Roadha Mihaaru
އޮސްޓްރިއާ އަށް ފުރުސަތެއް ނުދީ ތުރުކީ ކުއާޓާ އަށް

އޮސްޓްރިއާ އަށް ފުރުސަތެއް ނުދީ ތުރުކީ ކުއާޓާ އަށް

03 ޖުލައި 2024

ލައިޕްޒިގް (ޖުލައި 3) - އޮސްޓްރިއާއާ ވާދަކޮށް 2-1 އިން ކުރި ހޯދައިގެން ތުރުކިޔޭ، މިއަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލައިޕްޒިގް (ޖުލައި 3) - އޮސްޓްރިއާއާ ވާދަކޮށް 2-1 އިން ކުރި ހޯދައިގެން ތުރުކިޔޭ، މިއަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗު ފެށިގެން 57 ވަނަ މިނިޓުގައި ތުރުކިޔޭ އިން ލީޑު ނެގީ މެރީހް ޑެމިރާލް ޖަހައިދިން ގޯލުންނެވެ. ތުރުކިޔޭ އިން ލީޑު ފުޅާ ކުރީ 59 ވަނަ މިނިޓުގައި ޑެމިރާލް ކާމިޔާބުކުރި ގޯލުންނެވެ.

މިއީ ކުރިން ޔުވެންޓަސް އަށް ވެސް ކުޅުނު، މިހާރު އުމުރުން 26 އަހަރުގެ ޑިފެންޑަރު، ގައުމީ ޓީމަށް ކުޅެދިން 48 މެޗުން ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

ޑެމިރާލްގެ ދެ ގޯލުން ތުރުކިޔޭ ލީޑު ފުޅާކުރިތާ ހައެއްކަ މިނިޓު ފަހުން މައިކަލް ގްރެގޮރިޓްޝް ގޯލެއް ޖަހައި، އޮސްޓްރިއާ އަށް ފަރަގު ކުޑަކޮށްދިނެވެ.

އެއަށް ފަހު އޮސްޓްރިއާ އިން ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. އެގޮތުން ފުރިހަމަ ވަގުތު ހަމަވެގެން ކުޅުވި އިތުރު ވަގުތު ތެރޭ ގޯލު ލައިން ކުރިމަތިން ކްރިސްޓޯފް ބައުމްގާޓްނާ ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ކީޕަރު މަރެޓް ގޫނޮކް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ގޫނޮކް ވަނީ މެޗުގައި އޮސްޓްރިއާގެ މާކޯ އާނައުޓޮވިޗް ހުސްކޮށް އަރައި ފޮނުވާލި ހަމަލާއެއް ވެސް ދިފާއު ކޮށްފަ އެވެ.

މިއީ، 2008 ވަނަ އަހަރަށް ފަހު ތުރުކިޔޭ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރު ތުރުކިޔޭ ވަނީ ކްރޮއޭޝިއާ ބަލިކޮށް ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި ބަލިވީ ޖަރުމަން އަތުންނެވެ.

އޮސްޓްރިއާ އެންމެ ދުރަށް ވެސް މިހާތަނަށް ދަތުރު ކުރީ ގަދަ 16 އާ ހަމައަށެވެ. އެންމެ ފުރަތަމަ ގަދަ 16 އަށް ދަތުރުކުރީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. އެފަހަރުގެ ބަލިވީ، ޗެމްޕިއަންކަން ހޯދި އިޓަލީއާ ވާދަކޮށް އިތުރު ވަގުތު ކުޅެގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު، މިއަހަރުގެ ޔޫރޯގެ ކުއާޓާގައި ތުރުކިޔޭ ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.