Roadha Mihaaru
މަންމައާ ދަރިން ހަވާލުކުރަން ދެކޮޅުހަދައި ހަމަނުޖެހުމެއް

ނަރުދޫގައި މަންމައާ ދަރިން ހަވާލުކުރަން ދެކޮޅު ހަދައި ހަމަނުޖެހުމެއް ހިނގައިފި

25 މެއި 2024

ށ. ނަރުދޫގައި ބައްޕައަކު، އޭނާގެ ދެ އަންހެން ދަރިން މަންމައާ ހަވާލުކުރުމަށް ކޯޓުން ހުކުމް ކުރުމުން ވެސް އެކަމާ ދެކޮޅު ހަދައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ށ. ނަރުދޫގައި ބައްޕައަކު، އޭނާގެ ދެ އަންހެން ދަރިން މަންމައާ ހަވާލުކުރުމަށް ކޯޓުން ހުކުމް ކުރުމުން ވެސް އެކަމާ ދެކޮޅު ހަދައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.

އެ ރަށުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ކުދިންގެ މަންމައަކީ ކ. ދިއްފުށީ މީހެކެވެ. އެ މީހުން ކައިވެނިކޮށްގެން ނަރުދޫގައި އުޅެމުން އައި ނަމަވެސް މީގެ ދެ އަހަރެއްހާ ދުވަސްކުރިން ޗުއްޓީއަކަށް ދިޔަ ގޮތަށް އަންހެން މީހާ ވަނީ އަނބުރާ ނަރުދޫއަށް ދިއުމަށް ދެކޮޅު ހަދާފައި ކަމަށްވެ އެވެ.

އޭގެ ފަހުން ދަރިންނާ އެކު އޭނާ ދިއްފުށީގައި އުޅެމުންދަނިކޮށް، މީގެ އަހަރެއްހާ ދުވަސްކުރިން ގާތްގަނޑަކަށް ހަތަރު އަހަރާއި އަށް އަހަރުގެ އެ ދެ ކުދިން ބައްޕައާ ހަވާލުކުރީ ޖެންޑާގެ މަސައްކަތުން ކަމަށްވެ އެވެ.

ކުދިންނާ އެކު ނަރުދޫގައި އުޅެމުންދަނިކޮށް، ކޯޓުން އަލުން ހުކުމް ކުރީ ދެ ކުދިން މަންމައާ ހަވާލުކުރަން ކަމަށް އެ މީހާ ބުންޏެވެ. އެކަމަކު އެގޮތަށް ކޯޓުން ނިންމި ސަބަބެއް ސާފެއް ނޫނެވެ.

ކޯޓުގެ ހުކުމާ ދެކޮޅު ހަދައި ދަރިން ހަވާލުކުރުމަށް ފިރިހެން މީހާ ވަނީ ދެކޮޅު ހަދައިފަ އެވެ. ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އިއްޔެ ވެސް އެ ރަށަށް ފުލުހުން ގޮސް، ކޯޓު އަމުުރު ތަންފީޒުކުރުމަށް މަސައްކަތް ކުރި އެވެ. އެކަމަކު ދަރިން ހަވާލުނުކުރުމުން، މިއަދު ހަވީރު ފުލުހުން ގަދަކަމުން އެ އަމުރު ތަންފީޒުކުރުމަށް މަސައްކަތްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

"ޕޮލިހުން އިއްޔެ ވެސް އައިމަ ފެމިލީ އިން ހައިޖާނު ހަދާލީ. މިއަދު އަނެއްކާ ޕޮލިހުން އައީ [ކޯޓުން] ނިންމާފައި އޮތް ނިންމުމެއް ތަންފީޒުކުރަން. ވީޑިއޯ އިން ވެސް އެބަފެނޭ، މަންމަ ހިމާޔަތްކުރުމަށް އުޅޭ ތަން،" އެ މީހާ ބުންޏެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ނަރުދޫގެ ބަޔަކު، ކުއްޖާގެ މަންމަ ވަށާލައި ކުދިން ގެންދިއުމަށް ދެކޮޅު ހަދަމުންދިޔައިރު ފުލުހުން އޭނާ ހިމާޔަތްކުރެ އެވެ. އެ ހަމަނުޖެހުން ހިނގަމުންދިޔައިރު ކުދިން ރޯއަޑު ވެސް އިވެ އެވެ.

އެ މައްސަލާގައި ކައުންސިލުގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ، އެފަދަ ކަމެއް ރަށުގައި ހިނގާފައިވާ ކަމަށެވެ. އެކަމަކު ގާނޫނު ތަންފީޒުކުރުމަށް އިދާރާތަކުން މަސައްކަތްކުރާއިރު އެކަމުން ކުދިންނަށް އަސަރު ނުކުރާނެ ގޮތަކަށް އެކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީޑިއޯގައި ވެސް އެބަ އިވޭ ކުދިން ރޯ އަޑާ އެއްޗެހި. އެ ކުދިންނަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަން އެނގޭ. ގާނޫނު ތަންފީޒުކުރުމަށް ފުލުހުން މަސައްކަތް ކުރިޔަސް، ޖެންޑާ މަސައްކަތް ކުރިޔަސް ކުދިންނަށް އަސަރުނުކުރާނެ ގޮތަކަށް އެކަން ކުރަން ވާނީ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް އަޅުގަނޑުމެންގެ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ކުދިން އަލުން މަންމައާ ހަވާލުކުރީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އެ މީހުންގެ މެދުގައި މައްސަލަ މިހާ ބޮޑަށް ގޯސްވި ސަބަބެއް ވެސް ނޭނގެ އެވެ.