Roadha Mihaaru
ހައްޖު: ތަގުވާވެރިވެ، ތައުބާވާން ހުޅުވޭ ދޮރެއް

ހައްޖާއެކު ތަގުވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވާންޖެހޭ

12 މެއި 2023

އިސްލާމްދީނުގައިވާ ކޮންމެ އަޅުކަމަކީ ވެސް އޭގެ ސަބަބުން ތިމާގެ ނަފްސު އިސްލާހުކޮށް، ރޫހު ތަރުބިއްޔަތު ކުރެވޭ އަޅުކަމެކެވެ. އެހެނީ ކޮންމެ އަޅުކަމެއްގެ ވެސް މައިގަނޑު އަމާޒަކީ ތަގުވާވެރިކަން ވަރުގަދަ ކުރުމެވެ. ތަގުވާވެރިވުމުގެ ނަތީޖާއަކީ ނަފްސު ތަހުޒީބު ވުމެވެ. ނަފްސު ތަހުޒީބު ވެއްޖެ ނަމަ މީހާގެ ސުލޫކު ރަނގަޅުވާނެ އެވެ. މިގޮތުން ހައްޖުގެ އަޅުކަމުން ވެސް ތަގުވާވެރިކަން އިތުރުވެ ނަފްސު ތާހިރުވެ ސުލޫކުތައް ވަރުގަދަ ކޮށްދެ އެވެ. އެހެނީ ހައްޖުގެ އަޅުކަމުގައި ވަރަށް މަތީ ދަރަޖައަކަށް ތައުބާވުމާއި ނަފްސު ތަރައްގީ ކުރުން ހިމެނޭތީ އެވެ. ނަމަވެސް މި ކަންކަން ހާސިލު ކުރެވޭނީ މި އަޅުކަމުގެ ތެރެއިން ތިމާގެ އީމާންކަމާއި އިހުސާސްތަކާއި ޝުއޫރުތައް ވަކި ގޮތަކަށް ބައްޓަންކޮށް، ތަރައްގީ ކުރަން މަސައްކަތް ކުރެވޭ ވަރަކުންނެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އިސްލާމްދީނުގައިވާ ކޮންމެ އަޅުކަމަކީ ވެސް އޭގެ ސަބަބުން ތިމާގެ ނަފްސު އިސްލާހުކޮށް، ރޫހު ތަރުބިއްޔަތު ކުރެވޭ އަޅުކަމެކެވެ. އެހެނީ ކޮންމެ އަޅުކަމެއްގެ ވެސް މައިގަނޑު އަމާޒަކީ ތަގުވާވެރިކަން ވަރުގަދަ ކުރުމެވެ. ތަގުވާވެރިވުމުގެ ނަތީޖާއަކީ ނަފްސު ތަހުޒީބު ވުމެވެ. ނަފްސު ތަހުޒީބު ވެއްޖެ ނަމަ މީހާގެ ސުލޫކު ރަނގަޅުވާނެ އެވެ. މިގޮތުން ހައްޖުގެ އަޅުކަމުން ވެސް ތަގުވާވެރިކަން އިތުރުވެ ނަފްސު ތާހިރުވެ ސުލޫކުތައް ވަރުގަދަ ކޮށްދެ އެވެ. އެހެނީ ހައްޖުގެ އަޅުކަމުގައި ވަރަށް މަތީ ދަރަޖައަކަށް ތައުބާވުމާއި ނަފްސު ތަރައްގީ ކުރުން ހިމެނޭތީ އެވެ. ނަމަވެސް މި ކަންކަން ހާސިލު ކުރެވޭނީ މި އަޅުކަމުގެ ތެރެއިން ތިމާގެ އީމާންކަމާއި އިހުސާސްތަކާއި ޝުއޫރުތައް ވަކި ގޮތަކަށް ބައްޓަންކޮށް، ތަރައްގީ ކުރަން މަސައްކަތް ކުރެވޭ ވަރަކުންނެވެ.

