Roadha Mihaaru
ލޯބިވެރިޔާ ސަލާމަތްކުރަން ލޯންޗެއް ވަގަށް ނަގައި މާލެ

ލޯބިވެރިޔާ އަނިޔާއިން ސަލާމަތް ކުރަން ކަމަށް ބުނެ 14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެއަށް!

01 މެއި 2024

މ. އަތޮޅުގެ ރަށެއްގައި ދިރިއުޅޭ އުމުރުން 14 އަހަރުގެ ފިރިހެންކުއްޖަކު، މާލޭގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާ އަނިޔާ އިން ސަލާމަތް ކުރަން ކަމަށް ބުނެ، އެ ރަށުގެ ބަނދަރުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އަތުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މ. އަތޮޅުގެ ރަށެއްގައި ދިރިއުޅޭ އުމުރުން 14 އަހަރުގެ ފިރިހެންކުއްޖަކު، މާލޭގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާ އަނިޔާ އިން ސަލާމަތް ކުރަން ކަމަށް ބުނެ، އެ ރަށުގެ ބަނދަރުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އަތުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ސިނަމަން ހަކުރާ ރިސޯޓުގެ އެ ލޯންޗުގައި އެ ކުއްޖާ ދެ ގަޑިއެއްހާއިރުގެ ދަތުރެއް ކޮށްފައި މާލެ އައީ ރޭ ދަންވަރު އެވެ. ލޯންޗު ދުއްވީ އެ ކުއްޖާ އަމިއްލަ އަށެވެ.

އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ ގެއްލިގެން ރޭ އާއިލާ އިން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ. މިއަދު ހެނދުނު އެ ލޯންޗު ފަޅުގައި ނެތުމުން އެ އުޅަނދުގެ ފަޅުވެރިން ވެސް އެ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހާ ކިޔައިދިން ގޮތުގައި އެ ރަށުން ފުރައިގެން އެ ކުއްޖާ އައީ ހުޅުމާލެ އަށް ކަމަށް ފުލުހުންގެ ފަރާތުން މިހާރު ވަނީ އެނގިފަ އެވެ. ލޯންޗު ވެސް ވަނީ ފެނިފަ އެވެ.

"ކުއްޖާ ގެއްލިގެން އާއިލާ އިން ޕޮލިހަށް ރިޕޯޓު ކޮށްފައި ވަނީ. ކުއްޖާ މާލެ ދިޔަ ކަން މި އެނގުނީ ޕޮލިހުންގެ ފަރާތުން. އެ ކުއްޖާ ލޯންޗުގަ ހުޅުމާލެ އަށް ގޮސް ލޯންޗުން ފައިބައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެނީ،" އެ މީހާ ބުންޏެވެ.

"މި ރަށަކީ ވައްކަން ކުރުމާއި އެ ކަހަލަ ކަންކަން އެއްވެސް ވަރަކަށް އޮންނަ ރަށެއް ނޫން. މި ރަށުގެ މީހެއް އެ ލޯންޗު ދުއްވާނީ. އޭނާ ލޯންޗު ފަޅުގައި އަޅާފައި މި ދިޔައީ ތަޅުދަނޑި ޖަހާފައި ކަމަށް ވަނީ. އެއީ މި ރަށުގަ ވަރަށް އާންމު ކަމެއް."

ކުއްޖާ މާލެ އައީ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ކަމަށް ރަށުގެ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވީ ނަމަވެސް ކަންވީ އެހެން ނޫން ކަމަށް އޭނާ ބުންޏެވެ.

"އެ ކުއްޖާ މާލެ ދިއުމަށް ނިންމީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާގެ އާއިލާ ތެރެއިން އެބިއުސް ކުރުމުގެ މައްސަލަތަކެއް އުޅޭތީ ކަމަށް ބުނެ. މި ކުއްޖާ މި ދިޔައީ ސަލާމަތް ކުރަން ކަމަށް ވަނީ،" މައުލޫމާތު އެނގޭ މީހާ ކިޔައި ދިނެވެ.

އެ ފިރިހެން ކުއްޖާ އަދިވެސް ނުފެނެ އެވެ. އޭނާގެ ލޯބިވެރިޔާ ވެސް ގެއްލިގެން ހޯދަމުން އަންނަ ވެ އެވެ.

ކުއްޖާ އެ ރަށުން މާލެ އައީ ދަބަހަކަށް ހެދުން އަޅައިގެން ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އަޅާފައިވާއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ލޯންޗުގެ ފަޅުވެރިއަކު ކޮށްފައިވާ ޕޯސްޓެއްގައި ވެ އެވެ.

މި ކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.