Roadha Mihaaru
ޔޫތު މުބާރާތް ހެނދުނާއި ހަވީރަށް، ފެށުން އާދިއްތައަށް

ލައިޓްތަކުގެ މަރާމާތު ނުނިމޭތީ ޔޫތު މުބާރާތް ހެނދުނާއި ހަވީރަށް، އާދިއްތަ ދުވަހު ފަށަނީ

06 ޖޫން 2024

ހެނދުނާއި ހަވީރު މެޗުތައް ކުޅޭގޮތަށް ހަމަޖައްސައި، އަންނަ އާދިއްތަ ދުވަހު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފަށަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.

ހެނދުނާއި ހަވީރު މެޗުތައް ކުޅޭގޮތަށް ހަމަޖައްސައި، އަންނަ އާދިއްތަ ދުވަހު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފަށަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބާއްވަން އެފްއޭއެމުން ތާވަލް ކުރި މި މުބާރާތް މި މަހުގެ އެއްވަނަ ދުވަހު ކުޅޭ ގޮތަށް ވެސް ތާވަލް ކުރެވުނެވެ.

އެނގިފައިވާ ގޮތުން މުބާރާތް ފަސްކުރަން ޖެހުނީ ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުވަންދެނެވެ. ސްޕޯޓްސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކާ ހަވާލު ކޮށްފަ އެވެ.

މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރި މި މަސައްކަތް ސިވެކާ ހަވާލު ކުރީ 3.9 މިލިއަން ރުފިޔާގެ އަގަކަށެވެ. ނަމަވެސް މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ސްޕޯޓްސް މިނިސްޓްރީން ހާމަކުރި ގޮތުގައި ލައިޓްތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ލިބިފައިވާ ގެއްލުންތައް ބަލައި ދެނެގަތުމަށް ފަހު އެވެ.

ލައިޓްތައް މަރާމާތު ކުރުމުގެ މަސައްކަތް މި މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ވެސް ސްޕޯޓްސް މިނިސްޓްރީން ހާމަ ކުރި އެވެ. ނަމަވެސް ހޯމަ ދުވަހު މުބާރާތުގެ ގުރު ނަގައި އެފްއޭއެމުން މުބާރާތުގެ ޝެޑިއުލް ނެރުނީ ހެނދު ކުޅޭ މެޗުތައް 8 ޖަހާއިރު އަދި ހަވީރު ކުޅޭ މެޗުތައް 4 ޖަހާއިރު ފަށާގޮތަށް ނިންމައިގެންނެވެ.

މިއަހަރުގެ 19 އަހަރުން ދަށުގެ މުބާރާތުގައި، ފުރަތަމަ ޑިވިޝަންގައި ހިމެނޭ 10 ކްލަބްގެ ތެރެއިން ކްލަބް ވެލެންސިއާ އާއި އަލަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބް ފިޔަވައި، ބާކީ އަށް ކްލަބުން ބައިވެރިވެ އެވެ.

ވެލެންސިއާ އަށް ބައިވެރި ނުވެވެނީ އިދާރީ މައްސަލައެއް ކަމަށް ބުނެ އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކޮށްފައި އޮތުމުންނެވެ. އެފްއޭއެމުން އޮތީ ޓާފް ދަނޑުތަކުގައި ވެލެންސިއާގެ ޔޫތު ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިޔުން ވެސް މަނާ ކޮށްފަ އެވެ.

ޔޫތު މުބާރާތް ކުރިއަށް ދާނީ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކުރިއަށް އޮތް އަލްހާ އީދުގެ ކުރިން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުވަ ދުވަހުގެ ދިގު ބްރޭކަކަށް ފަހު ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެން ތާވަލް ކޮށްފައި އޮތީ މިމަހުގެ 23 އަދި 24 ވަނަ ދުވަހަށެވެ.

ގުރޫޕް އޭ: ޓީސީ ސްޕޯޓްސް، އޮޑި ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް

ގުރޫޕް ބީ: މާޒިޔާ ސްޕޯޓްސް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ

ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމު ސެމީ ފައިނަލަށް ހޮވާއިރު، ސެމީގެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ދުވާލުގެ ވަގުތުގަ އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު އެވެ.