22 ފެބުރުއަރީ 2017
ހޮސްޕިޓަލުގެ ވޯޑެއްގެ ތެރޭގައި ތިބި ބަލި މީހުންތަކެއް އެމީހުންގެ ގައިގައި އަޅާ ވޭނުން ހަޅޭއްލަވައި ރޮމުން ދިޔަ އެވެ. އެމީހުންގެ ގުނަވަންތައް ފޭލް ވަނީ އެވެ. އެމީހުންގެ ބޯ ވަނީ ދުޅަވެފަ އެވެ. ދިފާއީ ނިޒާމް ހުއްޓުމަކަށް އަންނާތީ މެދުކެނޑުމެއްނެތި ހޮޑުލެވެމުން ދިޔަ އެވެ. ސިފަވަނީ ބިރުވެރި ފިލްމެއްގެ މަންޒަރެކެވެ.
ހޮސްޕިޓަލުގެ ވޯޑެއްގެ ތެރޭގައި ތިބި ބަލި މީހުންތަކެއް އެމީހުންގެ ގައިގައި އަޅާ ވޭނުން ހަޅޭއްލަވައި ރޮމުން ދިޔަ އެވެ. އެމީހުންގެ ގުނަވަންތައް ފޭލް ވަނީ އެވެ. އެމީހުންގެ ބޯ ވަނީ ދުޅަވެފަ އެވެ. ދިފާއީ ނިޒާމް ހުއްޓުމަކަށް އަންނާތީ މެދުކެނޑުމެއްނެތި ހޮޑުލެވެމުން ދިޔަ އެވެ. ސިފަވަނީ ބިރުވެރި ފިލްމެއްގެ މަންޒަރެކެވެ.
މިއީ 10 އަހަރު ކުރިން ހަ މީހަކަށް އަޖުމަ ބަލަން ދިން ބޭހެއްގެ ސަބަބުން ދިމާވި ހާދިސާއެއްގެ ވާހަކަ އެވެ.
މި ޓްރަޔަލްގައި ބައިވެރިވިއިރު މި އެންމެން ވެސް ގަބޫލުކުރީ މިއީ އަވަހަށް، ފަސޭހަ ގޮތަކަށް ފައިސާކޮޅެއް ހޯދާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މެޑިކަލް ސައިންސަށް ވެސް ކޮންމެވެސް ކަމެއް ކޮށްދެވޭކަމުގެ އުފަލާއި ހިތްހަމަޖެހުން އެމީހުންނަށް އޮތެވެ.
ނަމަވެސް އިނގިރޭސި ވިލާތުގެ ނޯތު-ވެސްޓް ލަންޑަންގައި ހުންނަ ނޯތުވިކް ޕާކް ހޮސްޕިޓަލުގައި ހެދި ޓްރަޔަލް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވީ ގިނަ ބައެއްގެ މަލާމާތް ރައްދުވި މެޑިކަލް އިމަޖެންސީ އަކަށެވެ. މި ހާދިސާއަށް "އިލަފަންޓް މޭން" ޑްރަގް ޓްރައަލްއޭ ކިޔުނީ އެކަމުނެ ކުރިމަތިވި ހައިރާންކުރުވަނިވި ސައިޑް އިފެކްޓްސްތަކުގެ ސަބަބުން، ބޭސް ދިން މީހުންނަށް އިލަފަންޓް މޭން ބަލި ކަހަލަ ބައްޔެއް ޖެހުމުންނެވެ.
މި ހާދިސާގެ 10 އަހަރު ފަހުން ބީބީސީން ވަނީ މި އެންމެން ހޯދައި އެމީހުންގެ ހާލަތު ބަޔާންކޮށްދޭ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށްފަ އެވެ. މި ޒުވާން ފިރިހެނުންތައް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރާ ހަނގުރާމަކޮށްފަ އެވެ. އަދި މިހާރު ވެސް އޭގެ ގިނަ މީހުން އުޅެމުންދަނީ ވަރަށް ވޭނުގަ އެވެ.
