Roadha Mihaaru
ބަހުސް ކުރާނެ މެންބަރަކު ނުވެ، ޖަލްސާ ކުރުކޮށްލައިފި

ބަހުސް ކުރާނެ މެންބަރަކު ނުވެގެން މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައިފި

05 އޯގަސްޓް 2024

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާނެ އެއްވެސް މެމްބަރަކު ނުވެގެން ޖަލްސާ ކުރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާނެ އެއްވެސް މެމްބަރަކު ނުވެގެން ޖަލްސާ ކުރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރެއްވުމެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެ ސުވާލު ހުށަހެޅުއްވި ނަމަވެސް އާއިލީ ކަމަކާ ގުޅިގެން މިނިސްޓަރު ހައިދަރަށް މިއަދުގެ ޖަލްސާ އަށް ވަޑައިނުގެންނެވުމުން އެ މައްސަލަ އެހެން ދުވަހެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

އެޖެންޑާގައި ދެ ވަނަ އަށް އޮތީ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ދެ އޮޑިޓް ރިޕޯޓެއް ތަޅުމަށް ހުށަހެޅުމާއި ބަހުސް ކުރުމެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ފުރަތަމަ ތަޅުމަށް ހުށަހެޅުއްވީ ކޮމިއުނިކޭޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ.

އެ ރިޕޯޓަށް ބަހުސް ކުރުމަށް އެއް ގަޑިއިރު ކަނޑައަޅާފައިވާ ކަމަށާއި ބަހުސް ކުރައްވަން ބޭނުންވާ މެމްބަރުން ފުރުސަތަކަށް އެދިވަޑައިގަތުމަށް ރިޔާސަތުން ހުޅުވައިލުމުން އެއްވެސް ބޭފުޅަކު އެ ފުރުސަތުގެ ބޭނުމެއް ނުކުރެއްވި އެވެ.

އެޖެންޑާގެ ތިން ވަނަ މައްސަލަ އަށް ރިޔާސަތުން އިއުލާން ކުރެއްވުމުން ގާސިމް ދެން ހުށަހެޅުއްވީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ.

އެ މައްސަލަ އަށް ވެސް ބަހުސް ކުރަން އެއްވެސް މެންބަރަކު އެދިވަޑައިނުގަންނަވަ އެވެ.

ދެ މައްސަލަ އަށް ވެސް ބަހުސް ކުރައްވާނެ މެންބަރަކު ނުވި ނަމަވެސް ޖަލްސާ އަށް 50 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވެ. ސަލާމުގައި ތިއްބެވީ ދެ މެންބަރެކެވެ.

ރިޔާސަތުން ދެން ނިންމެވީ މި ވަގުތަށް ޖަލްސާ މެދުކަނޑާލުމަށެވެ.

އާންމު ގޮތެއްގައި މެންދުރު 1:30 ގައި ވޯޓަށް އެހުން އޮތް ނަމަވެސް މިއަދު އެ ދެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ ހެނދުނު 11:00 ގައި ކަމަށް ވެސް އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ.