Roadha Mihaaru
ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ޔޫވީ އާއި އީގަލްސް އަށް

ޔޫތު ޗެމްޕިއަންޝިޕް: ސެމީގެ ފަހު ދެ ޖާގަ ޔޫވީ އާއި އީގަލްސް އަށް

10 ޖޫން 2022

މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ގުރޫޕް އޭގެ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ގުރޫޕް ބީގެ ކްލަބް އީގަލްސް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ގުރޫޕް އޭގެ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ގުރޫޕް ބީގެ ކްލަބް އީގަލްސް ހޯދައިފި އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ހަތް ޓީމެއްގެ ޒުވާން ޓީމުތަކާ އެކު މިމަހުގެ ދެވަނަ ދުވަހު ފެށި މުބާރާތް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް އިއްޔެ ނިމިފައި ވާއިރު، ސެމީ ފައިނަލްގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

ގުރޫޕް އޭގައި ޔޫވީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް ހިމެނެ އެވެ. އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް އަދި ކްލަބް ވެލެންސިއާ ހިމެނެނީ ގުރޫޕް ބީގަ އެވެ. ޓީސީ ސްޕޯޓްސް ކުލަބާއި ވެލެންސިއާ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ސެމީން ޖާގަ ކަށަވަރު ކޮށްފަ އެވެ.

އީގަލްސް ސެމީ ފައިނަލުން ޖާގަ ހޯދީ 4-3 އިން ދަ ގްރާންޑޭ ބަލިކޮށް، ތިން ޓީމު ވާދަކުރާ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގުރޫޕްގެ އެއްވަނަ މަގާމް ހޯދީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ކްލަބް ވެލެންސިއާ އެވެ.

އިއްޔެ ހަވީރު ދަ ގްރާންޑޭ ކޮޅަށް އީގަލްސްގެ އަހުމަދު އަފްލާޒް ވަނީ ހެޓްރިކް ވެސް ހަދައިފަ އެވެ. އަފްލާޒްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖެހީ، އީގަލްސްގެ އަޝްހަމް އިބްރާހިމް މުހައްމަދު އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށެވެ.

އީގަލްސް އަށް ހެޓްރިކް ހަދައިދިން އަފްލާޒް ބޯޅައާ އެކު.-- ފޮޓޯ: އެފްއޭއެމް

އީގަލްސް އަށް ހެޓްރިކް ހަދައިދިން އަފްލާޒް ބޯޅައާ އެކު.-- ފޮޓޯ: އެފްއޭއެމް

މި ހާފް ނިމެނިކޮށް ދަ ގްރާންޑޭގެ މުހައްމަދު ނަހްޒާން އަހްމަދު އެޓީމަށް ފަރަގު ކުޑަ ކޮށްދިނެވެ. އަދި ނަހްޒާން ވަނީ ދެވަނަ ހާފުގައި ވެސް އިތުރު ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަފްލާޒް ވަނީ ފަހުން އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކާ އެކު އީގަލްސް ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ.

ދަ ގްރާންޑޭގެ ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި އީގަލްސްގެ ކީޕަރު އަބާން އިބްރާހިމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޔޫވީ ސެމީ ފައިނަލަށް ދަތުރުކުރީ ފަހު މެޗުގައި ގުރޫޕް އޭ އިން ސެމީގެ ޖާގަ ޔަގީން ކޮށްފައިވާ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކުރި މެޗް 6-0 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްގެންނެވެ.

ޔޫވީގެ މުހައްމަދު އުނެއިސް ބިން ނޫހް (ކ) އަތުން ބޯޅަ ހޯދަން ޓީސީ ސްޕޯޓްސްގެ މުހައްމަދު ޖޫލަން ޝަފީއު (ވ) މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

ޔޫވީގެ މުހައްމަދު އުނެއިސް ބިން ނޫހް (ކ) އަތުން ބޯޅަ ހޯދަން ޓީސީ ސްޕޯޓްސްގެ މުހައްމަދު ޖޫލަން ޝަފީއު (ވ) މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

ފުރަތަމަ މެޗުގައި ސަސްއާ ދެކޮޅަށް ކުޅެ އެއްވަރު ވި ނަމަވެސް ޔޫވީ ވަނީ ފަހު ދެ މެޗް ކާމިޔާބު ކޮށް ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފް ޔޫވީ ނިންމާލީ މުހައްމަދު ރަޒާންގެ ލަނޑުން ލީޑު ހޯދައިގެންނެވެ. ފަހު ހާފުގައި ޔޫވީން ވަނީ ފަސް ލަނޑު ޓީސީ ޖަހައިފަ އެވެ.

ރަޒާން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖަހައިފަ އެވެ. ޔޫވީ އަށް ދެން ލަނޑުތައް ޖަހައިދިނީ އަހުމަދު އަޒުލާން އަލީ އާއި އަހުމަދު އަލްތާފް އަޒީމް އަދި މުހައްމަދު އަރުޝަދު ސަލީމާއި މުހައްމަދު މާޔަން ނިޔާޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫވީ އަށް ދެ ލަނޑު ޖަހައިދިން ރަޒާން އެވެ.

މާޒިޔާ އަތުން ސަސް މޮޅުކޮށްދިން ލަނޑު ޖެހި ޝައްފާން (ވ).-- ފޮޓޯ: އެފްއޭއެމް

މާޒިޔާ އަތުން ސަސް މޮޅުކޮށްދިން ލަނޑު ޖެހި ޝައްފާން (ވ).-- ފޮޓޯ: އެފްއޭއެމް

ގުރޫޕް އޭގެ ތިންވަނައިގައި ނިންމީ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް 1-0 އިން ބަލިކުރި ސަސް އެވެ. މާޒިޔާ ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ބަލިވެފަ އެވެ. ސަސް އަކީ ގުރޫޕްގެ އެއްވަނަ ހޯދި ޔޫވީ އަތުން ޕޮއިންޓެއް ހޯދި ހަމައެކަނި ޓީމެވެ. ނަމަވެސް ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް އަތުން ހަނި ގޮތަަށް ބަލިވީ އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން މާޒިޔާއާ ދެކޮޅަށް ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު އެޓީމުގެ ޝައްފާން މުހައްމަދެވެ.

ސެމީ ފައިނަލް މެޗުތައް:

29 ޖޫން (16:00): ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) - ކްލަބް އީގަލްސް

29 ޖޫން (20:30): ކްލަބް ވެލެންސިއާ - ޓީސީ ސްޕޯޓްސް

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި ތިންވަނަ ދުވަހުގެ ރެއެވެ.

މިއީ 16 އަހަރުން ދަށުގެ އުމުރުފުރަ އަށް ހާއްސަ ކޮށްގެން އެފްއޭއެމުން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އަންނަ އޮކްޓޫބަރު މަހު ފަށާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންް އަށް ގައުމީ ޓީމު އެކުލަވާލައި ތައްޔާރީތައް ފެށުމެވެ. ރާއްޖެ ހިނެމޭ ކޮލިފައިން ގުރޫޕުގައި ހިމެނެނީ އިންޑިއާ އާއި މިޔަންމާ އަދި ކުވޭތުގެ އިތުރުން ގްރޫޕް ހޯސްޓުކުރާ ސައުދީ އަރަބިއްޔާ އެވެ.