މި ޓްރައަލްގައި ބައިވެރިވި ރަޔަން ވިލްސަން އަކީ އޭރު އުމުރުން އެންމެ 21 އަހަރުގެ ޒުވާނެކެވެ. ޓެސްޓްކުރަން އޭނާގެ ހަށިގަނޑަށް ދޫކުރި ބޭހުގެ ސަބަބުން ހޮސްޕިޓަލުގައި އޮވެ ހަތަރު މަސް ދުވަހު މަރާ ހަނގުރާމަކުރަން ޖެހުނެވެ. އޭނާގެ ބައެއް އިނގިލިތަކާއި ދެ ފައިތިލައިގެ ފުންނާބުގެ އެއްބައި ވަނީ ބުރިކޮށްލައިފަ އެވެ. ވިލްސަން އާއި އޭނާއާ އެކު މި ޓްރައަލްގައި ބައިވެރިވި އަނެއް ފަސް މީހުންނަކަށް ވެސް އެމީހުންގެ ހަށިގަނޑަށް ފޮނުވި ބޭހުގެ ސަބަބުން ލިބުނު ހަގީގީ ގެއްލުން އަދިއަދަށް ދާން ދެންވެސް ނޭނގެ އެވެ.
މި ޓްރައަލް އަށް ވޮލަންޓިއާ ކުރި އަށް މީހުން 2006ގެ މާޗް މަހުގެ ދުވަހެއްގައި ހޮސްޕިޓަލަށް ދިޔައިރަކު ދިރިއުޅުމަށް ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމުގެ ޚިޔާލެއް ވެސް ނެތެވެ. އެމީހުންނަށް ވިސްނިފައި އޮތީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏަކުން ކެންސަރަށް އުފެއްދި އާ ބޭހެއް ބާޒާރަށް ނެރުމުގެ ކުރިން އެމީހުންނަށް ދީގެން ޓެސްޓްކޮށްލަނީ ކަމަށެވެ.
މި ގްރޫޕްގައި ތިބި މީހުންނަކީ އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެމީހުންނަކީ ޓީޖީއެން1412 ކިޔާ ބޭހެއް ފުރަތަމަ ފަހަރަށް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓް ކުރުމަށް އިސްނެގި މީހުންނެވެ. މި ބޭސް އުފައްދާފައި ވަނީ ދިފާއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ކެންސަރުގެ ފަރުވާއަށް އިންގިލާބެއް ގެނައުމަށެވެ.
އަޖުމަ ބެލުމުގެ ގޮތުން ބޭނުންކުރި ބޭސް
މީގެ ކުރިން ރާމާމަކުނަށް މި ބޭސް ދީގެން ކުރި ޓެސްޓް ވަރަށް ކާމިޔާބެވެ. އެހެންކަމުން އިންސާނުންނަށް ވެސް ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތެވެ.
މި ގްރޫޕްގައި ތިބި އަށް މީހުން ދެ ގްރޫޕަކަށް ބަހާލި އެވެ. މި ދެ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން ވެސް އެކަކަށް ދެނީ ޕްލަސީބޯ އެވެ. އެއީ އަސްލު ބޭސް ކަމަށް ދެއްކިޔަސް އަސްލު ބޭހެއް ނޫނެވެ. އަދި މި ޓްރައަލްގެ ކަންކަމުގައި އުޅޭ ކްލިނީޝިއަނުންނަކަށް ވެސް ޕްލަސީބޯ ދީފައިވަނީ މިތަނުން ކޮން ދެމީހުންނަކަށް ކަމެއް ނޭނގޭނެ އެވެ.
ތަނުގެ މާހައުލު އޮތީ ވަރަށް އަރާމު ކޮށެވެ. ރޮބް އޯލްޑްފީލްޑް، 31، އަކީ ލޮސް އެންޖަލިސްގައި އެކްޓިން ކޯހެއް ފުރިހަމަކޮށްފައި އައި މީހެކެވެ. އޭނާ އެ ދުވަހުގެ ހަނދާން އާ ކުރަމުން ކިޔައިދިނެވެ.
