Roadha Mihaaru
އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް ގޮވާލައިފި

ހައްޖު ޚުތުބާގައި ގޮވާލީ މުޅި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް

15 ޖޫން 2024

މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، އެއްބައިވަންތަކަން ކުރިއެރުވުމަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، އެއްބައިވަންތަކަން ކުރިއެރުވުމަށް ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

މަސްޖިދުއްނަމީރާގައި މި އަހަރުގެ ހައްޖު ޚުތުބާ އިއްވައި ދެއްވި އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިއްލީ ވަނީ އިސްލާމީ އުއްމަތުގެ ސަލާމަތްތެރިކަން އޮތީ މުސްލިމުންގެ މެދުގައި ބައިބައިވުން ހުއްޓުވައި، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަން ފާހަގަކުރައްވައިފަ އެވެ.

އަދި ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ޙައްޖަތުލް ވަދާއުގެ ހުތުބާގައި ހަދީސް ކުރެއްވި ބައެއް ކަންކަމަށް ވެސް މިއަދުގެ ހައްޖު ހުތުބާގައި ވަނީ އަލިއަޅުވާލައިފަ އެވެ.

އޭގެ ތެރޭގައި އެކެއްގެ ލެޔާއި ނަފްސު އަނެކާއަށް ހަރާމްވެގެންވާ ކަމާއި މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެ އިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަން ހުތުބާގައި ފާހަގަކުރި އެވެ.

މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ އަރަފާތް ބިމުގައި ދުއާ ކުރަނީ.

މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ އަރަފާތް ބިމުގައި ދުއާ ކުރަނީ.

މިއަދުގެ ހުތުބާގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ މައުސޫމް ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ކުރުމަށް އެދި ދުއާކުރުމަށް މުސްލިމުންނަށް ގޮވާލައިފަ އެވެ.

އަދި ޒަކާތް ދިނުމާއި ފަގީރުންނާއި ނިކަމެތިންނަށް އެހީވުމަށް ހުތުބާގައި ބާރުއެޅި އެވެ. އަދި މާތް ﷲ ނަހީކުރައްވާފައިވާ ފާހިޝު އަމަލުތަކާއި ބޭކާރު ގޮތުގައި މުދާ އިސްރާފު ނުކުރުމަށް ވެސް ގޮވައިލި އެވެ.

މީގެ އިތުރުން، ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލި މާތް ﷲ އަށް ތަގުވާވެރިވުމަށާއި މާތް ﷲ އަށް ތަގުވާވެރިވުމަކީ ދެ ދުނިޔޭގެ ހެޔޮކަމާއި ލުއި ފަސޭހަ ގޮތްތައް މިންވަރުކުރައްވާނެ ކަމެއް ކަމުގައި ހުތުބާގައި ވަނީ ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ މައްކާ އަށް ޖަމާވެފަ އެވެ.

އޭގެ ތެރޭގައި ރާއްޖެ އިން ދިޔަ 1،150 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.