Roadha Mihaaru
ޓިއުޝަން ނުނަގައި ރިޝްފާ އޯ ލެވެލްގައި ހޯދި ކާމިޔާބީ

ޓިއުޝަން ނުނަގައި ރިޝްފާ އޯ ލެވެލްގައި ހޯދި ކާމިޔާބީ

20 އޯގަސްޓް 2024

ނަތީޖާ ރަނގަޅު ކުރަން ބޭނުން ވަނީ ހިތްވަރާ އެކު ކިޔެވުމެވެ. އޯ ލެވެލް ގަދަ 10 ގައި ވިދާލި ހދ. ކުރިނބީ ސްކޫލްގެ އައިމިނަތު ރިޝްފާ އަބްދުﷲ 16، އެންމެ ފަހު ޕޭޕަރު ހެދި އިރު ވެސް ދޫކޮށް ނުލީ މި ޔަގީން ކަމެވެ. ކިޔެވުމުގެ އުނދަގޫ، 10 އަހަރު ނިންމާލުމުގެ ނަތީޖާ އޭނާގެ އަތަށް އެރީ އުއްމީދުކުރި ގޮތަށެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނަތީޖާ ރަނގަޅު ކުރަން ބޭނުން ވަނީ ހިތްވަރާ އެކު ކިޔެވުމެވެ. އޯ ލެވެލް ގަދަ 10 ގައި ވިދާލި ހދ. ކުރިނބީ ސްކޫލްގެ އައިމިނަތު ރިޝްފާ އަބްދުﷲ 16، އެންމެ ފަހު ޕޭޕަރު ހެދި އިރު ވެސް ދޫކޮށް ނުލީ މި ޔަގީން ކަމެވެ. ކިޔެވުމުގެ އުނދަގޫ، 10 އަހަރު ނިންމާލުމުގެ ނަތީޖާ އޭނާގެ އަތަށް އެރީ އުއްމީދުކުރި ގޮތަށެވެ.

ރިޝްފާ ވަނީ އޯ ލެވެލް ގަދަ ތިނެއްގައި ހިމެނިފަ އެވެ.

ރަށުގައި ކިޔަވައިގެން އޭނާ ވަނީ ހަ މާއްދާ އިން އޭ ސްޓާ އަދި ދެ މާއްދާ އިން އޭ ހޯދައިފަ އެވެ.

ރިޝްފާ އަށް އޭ ސްޓާ ލިބުނީ އިސްލާމާއި އިނގިރޭސި އާއި ހިސާބާއި ބަޔޮލޮޖީ އާއި އިކޮނޮމިކްސް އަދި އެކައުންޓުންނެވެ. އޭ ލިބުނީ ކެމިސްޓްރީ އާއި ދިވެހިންނެވެ.

ރިޝްފާ ބުނި ގޮތުގައި ޕްރައިމަރީ ނިންމައި ސެކަންޑްރީގައި ކިޔަވަން ފެށީ ރަނގަޅު ނަތީޖާއެއް ހާސިލްކުރަން ޓާގެޓްކޮށްގެންނެވެ. އެ ނަތީޖާ ހާސިލްވުމަކީ ތައުލީމީ ހަޔާތުގައި އޭނާ އަށް ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

މިއީ، އޯ ލެވެލްގައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދެވުނު ގޮތާ ގުޅޭ ގޮތުން ރިޝްފާ "މިހާރު" އަށް ދިން އިންޓަވިއުގެ ހުލާސާއެކެވެ.

އޯ ލެވެލް އަށް ތައްޔާރުވީ ކިހިނެއް؟

އަޅުގަނޑު ވަރަށް ގިނައިން ކުރާ ކަމެއް އެއީ ފަތިހު ހޭލާފައި ސްކޫލަށް ދިއުމުގެ ކުރިން ފިލާވަޅު ދަސްކުރުން. އެއީ ފަތިހު އެންމެ ފަސޭހައީ ދަސްކުރަން. އެ ގަޑީގައި އެހެން ހިޔާލުތަކެއް ނުހުންނާނެ ހޭލާއިރު.

ރިޝްފާ ކްލާހެއްގައި ފިލާވަޅު ހަދަނީ: އޭނާ ވަނީ އޯ ލެވެލްގެ ހަ މާއްދާ އިން އޭ ސްޓާ ހޯދާފައި.

ރިޝްފާ ކްލާހެއްގައި ފިލާވަޅު ހަދަނީ: އޭނާ ވަނީ އޯ ލެވެލްގެ ހަ މާއްދާ އިން އޭ ސްޓާ ހޯދާފައި.

ގަވާއިދުން ފިލާވަޅު ދަސްކޮށް، ނޭނގޭ އެއްޗެއް އޮތް ނަމަ އަހައި އޮޅުންފިލުވަން ވާނެ ޓީޗަރުން ކައިރިން.

އަޅުގަނޑު އެންމެ ބޮޑަށް މަަސައްކަތް ކުރީ ކޮންޓެންޓް ކަވާ ކުރަން. އެންމެ ފުރަތަމަ ޓޮޕިކް އަންޑަސްޓޭންޑް ވީމަ ދެން ޕާސްޕޭޕަރު ހެދީ. ނުބައިވާ އެއްޗެހި އެ ޓޮޕިކް ބަލާފައި، އަނެއްކާ ދަސްކުރަނީ.

އެންމެ އުނދަގޫވީ ކޮން މާއްދާއެއް؟ ކިޔެވީ ކިހިނެއް؟

އަޅުގަނޑު ވަރަށް ގިނައިން ކުރި ކަމެއް އެއީ ޔޫޓިއުބުން ވީޑިއޯ ބެލުން، ބައެއް މާއްދާތައް އުނދަގޫ ވީމާ. ހާއްސަކޮށް ބަޔޮލޮޖީ.