"އަހަރެންގެ ރައްޓެއްސަކު ވެސް މިކަހަލަ ޓްރައަލްތަކުގައި ވަރަށް ބައިވެރިވާނެ. އޭނާ އަބަދުވެސް ބުނާނެ އަހަރެން ވެސް މިފަދަ ޓްރައަލްތަކުގައި ބައިވެރިވާން ޖެހޭނޭ. ކޮންމެ ވޮލަންޓިއާ އަކަށް އެމީހުން 2000 ޕައުންޑް ދޭ. އެހެންވެ އަހަރެން ބުނީ އެންމެ ރަނގަޅޭ. ސައިންސަށް އަހަރެންނަށް ވެސް ކޮންމެވެސް ވަރެއްގެ ހިއްސާއެއް ދެވޭތީ އަހަރެންގެ ޝައުގުވެރިކަން އެކަމަށް ދެވުނީ. އަހަރެން ގަބޫލުކުރީ އެއީ ސަރުކާރުން ވެސް ހުއްދަ ދީފައިވޭ ބޭހެކޭ ލެބޯޓްރީގައި ބޭނުންކުރާ. ކޮންކަމެއްހޭ ގޯސް ވާންވީ؟"
ރާސްތީ ޚާން އަކީ ވެސް މި ޓްރައަލްގައި ބައިވެރިވި 23 އަހަރުގެ ޒުވާނެކެވެ. އޭނާ ގްރެޖުއޭޓްވިތާ އޭރު މާގިނަ ދުވަހެއް ނުވެ އެވެ. ރާސްތީގެ ވިސްނުން ހުރީ އަދި މާ އާދައިގެ ގޮތަކަށެވެ.
"މެޑިކަލް ޓްރައަލްސް ތަކަކީ ވަރަށް އަވަހަށް މުއްސަނދި ވެވޭނެ ސްކީމެއް. އެކަމަކަށް ވިސްނާކަށް ވެސް ނުޖެހޭ،" އޭނާގެ ޚިޔާލު އެވަގުތު ހުރި ގޮތް ކިޔައިދިނެވެ.
މިކަމުގައި ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވެސް ވެދާނެކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންވެ އެ ކަންކަމަށް އެެއްބަސްވެ 11 ސަފުހާގެ ބޮޑު އެއްބަސްވުމެއްގައި ކޮންމެ މީހަކު ވެސް ސޮއިކުރަން ޖެހުނެވެ.
"އަހަރެމެން އެންމެންނަށް ވެސް އެނގޭ ކޮންމެވެސް ގެއްލުމެއް ވެދާނެކަން. ހީކުރީ ބޮޑު ވަރަކަށް ވެސް ވާނީ ކުޅަނދުރެއް ކަށިޖެހީމަ ވާކަހަލަ ގޮތެއް ކަމަށް،" ރާސްތީ ބުންޏެވެ.
އެންމެން ވޯޑުގެ އެނދުތަކުގައި އޮށޯތެވެ. ބޭސް ދެނީ އައިވީގެ ޒަރިއްޔާއިން ނާރަށް ފޮނުވައިގެންނެވެ. ރާވާފައި އޮތީ އެކަކަށް ބޭސް ދޭން ފަށާތާ 10 މިނިޓް ފަހުން އަނެކަކަށް ފަށާ ގޮތަކަށެވެ.
އެންމެ ފުރަތަމަ ބޭސް ދޭން ފެށީ ޕޭޝަންޓް 001 އަށެވެ. އެއީ ޑޭވިޑް އޯކްލޭ ކިޔާ މީހެކެވެ. އަލަށް އެންގޭޖްވެ ކައިވެނީގެ ހުވަފެން ދެކެމުންދާ ޒުވާނެކެވެ.
ނަމަވެސް ޑޭވިޑްގެ ގަޔަށް ބޭސް ދާން ފެށިތާ އިރުކޮޅެއްގެ ތެރޭގައި އޭނާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަން ފެށި އެވެ. އަދި އެ ރިހުން ގަދަވަމުން ގަދަވަމުން ދިޔަ އެވެ.
