Roadha Mihaaru
ސަރުކާރު ބަންދު ނަމަވެސް މާދަމާ މަޖިލިސް ބާއްވަނީ

ސަރުކާރު ބަންދު ނަމަވެސް މާދަމާ މަޖިލިސް ބާއްވަނީ

13 އޯގަސްޓް 2024

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގިނަ ބަޔަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ ބާއްވަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގިނަ ބަޔަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ ބާއްވަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.

ގަދަ ވިއްސާާރައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ. އެއީ ސްކޫލްތަކުގެ ކުދިންނާއި ދަތުރުފަރުކުރާ މީހުންނާއި ހިނގާ މީހުންނަށް ފަސޭހައަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ނިންމެވީ ކުރިން ވެސް ތާވަލް ކޮށްފައިވާ ގޮތަށް މަޖިލިހުގެ މާދަމާގެ ޖަލްސާ ބާއްވާށެވެ. ޖަލްސާ ފަށާނީ އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 ގަ އެވެ.

މާދަމާގެ އެޖެންޑާގައިވާ ގޮތުން ފުރަތަމަ ކަމަކަށް އޮތީ ބ. ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފު ޒާކިރު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ސުވާލު ކުރެއްވުމެވެ. ދެން އޮތީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ދާއިމީ ކޮމިޓީއަކަށް ފޮނުވުމެވެ. އޭގެ ފަހުން އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި އިބްތިދާއީ ބަހުސްގެ ގޮތުގައި ފުރަތަމަ އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓުގެ ބިލްގެ ބަހުސެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ދައުރުގެ ޗުއްޓީ އަށް ދިއުން ދެ ހަފުތާއަށް ފަސްކޮށް، މި ދައުރު ދަންމާލުމަށެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮތްގޮތުން މި ދައުރުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އޭގެ ފަހުން މަޖިލިސް ޗުއްޓީގައި އޮތުމަށްފަހު ފަށާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

އެކަމަކު، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައީސް އަބްދުއްރަހީމް ވިދާޅުވީ، މިވަގުތު މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި އެބަހުރި ކަމަށާއި އެހެންކަމުން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުރުގެ މުއްދަތު އިތުރުކުރަން ގަސްދު ކުރައްވާ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ނެގި ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ އިއްތިފާގުން ވަނީ ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފަ އެވެ.