ ބައި ކުޅެމުން އައި ޝަމީލުގެ ދިރިއުޅުން ގޮސް ވެއްޓިފައި އޮތީ މިކަހަލަ ހާލަތަކަށެވެ. އަދި ފިރިހެނަކަށް އިތުބާރު ކުރަން ޖެހިލުންވެފައި ހުރި މާޝާގެ ތަޖުރިބާ އަކީ ވެސް މި އެވެ.
އެހެންވީމަ، މައާފަށް އެދޭނީ ކިހިނެތް ހެއްޔެވެ؟ މައާފުކުރުމުގެ މަރުހަލާ ފަށާނީ ކިހިނެތް ހެއްޔެވެ؟
"ހަމައެކަނި ސޮރީއޭ ބުނެލުމަކުން އަދި ފުދުނީކީއެއް ނުން،" ލީޝާ ބުނެލިއެވެ.
ކޮފީ ބޮއެ ހުސްކޮށްލުމަށް ފަހު ޝަމީލު ދެން ފަށައިގަތީ މައްސަލައެއް ޖެހުމުން އޭނާ އަބަދުވެސް މައާފަށް އެދޭ ގޮތެވެ.
"ބޮޑެތި ދިގު މެސެޖުތައް ވެސް ލިޔެފައި ފޮނުވަން މައާފަށް އެދިފައި. ކައިރިއަށް ގޮސް ބައްދާލާއިރު ވެސް ބުނަން ކުރެވުނު ކަންތަކާއ ބުނެވުނު ބަސްތަކާ މެދު ދެރަވެ ހިތާމަކުރާ ވަރު. އަހަރެންގެ ލައިފުގައި މަށަށް އެންމެ މުހިންމު ވާނީ އަހަރެންގެ އަންހެނުންނޭ. ތިޔައީއޭ މަ އިނދެގެން އެކުގައި އުޅެން ނިންމި މީހަކީ،" ޝަމީލު އެކަމަކު ބުނީ އަބަދުވެސް މައާފަށް އެދެން ޖެހެނީ އޭނާ ކަމަށެވެ.
"މެސެޖެއް ލިޔާ ނަމަ އަހަރެން ފަށަނީ، ވަރަށް ކަޑަކޮށް މަށަށް ކަންތައް ކުރެވިފައި އެބަހުއްޓޭ. މިވެނި ދުވަހަކު މިވެނި އެއްޗެކޭ ބުނެވިއްޖެއޭ. ކަލޭ މަށަށް މައާފުކުރާ ވަރަށް ވުރެ ވެސް ގޯހޭ މިހާރު މި މައްސަލަ ގޮސްފައި އޮތް ހިސާބު. އަހަންނަށް ބުނެވިފައި ހުރި އެއްޗެހި. އަހަރެން ކީހާ އެއްޗެހި މާ ގޯހޭ. ގަސްދުގައި ވިޔަސް ގަސްދުގައި ނޫން ކަމަށް ވިޔަސް"
"އެގޮތަށް ވަރަށް ސިންސިއާކޮށް މައާފަށް އެދެނީ."
މިއީ މައާފަށް އެދުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ލީޝާ ވެސް އެއްބަސްވި އެވެ.
ޓައިޕޯގްރެފީ އަދި ފޮޓޯ: ހުސެން ވަހީދު
"މައާފަށް އެދުމުގެ މާނައިގައި މައާފަށް އެދޭއިރު ވަރަށް ބޮޑަށް މުހިންމު ކުރެވުނު ކަމެއް، ހެދުނު ގޯހަކަށް، ގޯސްކޮށް ކުރެވުނު އެ ކަމަކަށް އެއްބަސްވުން. ހިތުގެ އަޑިން އެކަން ގަބޫލުކޮށް، އެކަން ކުރެވިއްޖެކަން ގަބޫލުކޮށް އެކަން މެދުވެރިވާންވީ ސަބަބު ކިޔައިދިނުން،" ލީޝާ ބުންޏެވެ.
"އެކަން އެގޮތަށް ދިމާވީ ކީއްވެގެން ކަމާއި އެކަމާ ތިމާގެ އަމިއްލަ ނަފުސު ދެރަވަނީ ކިހާ ވަރަކަށް ކަން އޮޅުން ފިލުވައިދޭން މަސައްކަތް ކުރުން. އެކަން ނުކުރެވުނު ނަމައޭ ހިތަށް އަރާކަން، ބުނެދޭން މަސައްކަތް ކުރުން."
އެކަމަކު ބުނެބަލާށެވެ؛ މިގޮތަށް މީހަކު އައިސް ކުށް ގަބޫލުކޮށް މައާފަށް އެދުނު ހަނދާނެއްވޭ ހެއްޔެވެ؟
"އަހަރެން އަދިވެސް މި ވިސްނަނީއޭ. އެ ކަހަލަ ފިރިހެން ކުއްޖަކާ ދިމާވިތޯ ޔަގީން ކުރަން،" މާޝާ ހިނިގަނޑަކަށް ބިންދައިގެން ގޮސް މި ލިޔުން ވެސް ބިނދި ނިމުނީ އެވެ.
ލޯބިވަނީ މީ ކީއްވެހޭ؟ ހިތުން ނުފިލަނީ ކީއްވެހޭ؟
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަނަންޔާގެ އާ ލޯބިވެރިޔަކީ އެމެރިކާ މީހެއް
އަހަރެން މިހާރު ސިންގަލް: އަރްޖުން
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ހަމްދާ ޕޯޑިއަމްގައި ކިޔައި ނުދިން ހުރިހާ ވާހަކައެއް
އައްޑޮ އަށް އައު ފެށުމެއް އެކަމަކު ފުރަތަމަ، ބޭހުގެ ވާހަކަ
ވެމްކޯގައި އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެއް
މި ބާޒާރުގައި "ހަމަ" އެއް ކަމެއް ވެސް ނެތް
ސަޅި ކަމެއް، ސަޅި ތަނެއް އަދި މާ ސަޅި ލޯތްބެއް