"އަހަރެން ނަރުސް ކައިރީ ބުނިން ބޮލުގައި ވަރަށް ގަދަޔަށް ރިއްސަނީއޭ. އޭނާ އަހަރެންގެ ނިތްކުރިމަތީގައި ފިނި ފޮތިގަނޑެއް ބާއްވައިދިން. ނަމަވެސް އެމީހުން ޓެސްޓްކުރަމުންދާ ބޭހަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ ތަދުކަނޑުވާ ބޭހެއް ނުދިން. އަހަރެންގެ ބޮލުގެ ރިހުން އިންތިހާއަށް ގަދަވެ އެންމެ ފަހުން ބުރަކަށީގަޔާ އެއްކޮށް ރިއްސަން ފެށި. އެއީ މައިގްރޭނަށް ވުރެ ވެސް ގަދަފަދަ ވޭނެއް. އިންނާނެ އޮންނާނެ ގޮތެއް ނޭނގިގެން ތެޅި ފޮޅެން ފެށުނު. އެއީ ގަދަފަދަ ވެނެއް،" ޑޭވިޑް ކިޔައިދިނެވެ.
ޑޭވިޑް ވޭނުގައި އުޅޭ މަންޒަރު ރާސްތޭ އަށް ފެނިފައި އޭނާ އޮތީ ވަރަށް ކަންބޮޑުވެފަ އެވެ. އިއްތިފާގުން އޭނާއަށް ދެވުނީ ޕްލެސީބޯ އެވެ. އަސްލު ބޭހެއް ނޫނެވެ. ނަމަވެސް ހަށީގަނޑުގެ ތެރެއަށް ބޭސް ވަންނަ ވަރަކަށް އޭނާއަށް ވެސް އެ ވޭން އިހްސާސްވާނެކަމަށް ހިތާ ރާސްތީ އޮތީ ބިރުން ފިތްކަނޑައިގެން ދާވަރު ވެފަ އެވެ. ނަމަވެސް އިރުގަނޑެއް ވީއިރުވެސް އޭނާއަކަށް އެއްވެސް ގޮތެއް ނުވި އެވެ. ދެން ހީކުރީ އޭނާއަށް ވޭން އަޅަން ފަށާނީ ތަންކޮޅެއް ލަހުން ކަމަށެވެ.
މިގޮތަށް ފަހަރަކު މީހަކަށް ބޭސް ދެމުން ގޮސް ހަތްވަނަ މީހާ ކަމަށްވާ ރޮބް ގަޔަށް ބޭސް ދޫކުރަން ފެށީ ފުރަތަމަ މީހާގެ ގަޔަށް ބޭސް ދޫކުރަން ފެށިތާ ބަރާބަރު އެއް ގަޑިއިރު ފަހުންނެވެ. އޭނާއަށް ކުރެވުނީ އަދި ތަފާތު ތަޖުރިބާއެކެވެ.
"ހީވީ ބޮޑު އައިސް އެއްޗެއްގެ ތެރެއަށް ހަށިގަނޑު ގަންބާލިހެން. އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެން ގޮސް ގަނޑުވި. އަހަރެން ތުރުތުރު އަޅަން ފެށި. އެއީ ހުއްޓުވޭވަރަށް ވުރެ ވަރުގަދަ ތުރުތުރެއް،" ރޮބް ބުންޏެވެ.
މި ޓްރައަލް ފަށައިގެން ހަތަރު ގަޑިއިރު ވީއިރު ބޭސް ދިން އެންމެން ގަދަފަދަ ވޭނުގައި ތެޅި ފޮޅެނީ އެވެ. ބޭސް ޓެސްޓްކުރާ ކްލިނިކަލް ޓީމުގައި ތިބި އެންމެން ވެސް ތިބީ ހާސްވެ ހަދާނެ ގޮތެއް ނޭނގިފަ އެވެ.
ރާސްތޭ ބުނި ގޮތުގައި އެތަނުގައި ތިބި އެންމެން އޭރު ތިބީ މޮޔަވާ ދަރަޖައިގަ އެވެ. އެއްބަޔަކު ހޮޑުލަނީ އެވެ. އަނެއްބަޔަކު ތަދުވާވަރުން ކެތް ނުވެގެން ރޮއި ހޭރެނީ އެވެ. އަނެއް ބަޔަކު އަނބުރައިގަނެގެން ވެއްޓެނީ އެވެ. އަދި ހިފެހެއްޓުމެއް ނެތި ބޭރަށް ހިންގާ މީހުން ވެސް ތިއްބެވެ.
