Roadha Mihaaru
ފެން މީޓަރު ތަޅުލައި ފެން ކަނޑާ މައްސަލަ ބަލަނީ

ބިލު ދައްކަމުންދަނިކޮށް މީޓަރުގައި ތަޅުއަޅުވައި ފެން ކަނޑާ މައްސަލަތަކެއް ބަލަނީ

16 ޖޫން 2024

ގަވައިދުން ބިލު ދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލަމުން އަންނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަވައިދުން ބިލު ދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލަމުން އަންނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނަށް ހުށަހަޅާފައިވާ އެކި މައްސަލަތަކަށް ބަލާއިރު ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ގަވާއިދުން ބިލު ދައްކަމުންދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅުއެޅުވުގެ މައްސަލަ އާއި ފެނުގެ ހިދުމަތްދޭ ކުންފުންޏަށް އެންގުމަކާނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް ކަނޑާލަމުން އަންނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

"މިދެންނެވި މައްސަލަތައް ކޮމިޝަނުން ތަހުގީގުކުރަމުންދާކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނަށް ހުށަހަޅާ އެފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާއި އަދި ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައިދީފައިވާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ފެނުގެ ހިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން، އެ ގޭބިސީއެއްގައި ދިރިއުޅޭ އެންމެނަށް އެކަމުގެ އަސަރުކުރާނެތީ ކަންބޮޑުވާ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓެނެ އެވެ.

އެ ކޮމިޝަނުން ވަނީ އާންމު ފަރުދުންނާއި، އާންމު ފަރުދުންނާއި އިދާރާތަކުގެ މެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހަޅައިގެން ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.

ފެން ކަނޑާލަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. އެކަމަކު ކުއްޔަށް ދީފައި ހުންނަ ތަންތަނުން ކުލި ނުދެއްކުން ފަދަ ކަންކަމާ ގުޅިގެން ތަން ހުސްކުރަން އެންގުމުން ހުސް ނުކޮށް އެތަނުގައި އުޅޭ މައްސަލަތަކުގައި ބައެއް މީހުން ތަންތަނުން ފެނާއި ކަރަންޓު ވެސް ކަނޑާލަ އެވެ.