Roadha Mihaaru
ތަދު ކަނޑުވާ ބައެއް ބޭހުން އިވުމަށް އަސަރުކުރޭ

ތަދު ކަނޑުވާ ބައެއް ބޭސް އާންމުކޮށް ބޭނުންކުރުމުން އިވުމަށް އަސަރުކުރޭ

20 ޑިސެމްބަރ 2016

ޕެރެސިޓަމޯލް ނުވަތަ އައިބިއުޕްރޮފެން ކަހަލަ ތަދު ކަނޑުވާ ބޭސް އާންމުކޮށް ގިނަ ދުވަހު ބޭނުންކުރުމުން އިވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް، އާ ދިރާސާއަކުން ދައްކައިފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޕެރެސިޓަމޯލް ނުވަތަ އައިބިއުޕްރޮފެން ކަހަލަ ތަދު ކަނޑުވާ ބޭސް އާންމުކޮށް ގިނަ ދުވަހު ބޭނުންކުރުމުން އިވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް، އާ ދިރާސާއަކުން ދައްކައިފި އެވެ.

ދިރާސާގައި ބުނެފައިވަނީ ނަން-ސްޓްރޮއިޑަލް އެންޓި-އިންފްލެމޭޓަރީ ޑްރަގްސް (އެންއެސްއޭއައިޑީއެސް)ގެ އާއިލާގައި ހިމެނޭ އައިބިއުފްރޮފެން އާއި އެސިޓޮމިނޮފެންގެ އާއިލާ އަށް ނިސްބަތްވާ ޕެރެސިޓަމޯލްގެ މަތީ ޑޯޒްތައް، އާންމުކޮށް ބޭނުންކުރުމުން އަޑުއިވުމުގެ ހިއްސަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ނަމަވެސް ދިރާސާގައި ބޭނުންކުރި އުމުރުން 48 އަހަރާއި 73 އަހަރާ ދެމެދުގެ 54،000 މީހުންގެ ތެރެއިން އިވުމަށް އަސަރުކުރި މީހުންނަށް އެކަން ދިމާވީ ސީދާ އެ ބޭސްތަކުގެ ސަބަބުންނޭ ބުނަން އަދި އަވަހެވެ. އޭގެ އިތުރުން ދިރާސާގައި ބައިވެރިކުރީ ހަމައެކަނި ދޮން ނަސްލުގެ މީހުން ކަމުން، އާބާދީގެ ހުރިހާ ބައެއްގެ ތެރޭގައި އެ މައްސަލަ އޮތީ އެ މިންވަރަށް ކަން ވެސް ދިރާސާގައި ކަނޑައެޅޭ ވަރެއް ނުވެ އެވެ.

އެކަމަކު މިއީ އާންމު ސިއްހަތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކަށް މުހިންމު މައުލޫމާތެކެވެ. ސަބަބަކީ ދާއިމީ ގޮތެއްގައި، ދިގު މުއްދަތަކަށް އެ ވައްތަރުގެ ބޭސް ބޭނުންކުރުމުން އިވުމުގައި މައްސަލަތައް ޖެހިދާނެކަން ކުރިންސުރެ ވެސް ބެލެވޭތީ އެވެ. އަދި އެ ނޫން ވެސް ނުރައްކާތަކާ ކުރިމަތިވެދާނެ އެވެ.

ތަދު ކަނޑުވާ ބޭސް އާންމުކޮށް ނެގުން ކަމަށް ދިރާސާކުރި ފަރާތްތަކުން ކަނޑައަޅާފައި ވަނީ ހަފުތާއަކު ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަހު، މަދުވެގެން އެއް އަހަރާއި ހަ އަހަރުގެ މުއްދަތެއްގައި ބޭނުންކުރުމަށެވެ.

ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން އިވުމުގައި މައްސަލަ ޖެހުނު ކަމަށް ބުނި މީހުންގެ ހަތަރު ޕަސެންޓް މީހުންނަށް އެކަން ކުރިމަތިވީ އެންއެސްއޭއައިޑީއެސްގެ އާއިލާގެ އައިބިއުފްރޮފެން ސަބަބުން ކަމަށް ވެދާނެ ކަމަށް ދިރާސާގައިވެ އެވެ. އަދި 1.6 ޕަސެންޓް މީހުންނަށް އެ މައްސަލަ ދިމާވީ ޕެރެސިޓަމޯލްގެ ސަބަބުން ކަމަށް ލަފާކުރެވެ އެވެ.

ތަދު ކަނޑުވަން އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށް ވާ އެސްޕްރިންގެ މައުލޫމާތެއް މި ދިރާސާގައި ހިމަނާފައެއް ނުވެ އެވެ.

ކަންފަތަށް އިވުމުގައި މައްސަލަތަކެއް ހުރިކަން ކަނޑައެޅީ ދިރާސާގައި ބައިވެރިކުރި މީހުން ކައިރީ ސުވާލުކޮށްގެންނެވެ. އެއްވެސް ކަހަލަ ޓެސްޓެއް ހަދައިގެންނެއް ނޫނެވެ.

އެކަމަކު މިއީ ތަދު ކަނޑުވާ ބައެއް ކަހަލަ ބޭސް، ހިތުހުރި ގޮތަކަށް ބޭނުންކުރުމުގައި ނުރައްކަލެއް އޮވެދާނެކަން އަންގައިދޭ އާ ހޯދުމެކެވެ. ތަދު ކަނޑުވާ ބޭސް ނެގުން ރަނގަޅީ، ޑޮކްޓަރުންގެ ލަފަޔާ އެކު، ވަކި ޑޯޒެކެވެ. އަދި އެއިން ބޭހެއް އާންމުކޮށް ނުކައި ހުރެވޭތޯ ބެލުން އެއީ އެންމެ ރަނގަޅު ގޮތެވެ.