Roadha Mihaaru
ބްރެޒިލަށް ކޮސްޓަރިކާ ކައިރީ އެެއްކަމެއް ވެސް ނުވި

ވޯލްޑް ކްލާސް ތަރިންގެ ބްރެޒިލަށް ކޮސްޓަރިކާ ކައިރީ އެެއްކަމެއް ވެސް ނުވި

25 ޖޫން 2024

ކެލިފޯނިއާ (ޖޫން 25) – އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާގައި، ވަރުގަދަ ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ކެލިފޯނިއާ (ޖޫން 25) – އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާގައި، ވަރުގަދަ ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ބްރެޒިލްގެ ތަރި ނޭމާ އަނިޔާގައި ހުރުމުން، މުބާރާތަށް އެކުލަވާލި ސްކޮޑަށް އޭނާ ނުނަގަ އެވެ. މިއީ ބްރެޒިލްގެ ކުރިއަށް އޮތް ޖީލުގެ ތަރިން ކަމަށްވާ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރީގޯ ގޮއިސް އަދި ފިލިޕޭ އެންޑްރިކަށް ބަރޯސާވެގެން ކުޅޭ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ.

ރާއްޖެ ގަޑިން ހެނދުނު 6 ޖެހިއިރު ކުޅުނު މި މެޗުގައި ބްރެޒިލް އިން މުޅި އެކު 19 ހަމަލާ ފޮނުވާލިއިރު ގޯލާ އަމާޒު ކޮށްލެވުނީ ތިން ހަމަލާ އެވެ. އަދި އެ ހަމަލާތައް ދިފާއުކުރި ކޮސްޓަ ރިކާގެ ކީޕަރު ވަނީ އެގައުމަށް މި ތާރީހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ރަފީނިއާގެ ހިލޭޖެހުމަކުން ހުރަސްކޮށްލި ބޯޅަ މާކީނިއޯސް ގޯލަށް ފޮނުވާލައިގެން ބްރެޒިލަށް ލީޑު ނަގައިދިން ކަމަށް ހީކުރެވުނެވެ. ނަމަވެސް ވީއޭއާރްގެ ލޮލުން ބަލަން ގިނަ ވަގުތެއް ހޭދަކުރުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

ކޯޗު ޑޯރިވާލް ޖޫނިއާ ވަނީ މެޗުގެ ފަހު ވިއްސަކަށް މިނިޓަށް، ވިނީޝިއުސްގެ ބަދަލުގައި 17 އަހަރުގެ ފޯވާޑް އެންޑްރިކް ކުޅެން ނެރެފަ އެވެ. ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވި އެވެ.

މި ނަތީޖާއާ އެކު ކޮޕާ އެމެރިކާ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުން މިވަނީ އެއް މެޗު ކުޅެފަ އެވެ. ބްރެޒިލް ހިމެނޭ ގުރޫޕް ޑީގެ އެއްވަނައިގައި އޮތީ 2-1 އިން ޕެރަގުއޭ ބަލިކުރި ކޮލަމްބިއާ އެވެ.

ބްރެޒިލް އަކީ އާޖެންޓީނާ އާއި އުރުގުއޭއަށް ފަހު އެންމެ ގިނަ ފަހަރު ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކޮށްފައިވާ ގައުމެވެ. ބްރެޒިލް އިން ވަނީ ނުވަ ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ރެކޯޑް 15 ފަހަރު ތަށި ހޯދާފައިވާ އާޖެންޓީނާ އާއި އުރުގުއޭ ވަނީ މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ފުރަތަމަ މެޗުގައި 2-0 އިން ކެނެޑާ ބަލި ކޮށްފައި ވާއިރު، އުރުގުއޭ ވަނީ ހަމަ މި ނަތީޖާއިން ބޮލީވިއާ ބަލިކޮށްފަ އެވެ.