Roadha Mihaaru
ރާއްޖެ-އެމެރިކާއިން ވިޔަފާރި ފުޅާކުރަން ނިންމައިފި

ރާއްޖެ-އެމެރިކާއިން ގިނަ ދާއިރާތަކުން ވިޔަފާރި ފުޅާކުރަން ނިންމައިފި

13 ޖުލައި 2024

ރާއްޖެ އާއި އެމެރިކާ އާ ދެމެދު ގިނަ ދާއިރާތަކަކުން ވިޔަފާރި ފުޅާ ކުރަން ނިންމައިފި އެވެ.

ރާއްޖެ އާއި އެމެރިކާ އާ ދެމެދު ގިނަ ދާއިރާތަކަކުން ވިޔަފާރި ފުޅާ ކުރަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިވަގުތު އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖެ-އެމެރިކާ ޓްރޭޑް އިންވެސްޓްމަންޓް ފްރޭމްވާކް އެގްރީމަންޓު (ޓީފާ)ގެ ތިން ވަނަ ބައްދަލުވުން ވަނީ ބައްވައިފަ އެވެ.

އެ ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވީ އެސިސްޓެންޓް ޔުނައިޓެޑް ސްޓޭޓްސް ރެޕްރަޒެންޓެޓިވް ބްރެންޑަން ލިންޗެވެ.

އެ ބައްދަލުވުމަށްފަހު ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، ދެމެހެއްޓެނެވި ތަރައްގީއަށްޓަކައި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓުމަންޓު އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ރާއްޖޭގެ ފަރާތުން، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި، ފަންނާނުން އަދި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންސް ދާއިރާގެ ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މައްޗަށް މަޝްވަރާކުރި ކަމަށް ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ ރާއްޖޭގައި މާލީ، ރިއަލް އެސްޓޭޓް، މެރިޓައިމް އަދި ޓޫރިޒަމްގެ ސިނާއަތްތަކުގައި ހުރި އިންވެސްޓުމަންޓު ފުރުސަތުގެ މައުލޫމާތު އެމެރިކާގެ ވަފްދާ އެކު ހިއްސާކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި، އެމެރިކާގެ ވަފްދުން ވަނީ، ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ނިޒާމީ ސިފައެއްގައި ދިވެހި ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، މި ފަހުން ވުޖޫދު ކުރި އިންޑަސްޓްރިއަލް ރިލޭޝަންސް އަދި މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލު ފަދަ، މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މުހިންމު ގާނޫނުތައް އެ ވަފްދުން ފާހަގަކުރު ކަމަށް ބަޔާނުގައި ބުންޏެވެ.

މިނިސްޓަރު ސައީދު އެމެރިކާއަށް ކުރެއްވި މި ދަތުރުގައި އެ ގައުމުގެ އިސް ވިޔަފާރިވެރިންނާ ވެސް ވަނީ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.