މުޅި އަޅުކަމުގެ އަމާޒުގެ މައްޗަށް އީމާންތެރިކަން ވަރުގަދަކުރުން

ހައްޖުގެ އަޅުކަމުން އެންމެ ފުރަތަމަ ހާސިލު ކުރަންވީ ކަމަކީ އީމާންކަން ވަރުގަދަކުރުމެވެ. މިގޮތުން ހައްޖަކީ މާތް ﷲ އަށް އީމާންވެ، ކިޔަމަންވުމުގެ ގޮތުން ކުރާ ކަމެއް ކަން އެންމެ ފުރަތަމަ ގަބޫލު ކުރަން ޖެހޭނެ އެވެ. އެ ކަމަކީ އެއްގޮތަކަށް ވެސް އެހެން މީހުން ކުރާތީވެ، އިޖުތިމާއީ އާދައެއްގެ ގޮތުން ނުވަތަ މީހުންނަށް ދައްކަން ވެގެން ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. މީގެ ބަދަލުގައި އެއީ ދީނުގެ ރުކުނެއް ކަން އަދި އެ ރުކުން އަދާކުރުމުގެ ޝަރުތުތައް ފުރިހަމަވެ، ކުޅަދާނަކަން ލިބިގެންވާ މީހާ އެ ކަން ނުކުރުމަކީ ފާފައެއްކަން ގަބޫލު ކުރަން ޖެހޭނެ އެވެ.

ހައްޖަކީ ތައުބާވުން އޭގައި އެކުލެވިފައިވާ ކަމަށް ވާތީ ދިރިއުޅުމުގައި އާދަވެފައިވާ ނުބައި އާދަތައް ހުއްޓާލުމާއެކު އެފަދަ ކަންކަން ކުރެވުނީތީ ހިތާމަކޮށް، މުސްތަގުބަލުގައި ދެން އެފަދަ އެއްވެސް ކަމެއް ނުކުރަން އަޒުމް ކަނޑައަޅަން ވާނެ އެވެ. އެ އަޅުކަން ނިމިގެންދާއިރު އެ އިން ތަގުވާވެރިކަން އިތުރުވެ ނަފްސު ތަހުޒީބު ވެގެންދާން ޖެހޭނެކަން ޔަގީން ކުރަން ވާނެ އެވެ. މި އީމާންކަމާއި އަޒުމްތަކަށް ފަހު ހައްޖުގެ އަޅުކަމުގައި ހިމެނޭ ވަކިވަކި ކަންތައްތައް ނުވަތަ ޝަޢީރާތަކުގެ ތެރެއިން ތިމާގެ ހިތުގައި ވަރުގަދަވާން ޖެހޭ އިހުސާސްތަކާއި ޝުޢޫރުތައް ވަރުގަދަ ކުރަންޖެހެ އެވެ.

އިހުރާމަކީ ނަފްސު ވަކި ވަގުތަކަށް ބަނދެލުންކަން ދެނަގަތުން

ހައްޖުގެ އަޅުކަން ފަށައިގަންނަނީ އިހުރާމް ބަނުމުންނެވެ. އިހުރާމް ބަންނަ ހިނދު، ތިމާ އަށް މި ވަދެވެނީ ވަކި ގައިދުތަކެއްގެ ތެރެއަށްކަން ދަނެ އެ އިން ބޭރު ނުވެ ހުރުމުގެ އަޒުމު އޮންނަން ޖެހޭނެ އެވެ. އެ އަޒުމުގެ ދަށުން، އިހުރާމް ބަނުމުން، ހަރާމްވާ އެއްވެސް ކަމެއް ނުކޮށް ހުންނާނީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެކަލާނގެ އެންގެވި ކޮންމެ ކަމަކަށް ވެސް އާނއެކޭ ބުނާ ހާލުގައި ކަމަށް ވާން ޖެހޭނެ އެވެ. އިހުރާމް ބަނުމާ އެކު ތަލްބިޔާ ކިޔަން ޖެހެވެ. ތަލްބިޔާ ކިޔާ ހިނދު އޭގެ މާނަ ހިތުގައި އޮންނަން ވާނެ އެވެ. ލައްބައިކަ އޭ ބުނަނީ ޝަރީކަކު ނުވާ އެއްކައުވަންތަ، ހަމްދު ލިބިވޮޑިގެންވާ އެންމެހާ ނިއުމަތްތައް ދެއްވާ، ދީލަތިވަންތަ މާތް ﷲ ގެ ދައުވަތަށް އިޖާބަ ދިނުމުގެ ގޮތުން އެކަލާނގެ އެންގެވި ކޮންމެ ކަމަކަށް ވެސް "ލައްބައޭ" ބުނެ އެކަން ކުރުމަށް ތައްޔާރަށް ހުރި ކަން ބަޔާން ކޮށްދޭން ކަން ހިތުގައި އޮންނަން ވާނެ އެވެ.