ވަރަށް ގިނަ ދުވަސް ވަންދެން މި ރަށުގައި ބަޔޮލޮޖީ ޓީޗަރެއް ނެތް. އެހެންވެ އުނދަގޫ ވީމާ، އެންމެ ބޮޑަށް ބަޔޮލޮޖީ ދަސްކުރީ ޔޫޓިއުބް ބަލައިގެން.

އެ ރަށު ސްކޫލުން ބޭއްވި ގުރުއާން މުބާރާތެއްގައި ރިޝްފާ ބައިވެރިވަނީ.

އެ ރަށު ސްކޫލުން ބޭއްވި ގުރުއާން މުބާރާތެއްގައި ރިޝްފާ ބައިވެރިވަނީ.

ބަޔޮލޮޖީގެ އިތުރުން ދެން އުނދަގޫ ވަނީ އެކައުންޓް ކިޔަވަން. އެކަމަކު އެ ދެ މާއްދާ އިން ވެސް ލިބުނު އޭ ސްޓާއެއް. ދިވެހި ވެސް ވަރަށް އުނދަގޫ އަޅުގަނޑަށް. ލިބުނީ އޭ އެއް.

އޯ ލެވެލްގައި ލިބުނު ނަތީޖާއާ ދޭތެރޭ ދެކެނީ ކިހިނެއް؟

އަޅުގަނޑު އުއްމީދުކުރި ގޮތް މިއީ. އޯ ލެވެލް ގަދަ ހަތަރަކުން މަތީގައި ހިމެނެން ބޭނުންވީ. ހީކުރީ ގަދަ 3 ނޫނީ، އެ އަށް ވުރެ މަތި ލިބޭނެ ކަމަށް.

މަންމަ އަބަދުވެސް ބުނާނެ ޓޮޕް 10 އަށް އަރާނެއޭ. އެއީ ޓާމް ޓެސްޓުތަކުން ވެސް ނަތީޖާ ރަނގަޅުވީމާ. އެހެންވެ އަޅުގަނޑު އަބަދުވެސް އުއްމީދު ކުރިން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް. މަސައްކަތް ވެސް ކުރިން.

ސްކޫލުން ޓީޗަރުންނާއި ޕްރިންސިޕަލް ވެސް ބުނީ ވަރަށް ފަހުރުވެރިވެއޭ ހޯދި ކާމިޔާބީއާ ދޭތެރޭ. ސްކޫލަށް ވެސް ރަށަށް ވެސް ވަރަށް ރީތި ނަމެކޭ ތި ހޯދައިދިނީ.

ރިޝްފާ އަށް ލިބުނު ޓްރޮފީތަކެއް ހިފައިގެން.

ރިޝްފާ އަށް ލިބުނު ޓްރޮފީތަކެއް ހިފައިގެން.

އޯ ލެވެލް ހަދާ އެހެން ކުދިންނަށް ދޭނެ ނަސޭހަތަކީ ކޮބާ؟

މި ކަހަލަ ނަތީޖާއެއް ގެންނަން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އަމިއްލައަށް އަޒުމެއް ކަނޑައެޅުން. މީހުން ބުނެގެން ކިޔަވަންޏަކާ ނުކިޔެވޭނެ.

ކިޔެވުމަކީ އަސްލު އަޅުގަނޑު ވެސް އެހާ ކުރާހިތްވާ ކަމެއް ނޫން. އެކަމަކު ވަރަށް ހިތްވަރު ކޮށްގެން ކިޔެވޭނީ. ވަރަށް މުހިންމު ކަމެއް އެކްސްޓްރާ ކްލާސްތަކަށް ދިއުމާއި ނޭނގޭ އެއްޗެހި ޓީޗަރުންނާ ސުވާލުކުރުމަކީ.

ކުރިނބީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރިޝްފާ ވާހަކަ ދައްކަނީ.

ކުރިނބީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރިޝްފާ ވާހަކަ ދައްކަނީ.

ވަގުތު މެނޭޖްކުރަނީ ކިހިނެއް؟

ކިޔެވުމާ އެކު އަމިއްލަ ނަފްސަށް ވެސް ވަގުތު ހޯދަން ޖެހޭ.

ހަމައެކަނި ކިޔަވަން ވަގުތު ހުސްކޮށްލައިގެން ބައެއް ފަހަރަށް އެހާ ރަނގަޅެއް ނުވާނެ. އެހެން ކަންކަމުގައި ވެސް އުޅެމުން ކިޔަވަން ވާނީ. ބޭރަށް ވެސް ދާން ވާނެ، އަބަދު ގޭގައި ކިޔަވަން ނީންނާށޭ. އަޅުގަނޑު ދޭނެ ނަސޭހަތަކީ ކިޔެވިޔަސް މެންޓަލް ހެލްތަށް ވަރަށް ބޮޑަށް އިސްކަން ދޭށޭ. މެންޓަލް ހެލްތަށް ނުބަލާ އުޅޭ ނަމަ ނުކިޔެވޭނޭ.

ވަރަށް މުހިންމު ކަމެއް ރަނގަޅު އެކުވެރިން ހޯދުމަކީ. ކިޔަވަން ބޭނުންވާ އެކުވެރިން ހޯދުމަކީ.

ރިޝްފާގެ ވިސްނުން ހުރީ އޭ ލެވެލް ކިޔެވުމަށެވެ. ސެޕްޓެމްބަރުގައި އޭ ލެވެލް ފަށާ އިރު ވެސް އޭނާ ހަނދާން ނައްތާ ނުލާނެ އެއް ކަމަކީ، ބޭނުންވާ ނަތީޖާ ހާސިލް ކުރެވޭނީ ކިޔަވަން ވަގުތު ދީގެން ކަމެވެ.