Roadha Mihaaru
މަޖިލީހަށް ހޮވުނު އެންމެ ޒުވާން މެމްބަރު ޕީއެންސީއަށް

އާ މަޖިލީހަށް ހޮވުނު އެންމެ ޒުވާން މެމްބަރު ވެސް ޕީއެންސީއަށް

23 މެއި 2024

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު އަލްސަން އަހުމަދު ވެސް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއި ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު އަލްސަން އަހުމަދު ވެސް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއި ކުރައްވައިފި އެވެ.

މިފަހަރު މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެމްބަރު ކަމަށްވާ އުމުރުން 27 އަހަރުގެ އަލްސަން ޕީއެންސީއާ ގުޅިވަޑައިގަތީ މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ މެމްބަރު ކަމުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އަލްސަން ޕީއެންސީއަށް ސޮއި ކުރެއްވިއިރު އަމިއްލަ ގޮތުން ވާދަ ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އަށް މެމްބަރަކު ވަނީ ކުރިން ވެސް ޕީއެންސީއަށް ސޮއި ކުރައްވާފަ އެވެ. އެހެންކަމުން، އާ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީ މެމްބަރުންގެ އަދަދު މިހާރު ވަނީ 74 އަށް އަރައިފަ އެވެ.

ރައީސް ޑރ. މުއިއްޒު އަދި ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އަލްސަން، އޭނާގެ ސަޕޯޓަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޕީއެންސީ

ރައީސް ޑރ. މުއިއްޒު އަދި ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އަލްސަން، އޭނާގެ ސަޕޯޓަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޕީއެންސީ

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގަ އެވެ. އެހެންވެ ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު މިހާރު 79 އަށް އަރަ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް މެންބަރަކު ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އަމަލު ކުރަންވީ ގޮތެއް އެ ގާނޫނުގައި ނެތެވެ.

އާ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތް މެމްބަރުން އަންނަ އަންގާރަ ދުވަހު މަގާމުގެ ހުވާ ކުރައްވާނެ އެވެ.