އިހުރާމް ބަނުމާ އެކު ވަކި ވައްތަރެއްގެ ހެދުން އެޅުމުން މަހުރޫމްވުމުން އެ އިން ރަމްޒު ކޮށްދޭ ކަންތައް ވެސް ހިތުގައި އޮންނަން ޖެހޭނެ އެވެ. އާދެ، އެއީ ގިޔާމަތް ދުވަހު އެންމެހާ އިންސާނުން މަހުޝަރު ކުރެވިފައި ވާނެ ގޮތުގެ ތަސައްވުރެއް ލިބުމެވެ. އަދި ހިތަށް ބިރުވެތިކަމާއި މަޑުމޮޅިކަން އިހުސާސް ވުމެވެ.

މައާފަށް އެދުމާއި ވަކީލު ކުރުމާއި ގަދައަޅައި މަސައްކަތްކުރަން ދަސްކުރުން

ހައްޖުގެ އަޅުކަމުގައި ހިމެނޭ ތަވާފު ކުރާއިރު އޭގެ ބޭނުމަކީ މާތް ﷲ ގެ ހަޒުރަތުން މައާފަށް އެދުން ކަމުގެ ޝުއޫރުތައް ހިތުގައި އޮންނަން ޖެހޭނެ އެވެ. ތިމާ ބޭނުންވަނީ ދުނިޔެ އާއި އާހިރަތުގައި ވެސް ހެޔޮގޮތޭ ދުލުން ކިޔާއިރު އެއީ ހަގީގަތުގައި ވެސް ތިމާގެ އެދުން ކަމުގައި ވާން ޖެހޭނެ އެވެ. އެއީ އަނގައިން ބޭރުވާ މާނައެއް ނެތް ބަސްތަކަކަށް ވެގެން ނުވާނެ އެވެ. މަލާއިކަތުން ވެސް މާތް ﷲ ގެ އަރުޝިފުޅު ވަށައިގެން ތަވާފު ކުރައްވައި މައާފަށް އެދިލެއްވި ކަމަށް ރިވާވެގެން ވެ އެވެ. އެބޭކަލުންނަކީ ހަގީގަތުގައި ކުށް ކުރައްވާ ބައެއް ނޫނެވެ. ކުރެވުނުހާ ވެސް ކަމަކީ "ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނެ ބަޔަކު އިބަރަސްކަލާނގެ އުފައްދަވަނީހޭ" ވިދާޅުވެވުމެވެ. އެހެންވެ ތަވާފަކީ އެ ކަމުގެ ރަމްޒެއް ކަމުގައި ބައެއް އިލްމުވެރިން ވިދާޅު ވެ އެވެ. ވީމާ އުރެދުމެއްވެ ވަޑައިނުގަންނަވާ މަލާއިކަތުން އެކަމަށް މާތް ﷲ ގެ ހަޒުރަތުގައި ދަންނަވާއިރު، އަހަރެމެން ފަދަ ކުށްކުރާ މީހުން މައާފަށް އެދުން މާ އައުލާކަން ބޮޑުވެގެންވާނެކަން ތިމާގެ ހިތުގައި އޮންނަން ޖެހެ އެވެ.

