Roadha Mihaaru
ޓްރަމްޕްގެ ޝަރީއަތަށް ސްޓޯމީ ޑެނިއަލްސްގެ ހެކި ބަސް ނަގައިފި

ޓްރަމްޕްގެ ޝަރީއަތަށް ސްޓޯމީ ޑެނިއަލްސްގެ ހެކި ބަސް ނަގައިފި

08 މެއި 2024

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރީއަތަށް ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސްގެ ހެކި ބަސް ނަގައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރީއަތަށް ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސްގެ ހެކި ބަސް ނަގައިފި އެވެ.

ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ޖިންސީ ނަހަމަ ގުޅުމުގެ ވާހަކަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އޮއްބާލައި އެ ވާހަކަ ނުދެއްކުމަށް ޓްރަމްޕް ޝަރުތުކޮށް، ފައިސާ ދީ، އެކަން ސިއްރު ކުރުމަށް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ދައުވާގައި ވެ އެވެ.

އިއްޔެގެ ޝަރީއަތުގައި ދައުލަތުގެ ހެއްކެއްގެ ގޮތުން، ސްޓޯމީ ޑެނިއަލްސް ވަނީ ޓްރަމްޕާ އެކު ބޭއްވި ޖިންސީ ނަހަމަ ގުޅުންތަކުގެ ވާހަކަތައް ވަރަށް ތަފުސީލުކޮށް ޝަރީއަތަށް ކިޔައިދީފަ އެވެ.

ސްޓޯމީ ހެކިބަސް ދެމުންދިޔަ އިރު، ޓްރަމްޕް ވަރަށް ގިނަ ފަހަރު އިސްތަށިފުޅު ހޫރާލައްވައި، ވައި އަޑުން ހުތުރު ބަސްތައް ބޭނުން ކުރެއްވި ކަން، އެ މައްސަލަ ބައްލަވާ ފަނޑިޔާރު ވަން މާޗަން ވަނީ ދިފާއީ ވަކީލުންގެ ސަމާލުކަމަށް ގެންނަވައި، އެ ކަން ތަކުރާރު ނުކުރެއްވުމަށް އަންގަވައިފަ އެވެ.

ސްޓޯމީ ޑެނިއަލްސްގެ ހެކި ބަސް ނެގުމުގެ ކުރިން، އޭނާގެ ހެކި ބަހުން ޝަރީއަތަށް ނާޖާއިޒު ނުފޫޒު ފޯރާނެ ކަމަށް ބުނެ، ޓްރަމްޕަށް ކުރާ ދައުވާތައް ބާތިލު ކުރުމަށް ދިފާއީ ވަކީލުން އެދުނެވެ. އެކަމަކު ފަނޑިޔާރު ވަނީ ދައުވާތައް ބާތިލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ނިންމަވައިފަ އެވެ.

ފަނޑިޔާރު މާޗަން މީގެ ކުރިން ވަނީ، ދައުލަތުގެ ހެކިންނަށް ނުފޫޒު ފޯރުވަން އާންމު ތަންތަނުގައި ހެކިންނާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދެއްކުމުގެ އަމުރެއް ޓްރަމްޕްގެ މައްޗަށް ނެރެފަ އެވެ.

އިއްޔެގެ އަޑު އެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، އެ ޝަރީއަތަކީ އޭނާ ބަދުނާމު ކުރަން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރިޔާސީ ކެމްޕޭނަށް ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް މައިކަލް ކޯހެން އަށް 130،000 ޑޮލަރު ލިބޭނެ މަގު ފަހިކޮށް، އެ ފައިސާ ޑެނިއަލްސް އަށް ދީފައިވާ ކަމަށް ދައުވާގައި ވެ އެވެ.

މި ފައިސާ އޭނާ އަށް ދީފައި ވަނީ ޓްރަމްޕް، ހިލަރީ ކްލިންޓަންއާ ވާދަކުރެއްވި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ވެސް ބުނެފައި ވެ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް، ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. -- އޭއެފްޕީ