Roadha Mihaaru
ދައުލަތުގެ އެއްވެސް ބާރަކަށް އިތުބާރު ކުރެވޭތަ؟

ދައުލަތުގެ އެއްވެސް ބާރަކަށް އިތުބާރު ކުރެވޭތަ؟

23 ފެބުރުއަރީ 2017

ސިޔާސީ ތަފާތު ވިސްނުންތަކާ އެކު އުޅެން ޖެހިފައިވާ ނަމަ، އަބަދު ވެސް އިވޭނީ ފާޑުކިޔުމެވެ. އެއް ބަޔަކު ކުރާ ކަމަކާ މެދު އަނެއް ބަޔަކު ހިތްހަމަނުޖެހި އެ ކަމުގެ ޝަކުވާ ކުރާ އަޑެވެ. ކިތަންމެ ރަނގަޅު ނިޔަތެއްގައި ކަމެއް ކުރިޔަސް، ވާދަވެރި ސިޔާސީ ބޭފުޅުން ރައްޔިތުންނަށް އެކަމެއް ވިސްނައިދޭނީ ނުރަނގަޅު ގޮތެއްގަ އެވެ. ނަމަވެސް ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑު ނަމަވެސް، ދައުލަތުގެ ތިން ބާރާ މެދު ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ހިސާބަށް ކަންތައް ގޮސްގެން ނުވާނެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސިޔާސީ ތަފާތު ވިސްނުންތަކާ އެކު އުޅެން ޖެހިފައިވާ ނަމަ، އަބަދު ވެސް އިވޭނީ ފާޑުކިޔުމެވެ. އެއް ބަޔަކު ކުރާ ކަމަކާ މެދު އަނެއް ބަޔަކު ހިތްހަމަނުޖެހި އެ ކަމުގެ ޝަކުވާ ކުރާ އަޑެވެ. ކިތަންމެ ރަނގަޅު ނިޔަތެއްގައި ކަމެއް ކުރިޔަސް، ވާދަވެރި ސިޔާސީ ބޭފުޅުން ރައްޔިތުންނަށް އެކަމެއް ވިސްނައިދޭނީ ނުރަނގަޅު ގޮތެއްގަ އެވެ. ނަމަވެސް ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑު ނަމަވެސް، ދައުލަތުގެ ތިން ބާރާ މެދު ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ހިސާބަށް ކަންތައް ގޮސްގެން ނުވާނެ އެވެ.

ސަރުކާރަށް ކުރާ އިތުބާރު!

ވެރިކަން ކުރުމުގެ ބާރާ ހަމައިން ފަށާ އިރު، ރައްޔިތުންގެ އިތުބާރު ގެއްލޭ މައިގަނޑު ދެ ކަމެއް މިހާރު ފާހަގަކުރެވެ އެވެ. އެންމެ ފުރަތަމަ ކަމަކީ، މި ވެރިކަމުގެ ފެށުމާ ހަމައިން ސަރުކާރުގައި ޖެހުނު ކޮރަޕްޝަންގެ ލައްގަނޑެވެ. ޚިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ވައްކަމުގައި ޝާމިލުވާ ބައެއް މީހުންގެ މައްޗަށް ޝަރީއަތް ހިންގައި މިހާރު ތިބީ ޖަލަށް ލައިފަ އެވެ.

ނަމަވެސް އެހާ ހިސާބުން މައްސަލަ އަށް ނިމުމެއް ނާދެ އެވެ. ކޮރަޕްޝަނަށް ހުއްޓުމެއް ނާދެ އެވެ. އެކަން އެނގެނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރޭ ރިޕޯޓްތަކުންނެވެ. އޭސީސީން ނެރޭ ރިޕޯޓްތަކުގައި، އެކި ކަންކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ބުނެފައި އޮތަސް، އެފަދަ ބައެއް ކަންތައް ހިނގާފައި ހުރީ، އެކަން ގަބޫލުކުރެވޭ ފަދަ ގޮތްތަކަކަށް ނޫނެވެ.

"ސަރުކާރުގެ ބައެއް ކުންފުނިތައް ހިނގާ ގޮތާ މެދު އެއްވެސް އިތުބާރެއް ނުކުރެވޭ. އެ ބޭފުޅުން މީޑިއާގެ ކުރިމަތީގައި ގޮން ޖަހާފައި ވިދާޅުވެފައި އެބަ ހުރި، ތިމަންނަ ކުރާނީ ތިމަންނަ ބޭނުން ކަމެކޭ. ކަލޭމެންނަކަށް އެއް ކަމެއް ވެސް ނުކުރެވޭނެޔޭ،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

"އެއީ ވެސް ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން މީޑިއާގައި ދެކެވުނު ވާހަކަތަކަކަށް ރައްދު ދެއްވައި ވިދާޅުވި ވާހަކައެއް. އެކަމަކު އެހެން ވިދާޅުވާ ބޭފުޅާއަކަށް އެނގިވަޑައެއް ނުގަނެޔޭ، ތިމަންނާ ހަވާލުވެ މި ހުރީ ދައުލަތާއި ރައްޔިތުންގެ ފައިސާއާއި މުދަލާ ކަމެއް."

