Roadha Mihaaru
ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފި

31 މެއި 2024

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ބޭއްވި ކަސްބީ އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ އޮއްބައިލަން މަސައްކަތް ކުރެއްވި ކަމުގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ބޭއްވި ކަސްބީ އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ އޮއްބައިލަން މަސައްކަތް ކުރެއްވި ކަމުގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް ކޯއެން އަށް 130،000 ޑޮލަރު ލިބޭނެ މަގު ފަހިކޮށް، އެ ފައިސާ ސްޓޯމީ ޑެނިއަލްސް އަށް ދީފައިވާ ކަމަށް ދައުވާގައި ވެ އެވެ.

މި ފައިސާ އޭނާ އަށް ދީފައި ވަނީ ޓްރަމްޕް، ހިލަރީ ކްލިންޓަންއާ ވާދަކުރެއްވި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ކެމްޕޭނަށް ގެއްލުންވެދާނެތީ ކަމަށް ވެސް ބުނެފައި ވެ އެވެ.

އެކަމާ ގުޅިގެން ޓްރަމްޕްގެ މައްޗަށް އުފުލި ތަފާތު 34 ދައުވާއެއް ސާބިތުވާ ކަމަށް އެ މައްސަލަ އަޑުއެހި ނިއު ޔޯކް ސިޓީގެ ޖޫރީ އިން ވަނީ ކަނޑައަޅައިފަ އެވެ. ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވުމުން، ހުކުމް ކުރުން ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހަށެވެ.

މި މައްސަލައިގައި ކޮންމެ ދައުވާއަކަށް މަދުވެގެން ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑަސް، ޖަލުގައި ހުކުމް ތަންފީޒުކުރަން ޓްރަމްޕަށް ޖެހިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ކުށް ކަމުން، ޖަލު ހުކުމެއްގެ ބަދަލުގައި އެންމެ ފުރުސަތު ބޮޑީ ޕްރޮބަޝޭންގެ އަދަބެއް އައުމެވެ.

މިއީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

އެކަމަކު ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުނަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކަށް ހުރަހެއް ނެތެވެ.

ޓްރަމްޕްގެ ވަކީލު ވަނީ މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާ އެކު، ޓްރަމްޕް ވަނީ މި ޝަރީއަތަކީ ސިޔާސީ ބޮޑު ސަކަރާތްގަނޑެއްގެ ގޮތުގައި ކުރައްވާ ތުހުމަތު ތަކުރާރުކުރައްވައިފަ އެވެ.

އަދި މި ކަމުގެ ހަގީގީ "ހުކުމް" ކުރާނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން ކަމަށް ވިދާޅުވެފަ އެވެ.