Roadha Mihaaru
5،000ރުފިޔާ ދަރިން ބޭނުންކުރާ ކަމުގެ ކަންބޮޑުވުން!

ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާ ދަރިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ކަންބޮޑުވުން!

30 މެއި 2024

އުމުރުން ދުވަސްވީ މައިންބަފައިންގެ އިނާޔަތް، ބައެއް އާއިލާތަކުގައި، ދަރިން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައިގައި ފެލިމީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އުމުރުން ދުވަސްވީ މައިންބަފައިންގެ އިނާޔަތް، ބައެއް އާއިލާތަކުގައި، ދަރިން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައިގައި ފެލިމީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕެންޝަން ގާނޫނުގެ ދަށުން އުމުރުން 65 އަހަރުވުމުން ކޮންމެ މީހަކަށް ދައުލަތުން 5،000ރ.ގެ އެލަވެންސެއް ދެ އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ނައީމް ވިދާޅުވީ ދަރިންގެ ފަރާތުން މައިންބަފައިންނަށް މާލީ ގޮތުން އަނިޔާތައް ދެމުންދާ މައްސަލަތައް އިތުރު ވެފައިވާ ކަމަށެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ދޭ އެލަވަންސްގައި ބައެއް ފަހަރަށް ދަރިން ޖެހި، މައިންބަފައިންނަށް އޭގެއިން ފައިދާ ނުކުރުން ކަމަށް ވިދާޅުވި އެވެ.

"މާލީ ގޮތުން ހާއްސަކޮށް ބެލެނިވެރިންނަށް ކުދިންގެ ފަރާތުން މާލީ ގޮތުން، ބޮޑެތި ދަރިންގެ ފަރާތުން ދަނީ އެކި ކަހަލަ އަނިޔާތައް ކުރަމުން. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އެލަވަންސް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އެ ހިފެހެއްޓުންފަދަ ކަންކަން ފާހަގަ ވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"[މާލީ ގޮތުން] އަނިޔާ ކުރާ މީހުންނަށް ބަލާއިރު އެކަމުގައި ބައިވެރިވާ ގިނަ މީހުންނަކީ ޑްރަގް ބޭނުންކުރާ މީހުންކަން ހުރީ ފާހަގަވެފައި. އަދި އޭގެ އިތުރުން ނަފްސާނީ ބަލި ހުންނަ މީހުން ވެސް އެކަމުގައި ހިމެނޭކަން ވަނީ ފާހަގަ ވެފައި."

އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ނައީމު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ނައީމު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތަކުގައި އެ މިނިސްޓްރީން އެކަންކަން ބަލައި ހައްލުކުރަން ކުރެވެން ހުރި މަސައްކަތެއް ކުރާނެ އެވެ.

އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސާ ހެދި އާއިލާތަކުގެ މެދުގައި މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ގޮސްފައި ހުރި ކަމުގެ މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވި އެވެ.

ދުވަސްވީ މީހުންނަށް ލިބޭ ފައިސާ، އެ މީހުންގެ ދަރިން ނޫނީ އެ މީހުން ބަލާ މީހުންގެ ބޭނުންތަކަށް އެއްކޮށް ބޭނުންކުރަމާއި ކޭޝް ކާޑު އަތުލައިގެން މައިންބަފައިންނަށް ނޭނގި ފައިސާކޮޅު އެކީ ހުސްކޮށްލާ މައްސަލަ ވެސް އޭރު ފެންމަތިވި އެވެ. ބައެއް މައްސަލަތައް ފުލުހުން ތަހުގީގު ވެސް ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އެ މައްސަލަތައް ބަލާފައިވެ އެވެ.