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ ވެސް ކޮރަޕްޝަނެވެ. މިހާރު އެންމެ ފާޅުގައި ހިންގާ ކޮރަޕްޝަނަކީ، ވެރިކަން ކުރާ ޕީޕީއެމްގެ ޖަލްސާތަކަށް ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ގެންދިއުމަށް ކުރާ ކަންތަކެވެ. އަދި ޕީޕީއެމަށް މީހުން ވެއްދުމަށް ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުން ކުރާ މަސައްކަތް ވެސް، ރޯމާ ދުވާލު ހިންގާ ކޮރަޕްޝަންގެ ގޮތުގައި އެއް ބަޔަކު މާނަ ކުރެ އެވެ.

"އަޅުގަނޑު ވެސް މިދިޔަ ހަފުތާގައި އޮފީހުގައި އުޅެނިކޮށް އެއް ދުވަހަކު މޭޒުމަތީގައި ބާއްވާފައި މި އޮތީ ޕީޕީއެމަށް ވަންނަން އެދޭ ފޯމް. މަޖުބޫރެއް ނުކުރޭ ސޮއިކުރާކަށް. އެކަމު ސޮއި ނުކުރި މީހުންނަށް ދެން ކުރިމަތިވި ކަންތައް އަޅުގަނޑަށް އެނގޭ. ދެން ބުނީ މިވެނި ގަޑިއަކަށް ތި ފޯމް ފުރައިގެން ގެންދަން ޖެހެޔޭ. ދެން ކިހިނެއް ވާނީ؟" ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ކިޔައިދިނެވެ.

ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ސިޔާސީ ނިޒާމު ރޭވިފައި އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އަނެއް ދެ ބާރު ޒިންމާދާރު ކުރުވަން އޮތް ބާރެވެ. މަޖިލީހުގައި ދައްކާ ވާހަކައަކާ ގުޅިގެން ސަރުކާރުގެ އޮފީހަކަށް މެމްބަރަކު ހާޒިރުކޮށް ސުވާލެއް ކޮށް ތަހުގީގެއް ނުހިންގޭނެ އެވެ. މެމްބަރަކު މަޖިލީހުގައި ދެއްކި ވާހަކައަކާ ގުޅިގެން ކޯޓެއްގައި އޭނާގެ މައްޗަށް ޝަރީއަތެއް ވެސް ނުހިންގޭނެ އެވެ.

މިއާ ޚިލާފަށް ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތް ބަލައި ފާރަވެރިވުމަކީ މަޖިލީހުގެ ޒިންމާއެކެވެ. ދައުލަތުގެ އެންމެ އިސް ވެރިން ވެސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތްތަކެއް ހުރެ އެވެ. މިނިވަން މުއައްސަސާތައް މަޖިލީހަށް ޖަވާބުދާރީ ވާން ޖެހެ އެވެ. ފަނޑިޔާރުން މަގާމުން ވަކިކުރުމާއި ނުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެންމެ މަތީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ މަޖިލީހުގެ ރުހުމާ އެކު އައްޔަން ކުރެވޭ ބައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހަކީ މިހާ ބާރުގަދަ ތަނަކަށް ވާއިރު ވެސް، އާންމު ރައްޔިތުން މަޖިލީހަށް އިތުބާރުކުރޭ ހެއްޔެވެ؟

"ކޮން އިތުބާރެއް ކުރެވޭނީ؟ ގާނޫނުތައް ހަދައި އިސްލާހުތައް އެ ގެންނަނީ އެންމެ 24 ގަޑިއިރުގެ ތެރޭގައި. އޮޑިޓާ ޖެނެރަލް ވަކިކުރި ގޮތް، ކުރީގެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ވަކިކުރި ގޮތް، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ވަކިކުރި ގޮތް، ބިން ވިއްކުމުގެ އިސްލާހު ފާސްކުރި ގޮތް، ކުރީގެ ނައިބު ރައީސް އަދީބު ވަކިކުރި ގޮތް، މިއީ މަޖިލީހުގެ ތެރޭގައި ހިންގި ހަޑިމުޑުދާރު އަމަލުތައް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބޭނުންވާހާ ކަމެއް ކުރަން އޮތް ތަނެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެއްވެސް ވަރަކަށް މިނިވަންކަމާ އެކު މަސައްކަތް ނުކުރާ ކަމަށާއި، މަޖިލިސް މިހާރު ފެންނަނީ ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗެއްގައި ތައްގަނޑު ޖަހައިދޭ ތަނެއްގެ ގޮތުގައި ކަމަށް އެ ވަކީލު ވިދާޅުވި އެވެ.