ހައްޖުގެ އަޅުކަމުގައި ހިމެނޭ ސައުޔު ކުރުމުން ހަނދާނަށް ގެނެސްދެނީ އީމާންތެރި މަންމައަކު އަދި ކިޔަމަންތެރި އަނބިކަލަކު އެކަމަނާގެ ދަރިފުޅަށްޓަކައި އަދި ފިރިކަލުންނަށްޓަކައި ވެ ވަޑައިގެންނެވި ގުރުބާނެވެ. އެއީ މާތް ﷲއާ މެދު އޮތް އިތުބާރެއްގެ ބޮޑުކަމާއި ޔަގީން ކަމެއްގެ ބޮޑު ކަމުގެ ސަބަބުންނެވެ. ވީމާ ސަފާ އާއި މަރުވާއާ ދެމެދު ހިނގާއިރު ތިމާގެ ހިތުގައި ވެސް މާތް ﷲ އާ މެދު އެފަދަ އިތުބާރެއް އުފެދެން ޖެހޭނެ އެވެ. އެކަލާނގެ އަށް ވަކީލު ކުރުމުގެ މުހިންމުކަން ދަސްކުރަން ޖެހޭނެ އެވެ. ވަކީލު ކުރުމަކީ މަސައްކަތެއް ނުކޮށް ހުރުން ނޫންކަން މިތަނުން ފިލާވަޅު ލިބިގަންނަން ޖެހެ އެވެ. އެހެނީ ސައުޔުގެ އެއް މާނައަކީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމެވެ.

ދުއާކުރުމާއި ޝައިތާނާގެ ކިބައިން ސަލާމަތްވާން ދަސްކުރުން

އަރަފާތުގައި ހުރުމަކީ މުޅި ޙައްޖު އޭގެ މައްޗަށް ބިނާވާ ޝައީރާ އެވެ. އަރަފާތުގެ ބިމުގައި އިބްރާހީމްގެފާނާއި އިސްމާއީލްގެފާނު އަދި މުޙައްމަދުގެފާނު ކުރެއްވެވި އެންމެ މުހިންމު ކަމަކީ މާތް ﷲ އަށް ދުއާކޮށް، އިސްތިޣްފާރު ކުރެއްވުމެވެ. އެއީ ނަބީންނެވެ. ވީ އިރު އެ ކަމަށް ތިމާ މާ ބޭނުން ބޮޑުވާނެކަން ގަބޫލުކޮށް، ހިތަށް ތަވާލުއުވެރިކަން ވަންނަން ޖެހެ އެވެ. ކުށްތަކަށް މައާފަށް އެދެން ޖެހެ އެވެ. މީގެ އިތުރުން (އެބޭކަލުން ފަދައިން) ﷲގެ ނިއުމަތްތަކާ މެދު ވިސްނައި އެކަލާނގެ އަށް ހަމްދާއި ޝުކުރުކޮށް، އެކަމުގެ ހަގީގީ އިހުސާސްތައް ކުރެވެން ޖެހެ އެވެ. ލޮލުން ކަރުނަ ފައިބާ ދަރަޖަ އަށް އެ އިހުސާސްތައް ކުރުން އެއީ އީމާންކަމުގެ ވަރުގަދަ ކަމުގެ ދަލީލެކެވެ. ޖަމްރާތަކަށް ހިލައުކުމަކީ ޝައިތާނެއްގެ ވަސްވާހުން ސަލާމަތްވުމަށް ނަބީބޭކަލަކު ކުރެއްވެވި މަސައްކަތެއްގެ ރަމްޒެކެވެ.

