Roadha Mihaaru
އާރްޑީސީން ލިޔެކިޔުމެއް ނެތި 161 މިލިއަން ދޫކުރި!

އާރްޑީސީން ލިޔެކިޔުމެއް ނެތި 161 މިލިއަން ޓްރާންސްފާ ކޮށްފައި!

05 އޯގަސްޓް 2024

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖްމަންޓުން އެއްވެސް ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖްމަންޓުން އެއްވެސް ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ވިދާޅުވީ އެ ކުންފުނިން 2022 ވަނަ އަހަރު 66 މިލިއަން ރުފިޔާ އާއި 2023 ވަނަ އަހަރު 95 މިލިއަން ރުފިޔާ އެއްވެސް ލިޔެކިޔުމެއް ނެތި އެކި ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެ ފައިސާ ފޮނުވާފައި ހުރީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓްރާންސްފާ ކޮށްގެން ކަމަށާއި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ކުންފުނީގައި ނުވަތަ އިންވޮއިސްއެއް ކުންފުނީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮން ހިދުމަކަށްތޯ ނުވަތަ ކޮން މުދަލަކަށް ދީފައި ހުރި ފައިސާއެއްތޯ ނޭނގޭ." އަސްބާހު ވިދާޅުވި އެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރާއި އިސްވެރިން ކޮމެޓީގައި --- މިހާރު ފޮޓޯ/ނިޝާން އަލީ

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރާއި އިސްވެރިން ކޮމެޓީގައި --- މިހާރު ފޮޓޯ/ނިޝާން އަލީ

ނޮވެމްބަރު، 2023 ގައި ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން އާރްޑީސީ އަށް 90 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެ މަހުގެ މެދު ތެރޭގައި އާ ސަރުކާރު ހަވާލުވިއިރު އެ ކުންފުނީގެ އެކައުންޓުގައި ހުރީ އެންމެ ހަތަރު މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ކުރި މަސައްކަތުން ވެސް 90 މިލިއަން ރުފިޔާ ބިލް ކުރެވޭ ހިސާބަށް ގޮސްފައި ނުވާ ކަމަށާއި މިއީ ނިޒާމުގެ ތެރެއިން ވަކި ކުންފުނިތަކަށް ފައިސާ ދޭން ކޮށްފައި ހުރި މަސައްކަތެއް ވެސް އަސްބާހު ތުހުމަތު ކުރެއްވި އެވެ.

އެ މައްސަލަ މިހާރު ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން އަންނަ އިރު އޮޑިޓް އޮފީހުން އެ ކުންފުނީގެ ހާއްސަ އޮޑިޓުތަކެއް ހަދަމުންދާ ކަމަށް އަސްބާހު ވިދާޅުވި އެވެ.

އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުންފުނީގެ މުއައްޒަފުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.