Roadha Mihaaru
ރަސްމީ ފާލަން ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތު ކުރަނީ

މާލޭގެ ރަސްމީ ފާލަން ވަރަށް ބޮޑަށް ހަލާކުވުމުން، ބަންދުކޮށް މަރާމާތު ކުރަނީ

09 މެއި 2024

މާލޭގެ ރަސްމީ ފާލަން، އިއްޒުއްދީން ފާލަން ވަރަށް ބޮޑަށް ހަލާކުވުމުން، އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު ބަންދުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ރަސްމީ ފާލަން، އިއްޒުއްދީން ފާލަން ވަރަށް ބޮޑަށް ހަލާކުވުމުން، އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު ބަންދުކޮށްފި އެވެ.

އިއްޒުއްދީން ފާލަން މަރާމާތުކުރަނީ 2015 ވަނަ އަހަރު އެ ބިނާ ހެދި ސަރުކާރުގެ ކުންފުނި އެމްޓީސީސީންނެވެ. އެ ފާލަން މިހާރު ވެސް ބަލަހައްޓަނީ އެ ކުންފުނިންނެވެ.

އެ ފާލަން މަރާމާތުކުރުމަށްޓަކައި އެމްޓީސީސީން ވަނީ މީގެ ދެ ތިން ދުވަސްކުރިން އެ ސަރަހައްދުގެ ވަށައިގެން ފިލާ ޖަހައި ބަންދުކޮށްފަ އެވެ.

ރަސްމީ ފާލަން، އިއްޒުއްދީން ފާލަން މަރާމާތުކުރުމަށް އެ ސަރަހައްދު ފިލާ ޖަހައިގެން ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރަސްމީ ފާލަން، އިއްޒުއްދީން ފާލަން މަރާމާތުކުރުމަށް އެ ސަރަހައްދު ފިލާ ޖަހައިގެން ބަންދުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެ ފާލަމުގެ އެއް ބައި ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އެ ބަޔާއި ފާލަމުގެ އިތުރު ބައިތައް ވެސް މަރާމާތުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު މިހާރު ބަންދުކުރީ،" އޭނާ ވިދާޅުވި އެވެ.

މަރާމާތަށް ފަހު އަލުން ފާލަން ހުޅުވާނެ ދުވަހެއް އެމްޓީސީސީން އަދި ނުބުނެ އެވެ.

އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކޮށްފައިވެ އެވެ. އެންމެ ފަހުން އެ ފާލަން މަރާމާތުކުރީ 2017 ވަނަ އަހަރު އެވެ.

އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު ދުވަހު އެވެ. އެއީ ޖުލައި 26، 2015 ގަ އެވެ.