Roadha Mihaaru
އެއާޕޯޓުގައި އާ ވީއައިޕީ ޓާމިނަލެއް އަޅަނީ

ވެލާނާ އެއާޕޯޓުގައި އާ ވީއައިޕީ ޓާމިނަލެއް އަޅައި، މި އަހަރު ހުޅުވަނީ

27 ފެބުރުއަރީ 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ސަރަހައްދީ ފެންވަރުގެ "ހިތްގައިމު" އާ ވީއައިޕީ ޓާމިނަލެއް އަޅައި، މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ސަރަހައްދީ ފެންވަރުގެ "ހިތްގައިމު" އާ ވީއައިޕީ ޓާމިނަލެއް އަޅައި، މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވީއައިޕީ ޓާމިނަލްގެ އިތުރުން ސީ ޕްލޭންގެ ޓާމިނަލްގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށެވެ. އަދި ޑޮމެސްޓިކް ޓާމިނަލާ ދިމާލުން މޫދަށް ވާ ގޮތަށް ހަދާ ރެސްޓޯރަންޓް އިމާރާތުގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތައް ގެނެސް އަންނަ ޖޫން މަހު ހުޅުވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ވިއައިއޭގެ އާ ވީއައިޕީ ޓާމިނަލް ހަދަނީ އިންޓަނޭޝަނަލް ޓާމިނަލާއި މިހާރުގެ ވީއައިޕީ ލައުންޖާ ދެމެދު އޮންނަ ސަރަހައްދުގަ އެވެ. އެއީ ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމެވެ.

ރާއްޖެ އަކީ ދުނިޔޭގެ އެންމެ މުއްސަނދިން ވެސް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ވާތީ އެ ފެންވަރުގެ މީހުންނަށް ޚިދުމަތް ދެވޭނެ ވީއައިޕީއެއް އެއާޕޯޓަށް މުހިންމުކަން، ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

ސައީދު ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށައި، ޝެޑިއުލާ އެއްގޮތަށް ނިންމާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމަޔަށް އެ އެއާޕޯޓުގެ ތަރައްގީއަށް ދުވާލަކު 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ އެއްވެސް ލޯނެއް ނުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ހޭދައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު މިތަނަށް އެންމެ ފަހުގެ މަތިންދާބޯޓެއް ނުޖެއްސޭ. ބައެއް އެއާކްރާފްޓްތައް ޑައުންގްރޭޑް ކުރަން ޖެހުނު. ރައީސް ނިންމެވީ ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ އަލުން މަރާމާތުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިހާރުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލީ އެއްވެސް އެއާލައިނަކަށް އުނދަގުލެއްނުވެ އަދި އެއާޕޯޓުގެ އޮޕަރޭޝަނަށް ވެސް ދަތިކަމެއް ކުރިމަތިނުވާ ގޮތަށް ކުރިއަށް ގެންގޮސްގެންނެވެ.

"ހިނގަމުންދާ އެއާޕޯޓެއްގައި މިވަރުގެ ބިޔަ މަޝްރޫއެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އެއްވެސް ކަހަލަ ދަތިކަމެއް ނައިސް ތިޔަ ބޭފުޅުން [އެމްއޭސީއެލްގެ މުވައްޒަފުން]ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" މިދިއަ އަހަރު ނިންމާލި މަސައްކަތާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.