ޑޭވިޑް ބުނި ގޮތުގައި ޑޮކްޓަރުންނަށް ވެސް ހަދާނެ ގޮތް ހުސްވެގެން އުޅުނުކަން އޭނާ މިހާރުވެސް ހަނދާން އެބަހުއްޓެވެ. އެމީހުން ހީކުރީ އެއީ ކުޑަ ވަގުތުކޮޅެއްގެ ކަމެއް ކަމަށެވެ. ގިނައިރުވާ ވަރަކަށް މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަކަށް އެމީހުން ޚިޔާލު ވެސް ކޮށްފައެއް ނެތެވެ.
ނަމަވެސް ގިނައިރުވީ ވަރަކަށް މީހުންގެ ހާލަތު ގޯސްވަމުން ދިޔަ އެވެ. އެ ޓްރައަލްގައި އިސްކޮށް ހުރި ޑެނިއަލް ބްރެޑްފޯޑް ދުވެފައި ސިޑިން ފައިބައިގެން ގޮސް އޭގެ ދެ ފްލޯ ތިރީގައި ހުރި އިންޓެންސިވް ކެއާ ޔުނިޓުން ދެ ޑޮކްޓަރަކު ދަމާހަލާ ގެންދިޔަ އެވެ.
ދާދިފަހުން ނޫހަކަށް ޑރ. ބްރެޑްފޯޑް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އެ ދުވަހު އޭނާ ވެސް ހުރީ ކޮންޓްރޯލުން ނެއްޓިފަ އެވެ. އެ ވަރު ނުވާންވީ ސަބަބެއް ނެތެވެ. ބޭސް ދިން އެންމެންގެ ހަށިގަނޑުގެ މަސައްކަތް ހުއްޓެނީކަން އޭނާއަށް އެނގެ އެވެ. އެއް ބަޔެއްގެ ތަންކޮޅެއް ލަހުން އަނެއް ބަޔަކު ވަރަށް ބާރު ސްޕީޑްގަ އެވެ.
ހުރިހާ އެންމެންނަށް އައިސީޔޫ އަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އެތަނުގައި ތިބި އެންމެ މޮޅު ކޮންސަލްޓެންޓުންނަށް ވެސް، ވެގެން އުޅެނީ ކީއްކަމެއް އަދި ފަރުވާ ކުރާނީ ކިހިނެއްކަމެއް ނޭނގުނެވެ.
އެންމެންގެ ގުނަަވަންތައް ދަނީ ފޭލްވަމުންނެވެ. ލޭގެ ޕްރެޝަރު އެއްގޮތަކަށް ވެސް ކޮންޓްރޯލެއް ނުވެ އެވެ. ދިފާއީ ނިޒާމަށް އަންނަ ރިއެކްޝަނެއްގެ ސަބަބުންނެވެ. މިއީ ސައިޓޯކީން ސްޓޯމް ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ. މިގޮތަށް ދިމާވަނީ އިންފެކްޝަނެއްގެ ސަބަބުންނެވެ. ނަމަވެސް އެނޫން މައްސަލައެއް ނަމަ ދެވޭ ފަރުވާއަކުން މި މީހުންގެ ފުރާނަދިއުން ވަރަށް ގާތެވެ.
އެވަގުތު އެތަނުގައި މަސައްކަތް ކުރެއްވި ޑރ. ސުންތަރަލިންގަމް ވިދާޅުވީ އެންމެ ގޯހެއް ހެދުނަސް އެންމެންގެ ދުވަސް ދާނެ ކަމަށެވެ. އެންމެފަހުން އެއީ ސައިޓޯކީން ސްޓޯމްސް ކަމަށް ނިންމައި އެކަމަށް ފަރުވާ ދޭން ފެށީ އެވެ. މި ކަމަށް އޮންނަނީ ސްޓެރޮއިޑް ޑޯޒް އެއް ދިނުމަށްފަހު އިންތިޒާރުގައި ތިބުމެވެ.
