Roadha Mihaaru
މަރުވިޔަސް ހެޔޮ، ޣައްޒާއަށް ދާނަން: އައްބާސް

މަރުވިޔަސް ހެޔޮ، ޣައްޒާއަށް ދާނަން: އައްބާސް

15 އޯގަސްޓް 2024

އިޒްރޭލުން ކެނޑިނޭޅި ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާއަށް ވަޑައިގަންނަވާނެ ކަމަށާއި "މަރުވިޔަސް ފަރުވާލެއް ނެތް" ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ކެނޑިނޭޅި ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާއަށް ވަޑައިގަންނަވާނެ ކަމަށާއި "މަރުވިޔަސް ފަރުވާލެއް ނެތް" ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

އައްބާސްގެ ފަތަހް ޖަމާއަތާ ވާދަވެރި ހަމާސް އިން ޣައްޒާގައި 2007 ވަނަ އަހަރު ވެރިކަން ކުރަން ފެށި ފަހުން އެ ސަރަހައްދަށް އައްބާސް ވަޑައެއް ނުގަންނަވަ އެވެ. އޭނާ ހުންނަވަނީ ހުޅަނގު އައްސޭރީގެ ރާމަﷲގަ އެވެ.

ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރައްވަމުން އައްބާސް މި ވާހަކަ ދެއްކެވި އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިއަދު ވަނީ 40،000 އިން މައްޗަށް ގޮސްފަ އެވެ.

"ފަލަސްތީނު ސަރުކާރުގެ އެހެން ބައެއް ބޭފުޅުންނާ އެކު ޣައްޒާއަށް ދާން އަޅުގަނޑު ވަނީ ގަސްތުކޮށްފައި،" ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތަރުހީބުގެ އަތްތިލަބަޑީގެ އަޑާ އެކު އައްބާސް ވާހަކަ ކުރިއަށް ގެންދެވި އެވެ.

"އަޅުގަނޑު އެކަން ކުރާނަން. މިކަމުގެ ސަބަބުން ފުރާނަ ގެއްލުނަސް ފަރުވާލެއް ނެތް ... އަޅުގަނޑުމެންގެ ފުރާނަ، ތުއްތު ކުއްޖެއްގެ ފުރާނައަށްވުރެ އަގު ބޮޑެއް ނުވާނެ."

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވާއިރު މެންބަރުން އަޑު އައްސަވަނީ. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވާއިރު މެންބަރުން އަޑު އައްސަވަނީ. -- ފޮޓޯ: އޭއެފްޕީ

އައްބާސް މިހެން ވިދާޅުވި އިރު އިންސާނީ އެހީގެ މަސައްކަތުގައި އުޅޭ މަދު ބަޔަކަށް ނޫނީ ޣައްޒާއަށް ވަނުމުގެ ހުއްދަ އިޒްރޭލަކުން ނުދެ އެވެ.

ރަޝިއާއަށް ކުރެއްވި ދަތުރަށް ފަހު ތުރުކީއަށް ވަޑައިގަތް އައްބާސް ވިދާޅުވީ އިޒްރޭލުން ކިތަންމެ ވަރަކަށް ހަމަލާ ދިނަސް ފަލަސްތީނު ރައްޔިތުންގެ ހިތްވަރު ބަލިނުވާ ކަމަށެވެ.

"ޣައްޒާއަކީ ވެސް އަހަރެމެންގެ [ފަލަސްތީނުގެ] ބައެއް. އަހަރެމެންގެ ބިންތައް ބައިބަޔަށް ބަހައިގެން ގެންނަން އުޅޭ ހައްލެއް ގަބޫލެއް ނުކުރާނަން. ޣައްޒާ ނުހިމަނައި ފަލަސްތީނުގެ ދައުލަތެއް ނުއުފެއްދޭނެ. ފަލަސްތީނު ރައްޔިތުން ތިބީ އަމާންދޭ ގޮތަކަށް ނޫން،" މިކަމަށް ވައުދުވެ ވަޑައިގަންނަވަމުން އައްބާސް ވިދާޅުވި އެވެ.

އައްބާސް މި މޭރުމުން ވާހަކަ ދެއްކެވި އިރު، އިޒްރޭލާއި ހަމާސްއިން ހަމަލާތައް ހުއްޓާލައި ރަހީނުން މިނިވަންކުރުމާ ބެހޭ ވާހަކަތައް މެދުކެނޑިފައި އޮތުމަށް ފަހު މިއަދު ވަނީ އަލުން ފަށައިފަ އެވެ.