Roadha Mihaaru
ޕީއެންސީ އަށް 66، އެމްޑީޕީ އަށް 12

ވަގުތީ ނަތީޖާ: ޕީއެންސީ އަށް 66، އެމްޑީޕީ އަށް 12

22 އެޕްރީލް 2024

އިއްޔެ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިއްޔެ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް 12، މިނިވަން 11، އެމްޑީއޭ 2 އަދި އެމްއެންޕީ އަށް އެއް ގޮނޑި ލިބިފައި ވެ އެވެ. މި ނަތީޖާ އާ އެކު ޕީއެންސީން ސުޕަ މެޖޯރިޓީ ނަގަ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އަކީ 93 މެމްބަރުންގެ ތެރެއިން ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ވޯޓެވެ. ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ލިބެނީ އެ ޕާޓީގެ ސީދާ ޓިކެޓްގައި ވާދަކޮށްގެން ކާމިޔާބު ކުރި 66 ގޮނޑި އާއި ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ދެ ގޮނޑި އާއި ސަރުކާރުން ޖޭޕީގެ ގޮނޑި އާއި އެންޑޯޒްކޮށްގެން އަމިއްލަ ގޮތުން ވާދަކުރެއްވި ހަތަރު ބޭފުޅަކު ހޯއްދެވި ގޮނޑިއާ އެކު ޖުމްލަ 74 ގޮނޑިއާ އެކު އެވެ.

ޕީއެންސީން ވަނީ މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ބައެއް ކެންޑިޑޭޓުންނާއި ބައެއް ޕާޓީތަކުގެ މެމްބަރުންނަށް ވެސް ތާއީދުކޮށްފަ އެވެ. އޭގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރި ހަތަރު ކެންޑިޑޭޓަކު އިންތިހާބުވި އެވެ.

މަޖިލިސްގެ އިންތިހާބުގެ ކެމްޕެއިން ނިންމަށް، ޕީއެންސީން ބޭއްވި ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، މަޖިލީހަށް އިންތިހާބުކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުންވަނީ 70 ގޮނޑި އެވެ.

އެ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 93 ދާއިރާއަކަށް ވާދަކޮށްގެން، ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި އެމްޑީޕީން 65 ދާއިރާއެއް ކާމިޔާބުކުރިޔަސް އެތައް އަހަރެއް ވަންދެން އެ ޕާޓީ ތަމްސީލުކުރި މެމްބަރުންނަށް މިފަހަރުގެ އިންތިހާބުގައި ނާކާމިޔާބުވީ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކު އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކު އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: އެމްޑީޕީ

ވަގުތީ ނަތީޖާގައިވާ ގޮތުން މި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއެންޕީ އަށް އެއް ދާއިރާ ކާމިޔާބުކުރެވުނުވެ. އަދި އެމްޑީއޭ އަށް ދެ ގޮނޑި ކާމިޔާބުވި އެވެ.

ޖުމްހޫރީ ޕާޓީން ވެސް އެއް ދާއިރާ ކާމިޔާބުކުރިއިރު އަމިއްލަ ގޮތުން ވާދަކުރި 10 ކެންޑިޑޭޓަކު މި އިންތިހާބު ކާމިޔާބުކުރި އެވެ. މިއީ އަމިއްލަ ގޮތުން ވާދަކުރި މިހާ ގިނަ ކެންޑިޑޭޓުން މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާނެ ފުރަތަމަ ފަހަރެވެ.

މި އިންތިހާބުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. އެ ޕާޓީން 39 ދާއިރާއަށް ވާދަކޮށްގެން އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ. އަދި އަދާލަތު ޕާޓީއަށް ވެސް މި އިންތިހާބުގައި އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.