މިހާ ހިސާބުން މި ހަ މީހުންގެ އާއިލާއަށް އެ މީހުންގެ ހާލު އެންގި އެވެ. އެންމެންގެ އާއިލާތައް ހޮސްޕިޓަލަށް ޖަމާވި އެވެ.
"އޭނާގެ ދެ ކޯ އޮތީ ދުޅަވެފައި. ދެލޯ ވެސް ހީވަނީ ދެބައިވެފައި އިންހެން. މޫނު އިނީ ބޮޑު ބޯޅައެއްހެން ވެފައި. ބަނޑު ވެސް އެހާ ބޮޑަށް ފުފިފައި. މުޅި މީހާގެ ސިފަ ގެއްލިފައި ހުރި ވަރުން ބަލާލަން ވެސް ބިރުގަންނަވަރުވި،" ޑޭވިޑް އޭރު ކައިވެނިކުރަން އުޅުނު ކެޓުރީނާ ކެޓުރީނާ ބުންޏެވެ.
ޓްރަޔަލްގައި ބައިވެރިވި ގިނަ މީހުންގެ ފުންނާބާއި އަތުގެ އިނގިލިތައް ވަނީ ބުރިކޮށްފައި
ބޭހެއްގެ ޓްރައަލް އެއް ހިނގަމުންދިޔަ ތަނެއް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ކްރައިމް ސީން އަކަށް ބަދަލުވި އެވެ. އޭރުވެސް އެ ހަ މީހުން މަރާ ހަނގުރާމަ ކުރަނީ އެވެ.
ޑޭވިޑް ބައެއް ފަހަރަށް ހޭ އަރަ އެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ހޭނެތެ އެވެ. އައިސީޔޫގައި އެމީހުން ތިބޭތާ 48 ގަޑިއިރު ފަހުން ބައެއް މީހުންގެ ސިއްހަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ކަމަށް ޑރ. ސުންތަރަލިންގަމް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން ހަތަރު މީހުން ކުއްލިއަކަށް ހޭއެރި އެވެ.
ނަމަވެސް ރޮބް އާއި ޑޭވިޑް އައިސީޔޫ އިން ނެރެވުނީ އޭގެ ފަސް ދުވަސް ފަހުންނެވެ. އަދި ހޮސްޕިޓަލުން ގެއަށް ފޮނުވާލީ ދެ ހަފުތާ ފަހުންނެވެ. އެމީހުންގެ މުޅި ދިފާއީ ނިޒާމު ވަނީ ފުނޑުފުނޑުވެފަ އެވެ.
"އަހަރެންގެ ގުނަވަންތައް އަލުން މަސައްކަތް ކުރަން ފެށި ނަމަވެސް އަހަރެންގެ ގައިގެ މަސްތަކުގެ ބާރު ދެރަވެ އަހަންނެކޭ 80 އަހަރުވެފައިވާ މުސްކުޅިއެކޭ ތަފާތެއް ނެތް،" ޑޭވިޑް ބުންޏެވެ.
ފަހުން ޑޭވިޑްގެ ލޭ ޓެސްޓްކުރިއިރު ލިމްފޯމާ ކެންސަރު ޖެހުމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެއީ އެ ބޭހުން ވީ ކަމެއް ނޫން ކަމަށް ބުނި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެކަން ވެސް އޭނާގެ ސިއްހަތަށް ހިޔަނި އެޅުނެވެ. ނަމަވެސް ޑްރަގް ޓްރައަލް އަށް ތިން މަސް ވީތަނާ އޭނާ ކައިވެނި ކުރި އެވެ. ދެން އޭނާ ކަންބޮޑުވީ ލިބޭ ދަރިންނަށް އެ ބޭހުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެތީ އެވެ.