މަޖިލީހުގެ ކަންތައް ނިންމުމުގައި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ އެއްވެސް ދައުރެއް މިހާރު ނޯންނަ ކަމަށް މަޖިލީހުގެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތައް، މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުމުގައި މަޖިލިސް އޮތީ ނުކުޅެދިފަ އެވެ. އެކަން އެހެން ވަނީ، ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ ވެރިން ކޮމިޓީތަކަށް ހާޒިރުކުރަން، ވެރިކަންކުރާ ޕާޓީގެ މެމްބަރުން ދެކޮޅު ހައްދަވާތީ އެވެ.

އޭގެ އިތުރުން ސަރުކާރަށް ތާއީދު ނުކުރާ މެމްބަރުންގެ ބަސް މަޖިލީހުގައި ނުވިކުމަކީ ވެސް މަޖިލީހަށް އިތުބާރު ނުކުރެވޭ އެއް ސަބަބެވެ. ކޮމިޓީތަކުގައި ވެސް އިދިކޮޅު މެމްބަރަކު ބިލަކަށް ކިތަންމެ ރަނގަޅު އިސްލާހެއް ހުށަހެޅިޔަސް، އެ އިސްލާހެއް ބަލައިނުގަތުމަކީ ވެސް މަޖިލީހުގައި މިހާރު ހަރުލާފައި އޮތް އާދައެކެވެ. ހަމަ އެފަދައިން ސަރުކާރުން ބޭނުންވާ ގޮތަކަށް މެމްބަރަކު އެއްޗެއް ހުށަހަޅާއިރު، އެއީ އާންމު މަސްލަހަތަށް ނުވަތަ އާންމު ރައްޔިތުންނަށް ކިތަންމެ ގެއްލުން ބޮޑު ހުށަހެޅުމަކަށް ވިޔަސް، ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން އެ ހުށަހެޅުމެއް ފާސްކޮށްލަ އެވެ.

އެހެން ގާނޫނީ ވަކީލަކު ސިފަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެމެދު "ޑީލް" ހަދާ މަރުކަޒެކެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި ކަންތައް މަޖިލީހުން ފާސްކޮށްދެނީ، އިދިކޮޅު ފަރާތްތަކުން ޑީލް ހަދައިގެންނެވެ. މަޖިލީހުގެ ޖަލްސާތައް ޓީވީން ވަގުތުން ދުރަށް ދައްކާ އިރު، ސަރުކާރަށް ކިތަންމެ ވަރަކަށް ފާޑު ވިދާޅުވިޔަސް، އަޑިއަޑިން އޮންނަނީ ސަރުކާރާ އެކު ޑީލްތަކެއް ހަދާފައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އޭގެ އެންމެ ދިރި ހުރި މިސާލަކީ، ރައީސް ނަޝީދުގެ ޖަލު ހުކުމް ގެއަށް ބަދަލުކުރުމުގެ ބަދަލެއްގެ ގޮތުން، ގާނޫނުއަސާސީ އަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއީދު ލިބުމާއި، ކުރީގެ ނައިބު ރައީސުން ކަމަށްވާ ޑރ. ޖަމީލާއި އަހްމަދު އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނެގި ވޯޓުގައި ސަރުކާރާ އެއް ކޮޅަށް ވޯޓު ދިނުމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ. ޝަރުއީ ދާއިރާއާ މެދު އިތުބާރު އުފެއްދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ. ޝަރުއީ ދާއިރާއާ މެދު އިތުބާރު އުފެއްދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި.

ޝަރުއީ ދާއިރާ އޮތީ ކޮން ހާލެއްގައި؟

ދައުލަތުގެ ތިން ބާރުގެ ތެރެއިން އާންމު ރައްޔިތުންގެ މަސްލަހަތާ އެންމެ ގުޅުން ބޮޑު ބާރަކީ ޝަރުއީ ދާއިރާ އެވެ. ދައުލަތުގެ އަނެއް ދެ ބާރުން ކުރާ ކަމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ، އެ ކަމަކަށް ހައްލު ހޯދުމަށްޓަކައި ޓަކި ޖަހަން ޖެހެނީ ޝަރުއީ ދާއިރާގަ އެވެ. އާންމު ރައްޔިތުންގެ ދޭދޭ ފަރުދުންގެ މެދުގައި ދެބަސްވުމެއް އުފެދިއްޖެ ނަމަ، އެކަމެއް ހައްލު ކުރަން ވެސް ދާން އޮތީ ހަމަ ޝަރުއީ ދާއިރާ އަށެވެ.

ކޯޓުތަކުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ވުމަކީ، ކޯޓުތަކުގެ ކޮންމެ ނިންމުމަކަށް ފާޑު ކިޔުން މަނާވުމެއް ނޫނެވެ. އަދި ކޯޓުން ނިންމާ ކޮންމެ ނިންމުމެއް ގަބޫލު ކުރަން މަޖުބޫރުވުމެއް ވެސް ނޫނެވެ. ދަށު ކޯޓުތަކުގެ ނިންމުންތައް ހައި ކޯޓުގައި އަދި ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފުރުސަތު ދީފައި އޮންނަނީ، ކޮންމެ ހުކުމެއް ގަބޫލުކުރުން ލާޒިމް ނުވާތީ އެވެ.

ސުޕްރީމް ކޯޓަށް ފަހު، ޝަރުއީ ދާއިރާގެ މަގު ބަންދުވުމުގެ މާނައަކީ، އެ ކޯޓުގެ ހުރިހާ ނިންމުންތަކާ މެދު ރުހި ގަބޫލުވުމެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ އެހެން އިދާރާއެއް ހުރި ނަމަ، އެ އިދާރާއަކަށް ވެސް ހުށަހަޅާނެ އެވެ. އެ ފުރުސަތު ނެތުމުން، ދެން ކުރިމަތިވާ ކަންކަމާ މެދު ކިޔާނީ ފާޑެވެ. މިހާރު މި ދިމާވަނީ އެ ގޮތެވެ.

އެންމެ ފަހުން ކުރިމަތިވި ކަމަކީ ސިވިލް ކޯޓުގެ ގާޒީއެއް ކަމަށްވާ މަރިޔަމް ވަހީދު ކުރި ހުކުމަކާ ގުޅިގެން އޭނާގެ ކިބައިން ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތު (ލެޖިޓިމަސީ) އާއި އަހުލިއްޔަތު (ކެޕޭސިޓީ) އާއި ވިލާޔަތު (މެންޑޭޓް) ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމެވެ. އެ ތިނެތި އެކުގައި ކަނޑައިލުމުގެ ނަތީޖާއަކަށް ވަނީ، ފަނޑިޔާރުގެ މަގާމުން އޭނާ ވަކިވުން ކަމަށް ވާތީ، ގިނަ ބަޔަކު ދަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސިފަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުން ދަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލަމުންނެވެ.

"ސުޕްރީމް ކޯޓުން ގާނޫނުއަސާސީ އޮޅާލައި ޖެހީ. ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތްތައް އޮޅާލައި ޖެހީ. ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ މަޖިލީހުގެ މަސައްކަތެއް. ފަނޑިޔާރަކު ކުރާ ކަމަކާ ގުޅިގެން ފިޔަވަޅު އަޅާނީ ޖޭއެސްސީން،" އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރުން މަގާމުން ވަކިކުރާނީ މަޖިލީހުން. ސުޕްރީމް ކޯޓުން އެ ފަނޑިޔާރު އެ ވަނީ މަގާމުން ވަކިކޮށްފައި. ވިލާޔަތާ ދެން ހުރި އެއްޗަކާ ކަނޑާލީމާ އެއީ މަގާމުން ވަކިކުރުން."

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިދިޔަ ހަފުތާގައި މަޖިލީހުގައި ވިދާޅުވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމަކީ ހަމައެކަނި މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް އިރު، ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށެވެ.

އިންތި ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގެ ތެރެއިން ހިނގާ މިފަދަ ކިތަންމެ ކަމެއްގެ ސަބަބުން، އެ ދާއިރާއާ މެދު ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

"ޖުޑިޝަރީގެ ގަދަކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުން. އެކަމެއް މި ރާއްޖޭގެ ޖުޑިޝަރީއަކަށް ނުވި،" އިންތި ވިދާޅުވި އެވެ.

ދައުލަތުގެ ތިން ބާރާ މެދު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އަބަދުމެ އޮންނަންވާނެ އެވެ. އެ ވަގުތަކު މަގާމުތަކާއި ނުފޫޒުތަކުގައި ތިބޭ ބަޔަކު، ހަމައެކަނި އެމީހުންގެ މަސްލަހަތަށް މަސައްކަތް ކުރާ ނަމަ، އެ ފަނާ ކޮށްލެވެނީ މުޅި ގައުމުގެ ހަމަތަކާއި އުސޫލުތަކެވެ. މާދަމާ ވެސް އެ މީހުން މަގާމުތައް ދޫކޮށްފައި ދިޔަސް، މި ކަންތައްތަކާ ކުރިމަތިލާން އާންމު ރައްޔިތުން ތިބޭނެ އެވެ.