ވީމާ އެ ރަމްޒީ ޝައީރާ އަދާކުރާއިރު ހިތުގައި އޮންނަން ޖެހެނީ ތިމާ ވެސް އެފަދައިން ޝައިތާނާގެ ވަސްވާހުން ސަލާމަތްވާން ތައްޔާރަށް ހުރި ކަމެވެ. ޝައިތާނާ ރަޖަމް ކޮށްގެން ނަމަވެސް އެ ވަސްވާސްތަކުން ސަލާމަތްވެ، ހަމައެކަނި މާތްﷲ އަށް ކިޔަމަންވާނެކަން ހިތުގައި އޮންނަން ވާނެ އެވެ. ތަގުވާގެ ފެށުމަކީ މިއީ އެވެ. މިފަދަ ރޫހާނީ ވަންތަކަމެއް ނެތި ތަނުގައި ތިބޭ އެހެން މީހުންނަށް އުނދަގޫކޮށް، އަތު ޖެހުނު ކޮންމެ އެއްޗެއް ކޮންމެ ދިމާލަކަށް ހޫރާލުމަކީ މިކަމުގެ މަގުސަދާ މުޅިން ހުލާފު ކަމެކެވެ.

ގުރުބާންވުމާއި ފާފަތަކުން ދުރަށްދެވުނުކަމުގެ އިހުސާސްކުރުން

ހަދުޔު ކަތިލުމަކީ ކިޔަމަންތެރިވުމުގެ ރަމްޒެކެވެ. ކޮންމެފަދަ ގުރުބާނެއް ވެގެން ނަމަވެސް ކިޔަމަންވުމުގެ ދަލީލެކެވެ. ލޯބިވާ ދަރިކަލުން ﷲ އަށްޓަކައި ގުރުބާން ކޮށްލުމުގެ އަމުރަށް ދެބަފައިކަލަކު ކިޔަމަންވެވަޑައިގަތް ގޮތް މި ތަނުގައި ހަނދާނަށް ގެންނަން ޖެހެ އެވެ. ކަންބަޅިއެއް ކަތިލުމަކީ މި ދެންނެވި ގުރުބާނުގެ ރަމްޒެކެވެ. ވީމާ ތިމާ ވެސް މިއަދު މި ކަތިލަނީ އާދައިގެ ބަކަރިއެއް ނުވަތަ ކަންބަޅިއެއް ކަމުގައި ވިއަސް އެއީ ގުރުބާންވުމުގެ ރަމްޒެއްކަން ހަނދާން ކުރަންޖެހެ އެވެ. އެބަހީ އެ އަށް ވުރެ އެތައް ގުނަ ބޮޑު ކަމަކުން ވެސް ﷲއަށްޓަކައި ނަމަ ގުރުބާންވާން ތައްޔާރަށް ހުރި ކަމުގެ އިހުސާސްތައް، ލޮލުން ކަރުނަ އަންނަ ދަރަޖަ އަށް ކުރެވެން ވާނެ އެވެ. ރޫހާނިއްޔަތަކީ އެއީ އެވެ. ބޯކޮށާއިރު ނުވަތަ ބޯ ބާލާއިރު އިހުސާސްވާން ޖެހެނީ ބޮލުގައި އެޅިފައިވާ ހުރިހާ ފާފަތައް ﷲ އިރާދަކުރެއްވިއްޔާ މިހާރު މި ވަނީ ވަކިވެ ގޮސްފައި ކަމެވެ. އެހެންވީމާ ދެން އިތުރަށް މި ނަފްސު މުޑުދާރު ކުރާކަށް ބޭނުމެއް ނޫން ކަމެވެ.

އާދެ، މި ދެންނެވި ފަދަ ރޫހާނިއްޔަތަކާ އެކު ހައްޖު އަދާކުރެވިއްޖެ ނަމަ ހަމަ ޔަގީނުން ވެސް ތަގުވާވެރިކަން އިތުރު ކުރެވޭނެ އެވެ. އެހެންކަމުން މި މަގުސަދުތައް ހާސިލު ކުރުމަށްޓަކައި ހައްޖުގެ އަޅުކަން ކުރެވޭ ވަރުގެ ތަނަވަސްކަން ލިބިއްޖެ ނަމަ ލަސްނުކޮށް މިކަމަށް ކުރިމަތިލުން މުހިންމެވެ. އަދި މި ފުރުސަތު ތަނަވަސްވެއްޖެ ނަމަ މި ބަޔާން ކުރި ފަދަ ރޫހާނިއްޔަތަކާ އެކު އެ އަޅުކަން ކުރުން ވެސް މުހިންމެވެ.