އަނެއް ދެ މީހުންނަށް ވުރެ ވެސް ރަޔަން ވިލްސަންގެ ހާލު މާ ބޮޑުވި އެވެ. އޭނާ ހަތަރު މަސް ދުވަހު ހޮސްޕިޓަލުގައި އޮތެވެ. އޭނާއަށް ނިއުމޯނިއާ އާއި ސެޕްޓިސީމިއާ ފަދަ ބަލިތައް ޖެހުނެވެ.
މިތަނުން ގިނަ މީހުންގެ އަތުގެ އިނގިލިތަކުގެ ކުރިތައް މަރުވެ ކަޅުވުމުގެ ސަބަބުން އެތަންތަން ބުރިކުރަންޖެހުނެވެ. ދެ ފައިގެ ފުންނާބުވެސް މަރުވެ އެ ބައިތައް ވެސް ބުރިކޮށްލި އެވެ.
މި މައްސަލައިގެ ފުރިހަމަ ތަހުގީގެއްކޮށް ހާދިސާއަށް ދެ މަސް ވީތަނާ ރިޕޯޓު ނެރުނެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓެސްޓްކުރުމަށް އިންސާނުންނަށް ބޭސް ދިން އިރު އެ ބޭސް ދެވޭނެ ރައްކާތެރި ޑޯޒެއް ކަނޑައަޅާފައެއް ނުވެ އެވެ. އަދި އިމަޖެންސީއެއް ދިމާވެދާނެކަމަށް ތައްޔާރުވެފައެއް ނެތެވެ.
އަދި އިންސާނުންގެ ލޭގެ ތެރެއަށް ބޭސް ދޫކޮށްފައި ވަނީ ރާމާމަކުނުގެ ގަޔަށް ބޭސް ދޫކުރި ވަރަށް ވުރެ 10 ގުނަ އަވަހަށެވެ. ނަމަވެސް ބޭސް ދިން މީހުންނަށް މިހާ ވަރުގަދަ ސައިޑް އިފެކްޓްސްތަކެއް ދެއްކި ގޮތެއް އެނގުނު ކަމަކަށް ނުވި އެވެ.
މި ބޭހުން އެންމެ ބޮޑުވަރުވި ރޮބް އާއި ޑޭވިޑަށް ބަދަލުގެ ގޮތުގައި 2009 ވަނަ އަހަރު ގިނަ އަދަދެއްގެ ފައިސާ ދީ ކޯޓުން ބޭރުގައި ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.
ނަމަވެސް އެ ޓްރައަލްގައި ބައިވެރި ވެވުނީތީ ރޮބް ހިތާމައެއް ނުކުރެ އެވެ. އޭނާ ބުނި ގޮތުގައި އެމީހުންނަށް ދިމާވި މައްސަލައިން، ބޭސް އުފެއްދުމުގެ މުޅި އިންޑަސްޓްރީއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާތީ އުފާވެ އެވެ. ޑޭވިޑް ވެސް ފާޅުކުރީ ހަމަ އެފަދަ ޚިޔާލެކެވެ. މިހާރު ތިން ދަރިންގެ ބައްޕައަކަށް ވެފައިވާ ޑޭވިޑް އަދިވެސް ގަބޫލުކުރަނީ މެޑިކަލް ޓްރަޔަލް ތަކަކީ ސައިންސްގެ ކުރިއެރުމުގެ އަސްލު ކަމަށެވެ.
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން
ވިއަގްރާގެ ފައިދާ އެހެން ކަމަކަށް
އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ފެނިއްޖެ
ކަދުރު: ގުދުރަތީ ބޭސް ގުޅައެއް
ދިރާސާތަކުގައި މީދާ ގުރުބާންކުރަނީ ކީއްވެ؟
އާއިލާގެ ނުރުހުމުގައި ލައިފްސަޕޯޓް ނައްޓާލަން ހުއްދަދީފި
ތަދު ކަނޑުވާ ބައެއް ބޭހުން އިވުމަށް އަސަރުކުރޭ
މޭ އަންދާތީ ދޭ ބޭހަކުން ސްޓްރޯކްގެ ނުރައްކާ
އެޗްއައިވީ ވައިރަސް ހުރި މީހަކު މުޅިން ފަސޭހަވެއްޖެ
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި